ލ. އަތޮޅުގެ ތަށި ގެއްލުމުން ގަމުން ޒޯނަށް ނުކުތީ ޓީމު ވަރުގަދަކޮށްގެން ކަމަށާއި، ތ. ތިމަރަފުށި ބަލިކޮށްގެން ޒޯނު ފެށުން އެއީ ރަނގަޅެއް ކަމަށް ގޯލްކީޕަރު މުހައްމަދު ލުފްޝާން (ޕަފް) ބުނެފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޒޯން ބުރުގެ ފޯރިގަދަ މެޗުތައް ރެހެންދި ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ އިރު، ތ އަދި ލ. އަތޮޅު ޓީމުތައް ވާދަކުރާ ޒޯން ހައެއްގެ ކުޅުން ފެށީ ރޭގައެވެ. އެ ޒޯނުގައި ލ. އަތޮޅުގެ އާ ޗެމްޕިއަން އިސްދޫއާއެކު އެ އަތޮޅުގެ ރަނަރަޕް ގަން ވާދަކުރާ އިރު، ދެން ވާދަކުރަނީ ތ. އަތޮޅުގެ ޗެމްޕިއަން ތިމަރަފުއްޓާއި ރަނަރަޕް ހިރިލަންދޫއެވެ.
އަތޮޅު ތަށި ގެއްލިފައި އޮތް ގަމުން ރޭ ތިމަރަފުށި ކައިރިން 1-0 އިން މޮޅުވި އިރު، އެއީ އެޓީމަށް ލިބުނު ފުރުސަތެއް ކަމަށް ކީޕަރު ޕަފް ބުންޏެވެ.
"ވަރަށް ހާޑްކޮށް ދިޔައީ. ދެން ތިމަރަފުއްޓަކީ އަބަދުވެސް އެންމެ ޗެލެންޖިން ޓީމު ޒޯނުގައި. އަތޮޅު ފައިނަލުގައި ތަށި ގެއްލިގެން ދިޔައިމާ އޭގެން ފިލާވަޅު ނަގައިގެން އަހަރެމެން ބޭނުންވީ ޓީމު ހިއްލާލަން. ދެން އެނގޭ ތިމަރަފުށި މެޗު ނަގައިގެން ހިއްލާ ލެވޭނީ، އެހެންވެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެގެން މެޗަށް ނުކުތީ،" ޕަފް "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
މީގެ ކުރިން 2023 ވަނަ އަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދި ގަމަށް މިއަހަރު އަނިޔާގެ މައްސަލަތަކާ ވަނީ ކުރިމަތިވެފައެވެ. ހުސައިން ޝަރީފް (އޮންލީ) އަށް ބޮޑު އަނިޔާއެއްވެ، މުބާރާތް ނުކުޅެވޭ އިރު، އަތޮޅު ބުރު ފެށި އިރު، އަލީ ސާމިސް (ތޮއްޕެ)ވެސް ހުރީ އަނިޔާގައެވެ.
އެހެންނަމަވެސް، ރޭގެ މެޗުގައި ތޮއްޕެ ކުޅެން ނުކުމެފައިވާ އިރު، ޒޯނަށް ހަސަން ފަވާޒް (ފައްވަ)ވެސް ވަނީ ޓީމަށް އިތުރުކޮށްފައެވެ.
"ވަރަށް ބޮޑު ހިތްވަރެއް ތޮޮއްޕެއާއި ފައްވަ ޓީމަށް އައީމަ. އެއީ ޑިފެންސިވްލީ ވަރަށް މުހިންމު ދެ ކުޅުންތެރިން. ބަދަލަކަށް ބެލިޔަސް މުހިންމު ވަގުތު ބޭނުންކުރެވޭނެ ދެ ކުޅުންތެރިން. އެ ދެ ކުޅުންތެރިން އައީމަ ކޮންފިޑެންސް ރަނގަޅު ވެގެން ދިޔައީ،" ޕަފް ބުންޏެވެ.
ރޭގެ މެޗުގައި ގަމަށް ހަމައެކަނި ގޯލު ޖަހައިދިނީ އަހުމަދު އަޖުވަދެވެ. އަޖުވަދު މިފަހަރު މުބާރާތަށް އައީ އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުރުމަށްފަހުއެވެ.
"އަޖޭއަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްވަރެއް އެއީ މުހިންމު މެޗެއްގައި ގޯލެއް ޖެހުން. އެއީ އަޖޭ އެނބުރި އެ ނުކުތީ ވަރަށް ގިނަ ކަންތައްތަކެއް ސެކްރިފައިސްކޮށްގެން، ވަރަށް ބުރަކޮށް މަސައްކަތްވެސް ކޮށްގެން. އެހެންވީމަ ޓީމަށްވެސް ވަރަށް މުހިންމު ގޯލެއް. އަދި އަޖޭއަށްވެސް ވަރަށް މުހިންމު ގޯލެއް ފެނިގެން އެ ދިޔައީ،" އަޖުވަދުގެ ގޯލާ ގުޅިގެން ޕަފް ބުންޏެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް