ފުވައްމުލަކު ސިޓީން މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބައިވެރިވި ހަމައެކަނި ޓީމު ދަނޑިމަގަށް ޒޯނަކީ ޗެލެންޖެއް ނަމަވެސް، އެއްވެސް ވަރަކަށް ދޫދިނުމުގެ ވިސްނުމެއް ޓީމުގައި ނެތް ކަމަށް ތަޖުރިބާކާރު ގޯލްކީޕަރު އިސްމާއީލް ފާތިހު (ތާޑޭ) ބުނެފިއެވެ.

ފުވައްމުލަކުން އެއް ޓީމު ބައިވެރިވެފައިވުމާއެކު ދަޑިމަގުން މުބާރާތުގައި ވާދަކުރަން ފެށީ ޒޯން ބުރުންނެވެ. ޒޯން ހަތެއްގައި ދަޑިމަގުން ވާދަކުރަމުންދާ އިރު، އެ ޒޯނު ކުރިއަށްދަނީ ދެ ގްރޫޕަކަށެވެ. ގްރޫޕް އޭގައި ހިމެނެނީ ގއ. އަތޮޅުގެ ޗެމްޕިއަން ދެއްވަދޫއާއި ރަނަރަޕް ވިލިނގިލީގެ އިތުރުން ފުވައްމުލަކު ދަޑިމަގާއި ގދ އަތޮޅުގެ ޗެމްޕިއަން ވާދޫ އެވެ.

އެ ޒޯންގެ ގްރޫޕް ބީގައި ހިމެނެނީ ގދ. އަތޮޅުގެ ރަނަރަޕް ގައްދޫއާއި އައްޑޫ ޗެމްޕިއަން ފޭދޫ އަދި ރަނަރަޕް ހިތަދުއެވެ.

ދަޑިމަގުން މިހާތަނަށް ކުޅުނު ދެ މެޗުން އެޓީމަށް ހަތަރު ޕޮއިންޓް ލިބިފައިވާ އިރު، ރޭ ވަރުގަދަ ދެއްވަދޫ ބަލިކުރީ 2-1 އިންނެވެ. އޭގެ ކުރިން ވާދުއާ އެއްވަރުކުރީ 1-1 ގެ ނަތީޖާއަކުންނެވެ.

"އެއްވެސް މެޗެއް ނުކުޅެ ޒޯނަށް އަންނަން ޖެހޭތީ އެއީ އުނދަގޫ ކަމެއް. އެހެން ޓީމުތައް މި އަންނަނީ ގާތްގަނޑަކަށް ބޮޑު މުބާރާތެއް ނިންމާފައި. އެ ޓީމުތަކުގެ ކުޅުންތެރިން ވަރަށް ބޮޑަށް ގުޅޭނެ. ކޮމްބިނޭޝަން ރަނގަޅުވާނެ. އަހަރެމެންނަށް އެ ޗެލެންޖް އޮތަސް، މި ބަލަނީ އިތުރަށް ޓަފްކޮށް ޖައްސައިގެން ކުރިއަށް އޮތްތަނުގައި މޮޅުވާން،" ތާޑޭ ރޭގެ މެޗަށްފަހު ބުންޏެވެ.

ތާޑޭ ބުނީ ގްރޫޕް ސްޓޭޖުގައި ދެން ވިލިނގިިއްޔާ ދެކޮޅަށް ކުޅެން އޮތް މެޗަށްވެސް ނުކުންނާނީ ވަރުގަދައަށް ކަމަށާއި، އެއްވެސް ވަރަކަށް ދޫ ދިނުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"ދެން އޮތް ފަހު މެޗަށްވެސް ނުކުންނާނީ އެހެން މެޗުތަކަށްވެސް ނުކުތް ގޮތަށް. އެއްވެސް ވަރަކަށް ފަސޭހައެއް ނުކުރާނަން. ދޫ ދޭ ގޮތަކަށް ނޫން ޓީމު މިއޮތީއެއް،" ތާޑޭ ބުންޏެވެ.