ޕީއެސްޖީއަށް ކުޅެމުން އަންނަ މާކޯ އަސެންސިއޯ، އިނގިރޭސި ޕްރިމިއާ ލީގުގެ އެސްޓަން ވިލާއަށް ބަދަލުވާން އެއްބަސްވެއްޖެއެވެ.

އިތުބާރު ނޫސްތަކުން ބުނީ ވިލާއިން އަސެންސިއޯ ގެންދަން ހުރިހާ ކަމެއް ނިންމާފައިވާ ކަމަށާއި، މިއަދުގެ ވަގުތެއްގައި އޭނާ އިނގިރޭސިވިލާތަށް ދާނެ ކަމަށެވެ. އުމުރުން 29 އަހަރުގެ އަސެންސިއޯ، ރެއާލް މެޑްރިޑްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު ޕީއެސްޖީއަށް ބަދަލުވީ މިދިޔަ ސީޒަނަށެވެ.

ހިލޭ ޓްރާންސްފާއެއްގައި ޕީއެސްޖީއަށް ބަދަލުވިފަހުން އަސެންސިއޯއަށް އެ ކްލަބުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ފުރަތަމަ 11 އިން ޖާގަ ނުލިބުމެވެ. މިހާތަނަށް ޕީއެސްޖީއަށް ބަދަލުވިފަހުން އޭނާއަށް ފުރުސަތު ލިބުނީ 47 މެޗުގައެވެ. އޭގެ ތެރެއިން ގިނަ މެޗުތަކަށް އޭނާ ބެންޗުން ނުކުމެފައިވާ އިރު، މިހާތަނަށް މި ސީޒަނުގައި އޭނާ ކުޅުނީ 16 މެޗެވެ.

ވިލާގެ ކޮލޮމްބިއާ ފޯވަޑް ޖޯން ޑުރާން، ސައުދީ އަރަބިއާގެ އަލް ނަސްރަށް ބަދަލުވާން ނިންމާފައިވުމާއެކު، އެ ކްލަބުން ދަނީ އޭނާ ނެތްތަން ފޫބައްދަން މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ބްރޫޝިއާ ޑޯޓްމުންޑްގެ ޑޮންޔެލް މާލެންވެސް ކްލަބަށް ގެންގޮސްފައިވެއެވެ.

އަސެންސިއޯގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ މާކަސް ރަޝްފޯޑު، ލޯނު އެއްބަސްވުމެއްގައި ހޯދަންވެސް ވިލާއިން އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ޔުނައިޓެޑާ އަލަށް ހަވާލުވި ކޯޗު، ރުބެން އަމޯރިމް 12 ޑިސެމްބަރު ފަހު ރަޝްފޯޑަށް މެޗަކުން ފުރުސަތު ދީފައެއް ނުވެއެވެ. އެއީ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު ޑާބީ މެޗުން ފުރުސަތު ނުދިނުމާއެކު ރަޝްފޯޑު އެކަމާ ހިތްހަމަ ނުޖެހި، މީޑިއާއަށް ވާހަކަ ދެއްކި ހިސާބުންނެވެ.

ކޯޗު އަމޯރިމް ބުނީ ރަޝްފޯޑުގެ ފަރާތުން ކަންނެތްކަން ފެނުނު ކަމަށާއި، އުމުރުން 63 އަހަރުގެ ގޯލްކީޕަރު ކޯޗު އަރުވަން ޖެހުނަސް، އެ ވިސްނުމުގައި ހުއްޓާ ރަޝްފޯޑު ނާރުވާނެ ކަމަށެވެ.

އެއާއެކު ކޯޗާ ގުޅުން ގޯސްވެ، މި ޓްރާންސްފާ ވިންޑޯގައި ޔުނައިޓެޑް ދޫކޮށްލަން ރަޝްފޯޑު މަސައްކަތް ކުރަމުން އަންނަ އިރު، ވިލާ ކޯޗު އުނައި އެމެރީއަކީ ރަޝްފޯޑުގެ ބޮޑު ސަޕޯޓަރެކެވެ. ރިޕޯޓުތައް ބުނާގޮތުގައި ވިލާއިން ބަލަމުން އަންނަނީ ރަޝްފޯޑުވެސް ލޯނެއްގައި ގެންދިޔުމަށެވެ.