އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލުން ރޭ ކުޅުނު މެޗުގައި ބޯންމައުތު ކައިރިން މޮޅުވެއްޖެއެވެ.

ބޯންމައުތު ކައިރިން ލިވަޕޫލް ރޭ ރަށުން ބޭރުގައި މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ލިވަޕޫލް ތާވަލުގެ އެއްވަނައިގައި އޮތީ 23 މެޗުން 56 ޕޮއިންޓާއެކު، ނުވަ ޕޮއިންޓްގެ ލީޑެއްގައެވެ. ދެވަނައިގައި އޮތް އާސެނަލަށް 23 މެޗުން ލިބިފައި ވަނީ 47 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓަށްވެސް 24 މެޗުން 47 ޕޮއިންޓް ލިބިފައިވާ އިރު، އެޓީމުން ރޭ ވަނީ ލީގުގައި ބްރައިޓަން ކައިރިން 7-0 އިން މޮޅުވެފައެވެ.

ރޭގެ މެޗުގައި ލިވަޕޫލުން ވިދާލީ މިސްރުގެ ތަރި މުހައްމަދު ސަލާހެވެ. މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލާނެ ކަމަށް ބެލެވިފައިވާ ސަލާހްގެ ފަރާތުން ތަފާތު މޮޅު ފޯމެއް ފެންނަމުންދާ އިރު، ރޭ އޭނާ ފުރަތަމަ ގޯލު ޖެހީ 30 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އެ ޕެނަލްޓީއަކީ ލެވިސް ކުކް، އޭރިއާ ތެރެއިން ކޯޑީ ގަކްޕޯގެ ފައިގައި އަޅައިގަތް ކަމަށްބުނެ، ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި ސީޒަނުގެ މިހާތަނަށް އާސެނަލާއި މެންޗެސްޓާ ސިޓީވެސް ބަލިކޮށްފައި އޮތް ބޯންމައުތުން ގޯލެއް ޖަހަން ފުރަތަމަ ހާފުގައި ކުރި މަސައްކަތުގައި އެންޓޮއިން ސަމެންޔޯ ފޮނުވާލި ހަމަލާ އަމާޒުވީ ދަނޑިއަށެވެ.

އޭގެފަހުން ދެވަނަ ހާފުގައިވެސް ސަމެންޔޯއަށް ފުރުސަތެއް ލިބި ބޭކާރުވި އިރު، މާކަސް ޓަވާނިއޭ ފޮނުވާލި ހަމަލާވެސް އަމާޒުވީ ދަނޑިއަށެވެ.

ބޯންމައުތަށް ފުރުސަތުތައް ބޭނުން ނުކުރެވިގެން ދިއުމުގެ ފައިދާ ނަގައި ލިވަޕޫލް ނަތީޖާ ޔަގީންކުރީ ސަލާހް، 75 ވަނަ މިނެޓުގައި ޖެހި ގޯލުންނެވެ.

މި ސީޒަނުގައި އެކަނިވެސް ލީގުގައި ސަލާހް ވަނީ 21 ގޯލު ޖަހައިފައެވެ. މިއީ އޭނާ 20 ގޯލަށްވުރެ އިތުރަށް ކާމިޔާބުކުރި ފަސްވަނަ ސީޒަނެވެ. ސަލާހް ޕްރިމިއާ ލީގުގައި 178 ގޯލު ހަމަކުރުމާއެކު އޭނާއަކީ މިހާރު ލީގު ތާރީހުގައި ހަވަނަކަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. ކުރިން ހަވަނައިގައި އޮތީ 177 ގޯލު ޖެހި ޗެލްސީ ލެޖެންޑް ފްރޭންކް ލަމްޕާޑެވެ.