ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކ. އަތޮޅު ތަށި ހޯދި މާފުށީ ޓީމުގެ ތަފާތަކީ އެޓީމުން ކަށިން ނެރުނު ހިތްވަރު ކަމަށް ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އިބްރާހީމް މުބީން އަހުމަދު ރަޝީދު (މުއްކި) ބުނެފިއެވެ.

ކ. އަތޮޅު ފައިނަލުގައި ރޭ މާފުށިން ކާށިދޫގެ މައްޗަށް ކުރި ހޯދީ 0-1ގެ ނަތީޖާ އަކުންނެވެ. މިއީ މާފުށިން ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ތަށި ނެގި ދެވަނަ ފަހަރެވެ. މީގެ ކުރީން އެ ޓީމުން އަތޮޅު ޗެމްޕިއަންކަން ހޯދީ 2018 ވަނަ އަހަރުއެވެ.

"މިއީ ޓީމު އެންމެންނަށް ރަށު އެންމެނާ، ކައުންސިލާވެސް ގުޅިގެން ކުރި ބުރަ މަސައްކަތް އަދި ހިތްވަރު. އަލްހަމްދު ﷲ. މިއީ ކުޅުންތެރިން ވި ބޮޑު ގުރުބާނީއެއް. އެއްވެސް މެޗަކުން ބަލިނުވެ ތަށި ހޯދުނީ ކަށިން ހިތްވަރު ނެރެގެން ކުރި މަސައްކަތުން،" މުއްކި ރޭގެ މެޗަށްފަހު "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

ފައިނަލުގައިވެސް މާފުށިން ވަރަށް ރަނގަޅު ރޭޓެއްގައި މަސައްކަތް ކުރިތަން ފެނިގެން ގޮސްފައިވާ އިރު، އޭނާ ބުނީ ޓީމުގެ ތަމްރީނުތަކަށް އެކަށީގެންވާ ވަގުތު ނުލިބުނު ނަމަވެސް، ކޯޗު އަހުމަދު ތޯހާއާއެކު ރަނގަޅު މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ.

"މިއީ ވަރަށް ކުރު މުއްދަތެއްގެ މަސައްކަތް. ބޭނުންހާ ގޮތަކަށް ޕްރެކްޓިސް ނުވެސް ކުރެވޭ. މަހެއްހާ ދުވަސް ތެރޭގައި ކުރި މަސައްކަތް މިއީ. ކުޅުންތެރިން ބިޒީވެސްވީމަ، ވަރަށް އުނދަގޫކޮށް ތަމްރީނުތައް ކޮށްގެން ނުކުތީ،" މުއްކި ބުންޏެވެ.

ފުޓްސަލްގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ މުއްކި ބުނީ ޒޯން ބުރަށް ނުކުންނައިރު، ޓީމު އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތައް ބަލައި، އެކަމަށް ސަމާލުކަން ދޭނެ ކަމަށެވެ.