ތިމަރަފުއްޓަކީ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން މީގެ ކުރިން މުބާރާތް ތިން ފަހަރު ކާމިޔާބު ކޮށްފައިވެއެވެ. ބެޖު މަތީގައިވާ ތިން ތަރި، ހަތަރު ތަރިއަށް ބަދަލުކުރަން އެޓީމުން ކުރަމުންދާ ދަތުރުގައި ރޭ ވަނީ ހަތްވަނަ ފަހަރަށް އަތޮޅު ޗެމްޕިއަން ހޯދައިފައެވެ.

ތިމަރަފުށިން މިހާތަނަށް އަތޮޅު ތަށި ހޯދި އަހަރުތަކަކީ، 2016، 2017، 2018، 2019، 2022، 2024، އަދި 2025 އެވެ. މީގެ ކުރިން ހޯދި ކާމިޔާބީތަކުގައި ހިއްސާ ނުވެވުނު ނަމަވެސް، ތިމަރަފުށިން މިފަހަރު ވިދާލީ އާ ތަރިއެކެވެ. ތިމަރަފުށީގެ ތަރިންގެ ލިސްޓަށް އާ ތަރިއެއް އިތުރުވެއްޖެއެވެ. އަފްލާޒް އަހުމަދަކީ މިފަހަރު ލީގު ބުރުގައި އެޓީމަށް އެންމެ ތަފާތު ދެއްކި ކުޅުންތެރިޔާއެވެ.

އަފްލާޒްގެ ހިތްގައިމު ގޯލުތަކާއި މޮޅު ނެއްޓުންތައް އަތޮޅު މެޗުތަކުގައި ފެނިގެން ދިޔަ އިރު، އޭނާއަކީ ފައިނަލް މެޗުގެވެސް މޮޅު ކުޅުންތެރިޔާއެވެ.

"މިފަހަރު އަތޮޅު ބުރު މި ދިޔައީ ވަރަށް އުނދަގޫކޮށް. 10 ޓީމަކުން ވާދަކޮށް ތަށްޓާ ހަމައަށް މިއައީ. ތިމަރަފުށި ތަށްޓާ ހަމައަށް ދިޔައީ ޓީމު ހަމަ ވަރަށް ބުރަކޮށް މަސައްކަތްކޮށް، އެއްބައިވަންތަވެސް ވެގެން. އިރާދަކުރެއްވިއްޔާ ތަށި ނެގިފައި މިއޮތީ. އަލަށް އަޅުގަނޑު ކުޅުނު ފަހަރުވެސް ތަށި ނެގުމަކީ ވަރަށް އުފާވާ ކަމެއް،" ރޭގެ މެޗަށްފަހު އަފްލާޒް "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

އުމުރުން އެންމެ 18 އަހަރުގެ އަފްލާޒް ބުނީ މިހާރު ފޯކަސް ހުރީ ޒޯން ތަށިވެސް ނަގަން ކަމަށާއި، ގޯލްޑަންގައި ތިމަރަފުށި ކަހަލަ ވަރުގަދަ ޓީމެއް ތަމްސީލުކުރުމަށް މުޅިން އަލަށް ލިބުނު ފުރުސަތުގައި ތަފާތު ދެއްކުމަކީ ލިބުނު ފަހުރެއް ކަމަށެވެ.

"ވަރަށް އުފާވޭ އަސްލު މި ޓީމުން ފުރުސަތު ލިބި، ކޮންފިޑެންސް ހުރެގެން މުބާރާތުގައި ކުޅެވުނީތީ. ދެން ގޯލުތައް ޖެހުމާއި ޓީމުގައި ކުޅެވުނު ކުޅުމަކީ ވަރަށް އިތުބާރާއެކު ކުޅެގެން ދެއްކުނު ތަފާތެއް،" އަފްލާޒް ބުންޏެވެ.

ތ. އަތޮޅު ފައިނަލުގައި ތިމަރަފުށިން ހިރިލަންދޫ ބަލިކުރީ 2-1 ގެ ނަތީޖާއަކުންނެވެ. ހިރިލަންދޫން މުޅިން އަލަށް އަތޮޅު ފައިނަލަށް ނުކުމެ ތިމަރަފުށި ކައިރިން ހިތްވަރު ކުރި ނަމަވެސް، ތިމަރަފުށި ފެނުނީ ފައިނަލްތަކުގެ ތަޖުރިބާ ބޮޑުކޮށެވެ.

ތިމަރަފުށިން ޒޯނުގައި ނުކުންނާނީ ރޭ އެޓީމު ކައިރިން ބަލިވި ތ. އަތޮޅުގެ ރަނަރަޕް ހިރިލަންދޫގެ އިތުރުން ލ. އަތޮޅު ޗެމްޕިއަން އިސްދުއާއި ރަނަރަޕް ގަމާ ދެކޮޅަށެވެ.