ގޯލްޑަން ފުޓްސަލް ޗެލެންޖު ބ. އަތޮޅުގެ ޗެމްޕިއަންކަން، އެންމެފަހުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ޓީމު އޭދަފުށިން ހޯދައިފިއެވެ.

ބ. އޭދަފުށިން މިފަހަރު މުބާރާތުގެ އަތޮޅު ފައިނަލުގައި ރޭ ތުޅާދޫ ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ބ. އަތޮޅުގެ ލީގު ބުރުގައި ތިން ޓީމު ވާދަކުރި އިރު، އެ ތިން ޓީމުވެސް ފެނުނީ ވާދަވެރިކޮށެވެ. ފުރަތަމަ މެޗުގައި އޭދަފުށި ތުޅާދޫ ކައިރިން 1-0 އިން މޮޅުވި އިރު، ދެން ކުޅުނު މެޗުގައި ތުޅާދޫން ވަނީ ފެހެންދޫ ކައިރިން 1-0 އިން ބަލިވެފައެވެ. ފެހެންދުއަށް ފައިނަލުން ފުރުސަތު ގެއްލުނީ ފަހު މެޗުގައި އޭދަފުށި ކައިރިން 2-0 އިން ބަލިވުމުންނެވެ.

ރޭގެ ފައިނަލުގެ ފުރަތަމަ ކޮޅުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، އޭދަފުށިން ލީޑު ނެގީ އަހުމަދު އަޝްރަފު ޔޫސުފް (ސޮބީ) ޖެހި ގޯލަކުންނެވެ. މެޗަށް ތުޅާދޫން ނުކުތީ އެޓީމުގެ ދެވަނަ ކީޕަރު އަހުމަދު ޖައިލަމްއާ އެކުގައެވެ. ސޮބީގެ ގޯލަކީ ކީޕަރު ޖައިލަމް އަތުން ހެދުނު ގޯހެކެވެ.

އޭގެ އިރުކޮޅެއްފަހުން ތުޅާދޫ އެއްވަރުކުރި އިރު، ތުޅާދޫގެ ގޯލު ޖެހީ އަރުސަމް އިސްމާއީލެވެ.

ދެވަނަ ހާފު ތެރޭގައި އޭދަފުށިން ކުޅުން ރަނގަޅުކުރި އިރު، މުހައްމަދު ފާސިރު (ފާއްޓެ) ދިން ބޯޅައަކުން ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ވަނީ އޭދަފުށީގެ ދެވަނަ ގޯލު ޖަހައިފައެވެ. އޭދަފުށިން ނަތީޖާ ޔަގީންކުރީ ހުސެއިން ޝަރީފް (މުޑާ) ޖެހި ހިލޭ ޖެހުމަކުންނެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޕޮގްބާއެވެ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އޭދަފުށީގެ ކީޕަރު އަބްދުﷲ ނާސިހުއެވެ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ ހުސައިން ޝަރީފު (މުޑާ) އެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެ އެވެ.

މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.