ރައްޔިތުންގެ މަޖިލިސް މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހަކީ ގާނޫނުއަސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ އެ އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ ބެންޗު ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން (ފުލް ބެންޗުން) ބަލާގޮތަށް ހަމަޖައްސައިފިއެވެ.
ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސެއިން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅައިފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 24 ގަ އެވެ. ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައިގެންފައިވަނީ އެ މަހުގެ 27 ގަ އެވެ.
ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބަވަނީ ހަތް ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާންގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. އިބްރާހިމް ދީދީ، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ.
އެ ކޯޓުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް މިއަންނަ މަހުގެ ތެރޭގައި ފަށާނެ ކަމަށާއި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާނީ އުއްތަމަ ފަނޑިޔާރު ކަމަށެވެ. އަދި ވިދާޅުވީ މައްސަލަ ބައްލަވާނީ ކޯޓުގެ ފުލް ބެންޗުން ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އަލީ ހުސައިން ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގެ ތެރެއަށް ތަދައްހުލްވުމަށް އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް އެދިފައިވާ ކަމަށާއި އެ ކަމަށް ހުއްދަ ދީފައިވާ ކަމަށެވެ.
އޮފިޝަލު ވިދާޅުވީ އެ މައްސަލައަށް ތަދައްހުލުވުމުގެ ފުރުސަތު އެ ދެޕާޓީއަށް ކޯޓުން ދިން ނަމަވެސް މައްސަލައިގެ ޝަރީއަތުގެ މަރުހަލާގައި ދައްކާ ވާހަކައިގެ ލިޔެކިޔުންތައް ކޯޓަށް އަދި ހުށަހަޅައިފައި ނުވާ ކަމަށެވެ.
ސުޕްރީމް ކޯޓަށް މި ދުސްތޫރީ މައްސަލަ ހުށަހެޅުއްވި ސަބަބު ހާމަކުރައްވަމުން އަލީ ހުސެއިން ވިދާޅުވެފައިވަނީ އެއީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ހިލާފަށް އަދި ގާނޫނުއަސާސީގެ އޮނިގަނޑާވެސް ހިލާފަށް ގެނެސްފައިވާ އިސްލާހެއް ކަމަށެވެ. އެހެންކަމުން އެ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށެއްޅުވީ ކަމަށެވެ.
ގާނޫނު އަސާސީގެ ބައެއް މާއްދާތަކާ އެ އިސްލާހު ހިލާފުވާ ކަމަށް އަލީ ހުސެއިން ވިދާޅުވެފައިވާއިރު، ގާނޫއަސާސީގެ ހަތަރު ވަނަ މާއްދާގައި ރައްޔިތުންގެ ބާރު ކަމަށް ބުނެފައިވަނީ، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށެވެ. އަދި މި ބާރުތައް ދެމި އޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ. ގާނޫނު އަސާސީގެ ސިޔާދަތު ބަޔާންކޮށްފައިވާ، 8 ވަނަ މާއްދާގައި ބުނަނީ ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިނގާން ވާނީ ގާނޫނު އަސާސީގައި ވާގޮތުގެ މަތީން ކަމަށެވެ.
ވޯޓު ދިނުމުގެ ހައްގާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގު ބަޔާންކޮށްފައިވާ 26 ވަނަ މާއްދާގައި ބުނަނީ ގާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު އުމުރުން 18 އަހަރުން މަތީގެ ކޮންމެ ރައްޔިތަކަށްމެ އަންނަނިވި ހައްގުތައް ލިބިގެން ވާ ކަމަށެވެ.
އެ މާއްދާގެ (ހ) ގައި ބުނަނީ އިންތިހާބުތަކާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓުތަކުގައި ވޯޓު ދިނުމުގެ ހައްގު، މިފަދަ ވޯޓު ތަކަކީ ސިއްރު ވޯޓުތަކަކަށް ވާން ވާނެ ކަމަށެވެ. (ށ) ގައި ބުނަނީ އިންތިހާބުތަކުގައި އެކި އެކި މަގާމުތަކަށް ކުރިމަތިލުމުގެ ހައްގު އޮންނަން ވާނެ ކަމަށެވެ. އަދި (ނ) ގައި ބުނަނީ އެމީހަކު އަމިއްލައަށް، ނުވަތަ އެ މީހަކު މިނިވަންކަމާ އެކު އިހުތިޔާރު ކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންތައްތައް ހިންގުމުގައި ބައިވެރިވުމުގެ ހައްގު ލިބިގެންވާ ކަމަށެވެ.
މެންބަރުން މަސައްކަތުގައި ރިއާޔަތް ކުރަންވީ ކަންކަން ބަޔާންކޮށްފައިވާ، 75 ވަނަ މާއްދާގައި ބުނަނީ މަޖިލިސް މެންބަރުން އަމަލުކުރަންވާނީ، ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށް އިސްކަން ދީގެން ކަމަށެވެ. އަދި އެއްވެސް މެންބަރަކު އެމީހެއްގެ ނުވަތަ އެމީހަކާ ހާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ އެއްވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށާއި އަދި އެބައި މީހުން، އެބައި މީހުން އިންތިހާބުވީ ދާއިރާތައް ތަމްސީލު ކުރުމުގައި މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބަ އާއި މަންފާއަށް ރިއާޔަތް ކުރަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މެންބަރުންގެ އިމްތިޔާޒުތައް ހިމެނޭ 90 ވަނަ މައްދާގައި ބުނަނީ، މަޖިލިސް ޖަލްސާއެއްގައި ނުވަތަ ކޮމިޓީއެއްގައި، މަޖިލިސް މެންބަރަކު ނުވަތަ އެނޫން ވެސް މީހަކު އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ގޮތުގެމަތީން ދެއްކި ވާހަކައެއް ނުވަތަ ހުށަހެޅި ހުށަހެޅުމެއްގެ ސަބަބުން ނުވަތަ ވޯޓު ދިނުމުގައި އަމަލު ކުރި ގޮތެއްގެ ސަބަބުން، ކޯޓަކަށް އެމީހަކު ހާޒިރުކޮށް ނުވަތަ އެ މީހަކާ މެދު އެއްވެސް ތަހުގީގެއް ހިންގައި ނުވަތަ ހައްޔަރުކޮށް ނުވަތަ ބަންދުކޮށް ނުވަތަ އެމީހަކާ މެދު ދައުވާއެއް ކޮށް ހަދައިގެން ނުވާނެ ކަމަށެވެ.
އެ މާއްދާގެ (ށ) ގައި ބުނަނީ މަޖިލީހުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް، މަޖިލީހުގެ ޖަލްސާތަކާއި މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތަކާ ބެހޭ ވާހަކަތައް ތެދުބަހުން ކަން ހިނގިގޮތުގެ ހަގީގަތް ނުގެއްލޭގޮތަށް ޝާއިއު ކުރާ ނުވަތަ ހާމަ ކުރާ މީހަކާ ދެކޮޅަށް ނުވަތަ އެފަދަ ވާހަކައެއް ދެއްކި މީހަކާ މެދު އަދި އެފަދަ ވާހަކައެއް ޝާއިއު ކުރި ނޫސް މަސައްލައަކާ މެދު އެއްވެސް ދައުވާ އެއްކޮށް އަދި ފިޔަވަޅެއް އަޅައިގެން ނުވާނެ ކަމަށެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ބިލު ހުށަހެޅުއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 20 ގަ އެވެ. އެ ބިލާ މެދު ބަހުސްކޮށް، ހަމަ އެދުވަހު ބިލު ވަނީ ފާސްކޮށްފައެވެ. އެރޭގެ ވަގުތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގު ކުރައްވައިފައެވެ.
އިސްލާހުގައި ވަނީ، ވަކި ސިޔާސީ ޕާޓީއެއްގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކޮށްގެން އިންތިހާބުވުމަށް ފަހު، އެމީހަކު އިންތިހާބުވި ދައުރުގެ ތެރޭގައި އެ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެއްޖެ ނަމަ، އެ މީހަކު މަޖިލިހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ. މެންބަރަކު މިހާރު ތަމްސީލު ކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ ވަކިކޮށްފި ނަމަ ނުވަތަ އެހެން ޕާޓީއަކާ ގުޅުމުން ވެސް ގޮނޑި ގެއްލޭނެ ކަމަށް މި ބިލުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އަމިއްލަ ގޮތުން ވާދަކޮށްގެން މަޖިލީހަށް އިންތިހާބުވާ މެންބަރަކު ސިޔާސީ ޕާޓީއަކާ ގުޅިވަޑައިގަތުމުން ވެސް މެންބަރުގެ ގޮނޑި ގެއްލޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު