ކުޑަ ކުއްޖެއްގެ ޖިންސީ ގުނަވަނުގައި އަތްލި މައްސަލައިގައި، މީހަކަށްކުރި 10 އަހަރު ދުވަހުގެ ޖަލު ހުކުމަށް ބަދަލު ނުގެންނަން ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލަ އަކީ، ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި ކުޑަ ކުއްޖެއްގެ ޖިންސީ ގުނަވަނުގައި އަތްލައިގެން އަބްދުއްސަލާމް މޫސާ ކިޔާ މިހެއްގެ މައްޗަށް ދައުލަތުން ކުރި ދައުވާއެކެވެ.

މި ދައުވާގައި ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށެވެ.

އެ މައްސަލަ އަބްދުއްސަލާމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އޭނާ ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގައި ބުނެފައިވަނީ މި ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ އެއްގޮތަށް، ފުރިހަމަކޮށްފައި ނުވާ ތަހުގީގެއްގެ މައްޗަށް އަވަސް އަރުވާލައިގެން ކޮށްފައިވާ ދައުވާއެއް ކަމަށެވެ. އަދި ވުޖޫދުގައި ނެތް ކަންތައްތަކެއް، ހެކި ގަރީނާގެ ގޮތުގައި ހުށަހަޅައިގެން، ފަނޑިޔާރުންގެ ގާނޫނާ ހިލާފަށް އެކަންތައްތައް ބަލައިގަނެ، ކޮށްފައިވާ ހުކުމެއް ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައިގައި ހައިކޯޓުގައި އޭނާ އެދިފައި ވަނީ މެޖިސްޓްރޭޓް ކޯޓުގެ މި ހުކުމް ބާތިލުކޮށްދިނުމަށެވެ.

ނަމަވެސް މި މައްސަލައިގައި ފާހަގަވާ ކަންތައްތައްތަކަށް ބެއްލެވުމަށްފަހު، އިއްޔެ ހައިކޯޓުން ހުކުމް ކޮށްފައިވަނީ، އޭނާ 10 އަހަރަށް ޖަލަށްލުމަށް ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމަށް ބަދަލު ގެންނަން ޖެހޭ ފަދަ ސަބަބެއް ނެތްކަމަށެވެ.