ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ދ. އަތޮޅު ތަށި، ކުޑަހުވަދޫން ރޭ އުފުލައިލި އިރު، އެއީ ޖެހިޖެހިގެން އެޓީމުން ހޯދި ހަތަރުވަނަ އަތޮޅު ތަށްޓެވެ. ފުޓްސަލްގައި ދ. އަތޮޅުގެ ރަސްކަން ކުރަމުން އަންނަ ކުޑަހުވަދޫއަކީ އަތޮޅުގެ އެކަނި ގަދަ ބާރެއްވެސް ނޫނެވެ. އެޓީމަކީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެތިން އަހަރުގެ މުބާރާތުގައިވެސް ވަރުގަދަ އެއް ބާރެވެ.

ރޭ ކުޅުނު ދ. އަތޮޅު ފައިނަލުގައި ކުޑަހުވަދޫން ވާދަވެރި މާއެނބޫދޫ ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މާއެނބޫދޫ އާއި ކުޑަހުވަދޫއަކީ ދ. އަތޮޅުގެ އެންމެ ވާދަވެރި އަދި ވަރުގަދަ ދެޓީމެވެ. މިފަހަރުގެ ފައިނަލަށް ނުކުތް އިރު، ލީގު ބުރުގައި މާއެނބޫދޫ އޮތީ ކުޑަހުވަދޫ ބަލިވެސް ކޮށްފައެވެ. އެ ހާލަތުގައި އޮވެވެސް ތަށި ލިބުމުން، ކުޑަހުވަދޫއަށް އުންމީދެއް ލިބިފައިވާ ކަމަށް، ދ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ޖެހިޖެހިގެން ދެވަނަ ފަހަރަށް ހޯދި މުހައްމަދު އަރީޝް ރޭ ބުންޏެވެ.

"އަލަހްމަދުލިއްﷲ ވަރަށް ބުރަ މަސައްކަތް. ޓީމު ހުރިހާ އެންމެންގެވެސް ހަމަ ވަރަށް ބުރަ މަސައްކަތެއް މިއީ. ފައިނަލަށް ނުކުތްއިރުވެސް އަހަރެމެންނަށް އެނގޭ އެއްވެސް ގޮތަކަށް މެޗު ފަސޭހަ ނުވާނެކަން. މިއީ އަތޮޅުގެ ޑާބީއެއް. އެހެންވީމަ، އެކަން ބަލައިގެން އިންޝާﷲ ބަލިކުރަން ނުކުތީ،" އަރީޝް "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

އަރީޝް ބުނީ ޖެހިޖެހިގެން ދެވަނަ ފަހަރަށް އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުމަކީ އުންމީދުކުރި ކަމެއް ނޫން ކަމަށާއި، އެއީ ހަމަ ޓީމު ހުރިހާ ކުޅުންތެރިންގެވެސް މަސައްކަތް ކަމަށެވެ.

"މިފަހަރުގެ ފެށުން ތަންކޮޅެއް ދައްކޮޮށް ދިޔައީމަ ހީވެސް ނުކުރަން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބޭނެ ކަމަކަށް. އެކަމަކުވެސް ލިބުނީތީ ވަރަށް ރަނގަޅު. އަލްހަމްދުލިއްﷲ،" އަރީޝް ބުންޏެވެ.

މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ކުއާޓާގައި ކ. ގާފަރާ ދެކޮޅަށް ކުޅުނު މެޗުން ކުޑަހުވަދޫ ބަލިވީ ޕެނަލްޓީ ޖަހައިގެންނެވެ. ކުޑަހުވަދޫން ޒޯން ތަށިވެސް ނެގި އިރު، އޭގެ ކުރިން ދެ މުބާރާތުގެ ސެމީ ފައިނަލުގައިވެސް ކުޑަހުވަދޫ ކުޅުނެވެ. އަބަދުވެސް މުބާރާތަށް ވާދަކުރާ ވަރުގަދަ ޓީމެއްގެ ގޮތުގައި ކުޑަހުވަދޫ ފާހަގަކޮށްލެވިފައިވާ އިރު، އަރީޝްގެ ނަޒަރުގައި ކުޑަހުވަދޫގެ ވިސްނުމަކީ އަބަދުވެސް މުބާރާތުގެ ތަށްޓެވެ.

"އަބަދުވެސް ކުޑަހުވަދޫގެ އުންމީދަކީ ގޯލްޑަންގެ ތަށި. މިދިޔަ ތިން އަހަރަށް ބަލާއިރު، ދެ އަހަރު ސެމީގައި ކުޅެފަ، އޭގެ ފަހުން ކުއާޓާގައި ކުޅެ މިދިޔަ އަހަރު ގާފަރު ކައިރިން ކަޓައިގެން ދިޔައީ ޕެނަލްޓީ ޖަހައިގެން. އެކަމަކު މިފަހަރު އިންޝާﷲ ތަށި ހިފައިގެން ރަށަށް ދާން ބޭނުންވަނީ،" އަރީޝް ބުންޏެވެ.

އަރީޝް ބުނީ ކުޑަހުވަދޫގެ ސަޕޯޓަރުން މިފަހަރު ފެންނަނީ ކުރިއަށްވުރެވެސް ތަފާތުކޮށް ކަމަށާއި، އަބަދުވެސް ދެމުން އަންނަ އެއްބާރުލުމާއެކު ކުރިއަށް އޮތްތަނުގައިވެސް ތަފާތު ރޫހެއް ފެންނާނެ ކަމަށެވެ.