ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ތަށިން ފެށިގެން ގޮސް ޒޯނު ތަށި އަދި މުބާރާތުގެ ތަށްޓަކީ ރާއްޖޭގެ ފުޓްސަލްގައި އެންމެ ޝަރަފުވެރި ތަށިތަކެވެ. އަތޮޅުގެ ޗެމްޕިއަން ކަމަކީ ރަށުގެ ތާރީހަށްޓަކައި ޓީމުތަކުން ކުރާ ބުރަ ބޮޑު މަސައްކަތެކެވެ.
ދ. އަތޮޅުގެ ފައިނަލުގައި މިފަހަރު ވެސް ނުކުންނާނީ މާއެނބޫދޫ އާއި ކުޑަ ހުވަދޫއެވެ. އެއީ މިދިޔަ ހަތަރު ވަރަކަށް މުބާރާތުގައި ވެސް އެ އަތޮޅުގެ ފައިނަލުގައި އަބަދު ވެސް ވާދަކުރި ދެޓީމެވެ. މީގެ ކުރިން މާއެނބޫދުއަށް އެ ކާމިޔާބީ ހޯދިފައެއް ނުވެއެވެ. ކޮންމެ ފަހަރަކު ވެސް އަތޮޅު ތަށި ނަގަނީ ވަރުގަދަ ކުޑަހުވަދޫއެވެ.
ކުޑަހުވަދުއަކީ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތާރީހުގައި ވެސް ވަރުގަދަ ނަމެކެވެ. ފައިނަލް ބުުރުގެ ކުއާޓާ ފައިނަލާއި ސެމީ ފައިނަލް ވެސް ކުޅެފައިވާ ވަރުގަދަ ނަމެކެވެ. އެހެން ނަމަވެސް، މާއެނބޫދުއަކީ އަބަދުވެސް ކުޑަހުވަދުއަށް ޗެލެންޖެކެވެ.
"ޓީމު ހަމަ ވަރަށް ރަނގަޅަށް މިއޮތީ. އަސްލު ވަރަށް ހިތްވަރުކޮށްގެން ފައިނަލާ ހަމައަށް މިދިޔައީ. އެއީ އަޅުގަނޑުމެންގެ ހުރިހާ ކުޅުންތެރިންނަކީ ވެސް ރަށުގައި އުޅޭ ކުޅުންތެރިން. އެހެންވެ މިކޮޅަށް އައިސް ހަމަ ދަތިތަކާ އެކު މި އުޅެނީ ވެސް. އުންމީދާ އެކު މިފަހަރު އަނެއްކާ ވެސް ނުކުމެ މިއޮތީ،" މާއެނބޫދޫ ކެޕްޓަން އަހުމަދު މަހްދޫމް ލީގު ބުރުގައި ކުޑަހުވަދޫ ބަލިކުރި މެޗަށްފަހު ބުންޏެވެ.
މިފަހަރު ލީގު ބުރުގައި ދ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ކުޑަހުވަދޫން މުބާރާތް ފަށަން ކުޅުނު މެޗުގައި މާއެނބޫދޫ ކައިރިން ބަލިވީ 5-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި މާއެނބޫދޫގެ ތަފާތު ގޭމެއް ފެނިގެން ގޮސްފައިވާ އިރު، ކުޑަހުވަދުއަށް މާއެނބޫދޫވީ ހުއްޓުވަން އުނދަގޫވި ޓީމަކަށެވެ.
މީގެ ކުރިންވެސް 2023 ވަނަ އަހަރު ލީގު ބުރުގައި މާއެނބޫދޫން ކުޑަހުވަދޫ ބަލިކުރިއެވެ. އެއީ 3-2 ގެ ނަތީޖާއަކުންނެވެ. އެހެން ނަމަވެސް އެފަހަރު ފައިނަލުގައި ތަށި ނެގީ ކުޑަހުވަދޫއެވެ. މިދިޔަ އަހަރު ފައިނަލުގައި ވެސް ކުޑަހުވަދޫން މާއެނބޫދޫ ބަލިކުރި އިރު، މިފަހަރު މާއެނބޫދުއަށް އަތޮޅު ތަށި އޮތީ ވަރަށް މުހިންމުވެފައެވެ.
"މާބޮޑަށް ކޮންފިޑެންސް މަތިކޮށްގެން މަސައްކަތް ކުރާކަށް ނުވިސްނަން. އެހެންވިޔަސް އުންމީދާ އެކު ނުކުންނާނީ. އެއީ ކުޑަހުވަދޫއަކީ މިދިޔަ ދެ އަހަރުގެ ވެސް ޗެމްޕިއަން ޓީމު، އެކަމަށް ވިސްނައިގެން އިހުތިރާމް ކޮށްގެން ނުކުންނާނީ. ގޯލްޑަންގެ ތަށްޓަކީ އަދި މީގެ ކުރިން ރަށަށް ލިބިފައިވާ ތަށްޓެއް ނޫން. އެހެންވީމަ އަހަރެމެންނަށް މިއީ ވަރަށް ބޮޑު ތަށްޓެއް. މުބާރާތް ކާމިޔާބު ކުރެވުން ފަދަ މި ތަށި ލިބިއްޖެއްޔާ،" ކެޕްޓަން މަހްދޫމް ބުންޏެވެ.
ކުޑަހުވަދޫން އަނެއްކާ ވެސް އަތޮޅު ޗެމްޕިއަންކަން ހޯދަން ނުކުންނަ އިރު، އެޓީމުން މިފަހަރު މުބާރާތަށް ނުކުތީ ހުސައިން ޝަރީފް (އޮންލީ) ގެ އިރުޝާދުގެ ދަށުންނެވެ. އަނިޔާގެ ސަބަބުން މުބާރާތް ނުކުޅެ، އޮންލީ ކޯޗުކަމުގައި މަސައްކަތް ކުރަމުންދާ އިރު، އޭނާއަށް ކުޑަހުވަދުއާ އެކު އަތޮޅު ތަށި މުހިއްމެވެ.
"ކުޑަހުވަދޫން ނުކުންނާނީ ތަށި ދިފާއުކުރަން. ލީގު ބުރުގައި ކުޅުނު މެޗުން މާއެނބޫދޫ މޮޅުވެފައި އޮތުމުން، އެކަމަށް ވިސްނައިގެން، އެ މެޗުގައި ހެދުނު ގޯސްތައް ރަނގަޅު ކުރަން ވިސްނައިގެން ނުކުންނާނީ. އަތޮޅު ތަށްޓަކީ ކުޑަހުވަދުއަށް އަބަދުވެސް ވަރަށް މުހިއްމު ތަށްޓެއް. އަދި ޒޯން ބުރަށް ދާން ވަރަށް މުހިއްމު ފައިނަލެއް. އެހެންވީމަ އެކަން ދަނެގެން. ކުޑަހުވަދޫން މިދިޔަ އަހަރުތަކުގައި ދެއްކި ތަފާތު މިފަހަރުވެސް ދައްކަން ބޭނުންވަނީ،" އޮންލީ ބުންޏެވެ.
މިދިޔަ އަހަރު ދ. އަތޮޅުގެ ތަށި ކުޑަހުވަދޫން ދިފާއުކުރީ ފައިނަލުގައި މާއެނބޫދޫ ކައިރިން 6-2 އިން މޮޅުވެގެންނެވެ. މިފަހަރުގެ ފައިނަލުގައި މާއެނބޫދޫ އާއި ކުޑަހުވަދޫ ވާދަކުރާ މެޗު އޮންނާނީ މިރޭ 9:30 ގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް