ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ އެންމެ ވާދަވެރި އެއް އަތޮޅު ކަމަށްވާ ރ. އަތޮޅުގެ ތަށި އިނގުރައިދޫން ހޯދައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އެންމެ ފޯރިގަދަ ހިސާބަށް މެޗުތައް ގޮސްފައިވާ އިރު، މިރޭ ވަނީ ހަތަރު ފައިނަލެއް ކުޅެފައެވެ. ރ. އަތޮޅުގެ ފައިނަލަށް އެތައް ގޮތަކުން މީހުންގެ ލޯތައް އަމާޒުވެފައި އޮތް އިރު، ފައިނަލުގައި އިނގުރައިދޫ ނުކުތީ ވާދަވެރި ދުވާފަރާ ދެކޮޅަށެވެ.

މީގެ ކުރިން 2023 ވަނަ އަހަރު އަތޮޅު ތަށި ނެގި އިނގުރައިދުއަށް މިދިޔަ އަހަރު ދަށްކޮށް ދިޔަ އިރު، އެފަހަރު ފައިނަލުގައި ދުވާފަރު ކުޅުނީ އަލިފުއްޓާ އެކުގައެވެ. މިފަހަރު ދުވާފަރު ފައިނަލަށް ދިޔައީ އަލިފުށި ބަލިކޮށްގެންނެވެ. ދުވާފަރު ސެމީގައި ކުރިމަތިލީ މަޑުއްވަރިއާއެވެ.

މިރޭގެ ފައިނަލުގައި އިނގުރައިދޫން ފަހަތުން އަރައި ދުވާފަރު ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިގެން ދެވަނަ މިނެޓުގައި ދުވާފަރުން ލީޑު ނެގިއެވެ. އެ ގޯލު ޖެހީ މުސްލިމް މުހައްމަދެވެ. އަތޮޅުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައިވެސް އިނގުރައިދޫން ދުވާފަރު ބަލިކޮށްފައިވާ އިރު، ހާފު ނިމުމުގެ ކުރިން އިނގުރައިދޫ ވަނީ މެޗުގެ ނަތީޖާ އަނބުރާލައިފައެވެ.

އެއީ އަހުމަދު މަޝީދު ޖެހި ގޯލެއްގެ އިތުރުން އައިހަމް އަހުމަދު (އައިހު) ކައުންޓާގައި ކުރިއަށް ޖެހި ފޮނުވާލި ބާރު ހަމަލާއަކުން ޖެހި ގޯލާއެކުގައެވެ.

ދެވަނަ ހާފުގެ ކުރީކޮޅުގައި ދުވާފަރުން ވަރަށް ބޮޑަށް ކުރިއަށް ޖެހި ކުޅުނު ނަމަވެސް، ތިންވަނަ ގޯލެއް ޖަހައި އިނގުރައިދޫން އަތޮޅު ތަށި ހޯދިއެވެ. އެ ގޯލު ޖެހީވެސް މަޝީދެވެ.

ރ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ އަލިފުށީގެ އަހުމަދު ހުސާމެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އިނގުރައިދޫގެ އައިހުއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މާދަމާ ރޭވެސް ފޯރިއާއެކު ކުރިއަށްދާނެ އެވެ.

މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

20:00

ގްރައުންޑް 1: މ. ދިއްގަރު - މ. މުލައް (އަތޮޅު ފައިނަލް)

ގްރައުންޑް 2: ފ. ދަރަނބޫދޫ - ފ. މަގޫދޫ (އަތޮޅު ފައިނަލް)

21:30

ގްރައުންޑް 1: ދ. މާއެނބޫދޫ - ދ. ކުޑަހުވަދޫ (އަތޮޅު ފައިނަލް)