ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ އައްޑު އަތޮޅުގެ ޗެމްޕިއަންކަން ފޭދޫން ހޯދައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އެންމެ ފޯރިގަދަ ހިސާބަށް މެޗުތައް ގޮސްފައިވާ އިރު، މިރޭ ވަނީ ހަތަރު ފައިނަލެއް ކުޅެފައެވެ. އައްޑު އަތޮޅު ފައިނަލުގައި އެންމެފަހުގެ ޗެމްޕިއަން ހިތަދުއާއި ފޭދޫ ވާދަކޮށްފައިވާ އިރު، މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

އެ ނަތީޖާއިން އެއްވަރުވެ ޖެހި ޕެނަލްޓީގައި ފޭދޫން މެޗު ކާމިޔާބުކުރީ 7-6 ގެ ނަތީޖާއަކުންނެވެ.

މިރޭ މެޗުގެ ދެވަނަ މިނެޓުގައި މުހައްމަދު ދާނިޝް އިބްރާހީމް ޖެހި ގޯލާއެކު ހިތަދޫން ގޯލު ޖެހިއެވެ. އެ ގޯލާއެކު ހިތަދޫން ލީޑުގައި ކުޅެމުން ދަނިކޮށް، ދެވަނަ ހާފަށް ނުކުމެ، އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި ހުސައިން އިޔާސް ސައީދު ޖެހި ގޯލުތަކުން ފޭދޫ ނަތީޖާ އަނބުރާލިއެވެ.

ހިތަދޫން ޝާޝް ޝަރީފް ޖެހި ގޯލުން މެޗު އެއްވަރުކޮށް ޕެނަލްޓީއަށް ނުކުތް އިރު، ހިތަދޫން ޕެނަލްޓީއަށް ނުކުތީ ގޯލްކީޕަރު އައިހަމް އާދިލް ރަޝީދެވެ. އަނެއްކޮޅުން ޕެނަލްޓީގައި ފޭދޫގެ ވިޝާހް އަބްދުލް މަޖީދު މުހިއްމު ސޭވެއް ކުރި އިރު، ހިތަދުއަށް ޕެނަލްޓީ ކާމިޔާބުކޮށްދިނީ ހާޒިމް ފައުޒީއާއި މުހްމަދު އިންޝާލް، ޝާޝް އަދި ހުސައިން ފަސޭހެވެ. ފޭދޫގެ ހުސައިން ގައްސާން ލަބީބް (ހުސީ) އާއި ސިމާއު ސައީދު، ފޭދޫ އިއްބެ، ޔޫސުފް ސިދާމް އަލީ އަދި އަހުމަދު ޒައުލް ނާޒިމްވެސް ޕެނަލްޓީ ކާމިޔާބުކުރިއެވެ.

އައްޑޫގެ އެންމެ މޮޅު ކުޅުންތެރިޔަކީ ފޭދޫގެ ހުސީއެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔަކީ އައްޑޫގެ ދާނިޝްއެވެ.

އައްޑޫގެ ޗެމްޕިއަނާއި ރަނަރަޕްވެސް ޒޯން ހަތެއްގައި ވާދަކުރާނެއެވެ. ދެން އެ ޒޯނުގައި ވާދަކުރާނީ ގއ. އަތޮޅު ޗެމްޕިއަނާއި ރަނަރަޕްގެ އިތުރުން ގދ އަތޮޅުގެ ޗެމްޕިއަނާއި ރަނަރަޕް އަދި ފުވައްމުލަކުގެ ދަނޑިމަގެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މާދަމާ ރޭވެސް ފޯރިއާއެކު ކުރިއަށްދާނެ އެވެ.

މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

20:00

ގްރައުންޑް 1: މ. ދިއްގަރު - މ. މުލައް (އަތޮޅު ފައިނަލް)

ގްރައުންޑް 2: ފ. ދަރަނބޫދޫ - ފ. މަގޫދޫ (އަތޮޅު ފައިނަލް)

21:30

ގްރައުންޑް 1: ދ. މާއެނބޫދޫ - ދ. ކުޑަހުވަދޫ (އަތޮޅު ފައިނަލް)