ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ރ. އަތޮޅުގެ ވާދަވެރި ފައިނަލުގައި މިރޭ ދުވާފަރާއި އިނގުރައިދޫ ވާދަކުރާނެ އެވެ. މި ފައިނަލަކީ އެންމެ ގިނަ ބައެއްގެ ލޯތައް އަމާޒުވެފައިވާ އެއް އަތޮޅު ފައިނަލެވެ. ދުވާފަރާއި އިނގުރައިދޫގެ ވާދަވެރިކަން އަބަދުވެސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ވަރުގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެންމެފަހުގެ ޗެމްޕިއަނަކީ ދުވާފަރެވެ.
މީގެ ކުރިން 2023 ވަނަ އަހަރު އަތޮޅު ތަށި ނެގި އިނގުރައިދުއަށް މިދިޔަ އަހަރު ދަށްކޮށް ދިޔަ އިރު، އެފަހަރު ފައިނަލުގައި ދުވާފަރު ކުޅުނީ އަލިފުއްޓާ އެކުގައެވެ. މިފަހަރު ދުވާފަރު ފައިނަލަށް ދިޔައީ އަލިފުށި ބަލިކޮށްގެންނެވެ. ދުވާފަރު ސެމީގައި މަޑުއްވަރު ބަލިކުރި އިރު، މިރޭގެ ފައިނަލް ފޯރިގަދަވާނެކަން ޔަގީނެވެ.
"ސެމީ ވަރަށް ޓަފްކޮށް އަސްލު ދިޔައީ. ގޯލެއް ޖަހާލެވުނު ހިސާބުން މި ފަސޭހަވީ. އަނެއްކާވެސް ތަށި ދިފާއުކުރަން ނުކުންނާނީ. ގްރޫޕް ސްޓޭޖުގެ މެޗުން ބަލިވިޔަސް، ފައިނަލަށް ނުކުންނާނީ ބަދަލު ހިފުމަކަށް. އިރާދަކުރެއްވިއްޔާ ތަށި ދިފާއުކުރާނަން. ސަޕޯޓަރުންގެ ހިތްވަރާއެކު މިހާ ހިސާބަށް މި އާދެވުނީ. ސަޕޯޓަރުންނަށް އަތޮޅު ތަށި ނަގައިދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން." ދުވާފަރުގެ އެންމެ މުހިއްމު ކުޅުންތެރިޔާ މުހައްމަދު އިޝާމް (ޝަންޓެ) ސެމީ މެޗަށްފަހު ބުންޏެވެ.
މީގެ ކުރިން އެންމެފަހުން ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރ. އަތޮޅު ފައިނަލުގައި ދުވާފަރާއި އިނގުރައިދޫ ވާދަކުރީ 2023 ވަނަ އަހަރުއެވެ. އެ ފަހަރު ރ. އަތޮޅުގެ ފައިނަލުގައި ދުވާފަރާއި އިނގުރައިދޫ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، މެޗު 3-3 އިން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި އިނގުރައިދޫގެ ފަސް ޕެނަލްޓީވެސް ކާމިޔާބުކުރި އިރު، ދުވާފަރުގެ އެންމެ ފަހު ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.
ދެޓީމުން ގްރޫޕް ސްޓޭޖުގައިވެސް ވާދަކޮށްފައިވާ އިރު، ގްރޫޕް ސްޓޭޖުގެ މެޗުގައި އިނގުރައިދޫން ދުވާފަރު ބަލިކުރީ 1-0 އިންނެވެ. ދުވާފަރުން ބުނީ އެ މެޗުގެ ބަދަލު ހިފަން ބޭނުންވާ ކަމަށެވެ.
އަނެއްކޮޅުން އިނގުރައިދޫގެ ވިސްނުން މިފަހަރު ތަފާތެވެ. އެޓީމުން ބޭނުންވަނީ "ސައިލެންޓް" ކޮށް ތަފާތު ދެއްކުމަށް ކަމަށް ސެމީ މެޗަށްފަހު އަހުމަދު އައިހަމް (އައިހު) ބުންޏެވެ.
"ސެމީ ފައިނަލް ހީކުރި ވަރަށްވުރެ އުނދަގޫ. ތަންކޮޅެއް ސައިލެންޓްކޮށް މި ފެށީ. ފަށަން ބޭނުންވީވެސް އެގޮތަށް. އެއީ މިދިޔަ ދެ އަހަރު ދިޔައީ ވަރަށް ދަށްކޮށް. އެހެންވީމަ ކުޅުންތެރިން ބޭނުންވީ މި ގޮތަށް ސައިލެންޓްކޮށް. ކޮންމެ ޓީމަކާ ކުޅުނަސް، މޮޅާ ބަލި މި އޮންނަނީ. އެކަމަކު އެންމެ ފަހު ސިކުންތާ ހަމައަށްވެސް ތަށި ހޯދަން މަސައްކަތް ކުރާނަން،" އިނގުރައިދޫގެ އައިހަމް ސެމީ މެޗަށްފަހު ބުންޏެވެ.
އިނގުރައިދުއާއި ދުވާފަރު ވާދަކުރާ ފައިނަލް އޮންނާނީ މިރޭ 9:30 ގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް