ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ އައްޑު އަތޮޅު ފައިނަލުގައި މިރޭ ހިތަދުއާއި ފޭދޫ ނުކުންނާނެއެވެ. މިރޭގެ ފައިނަލަށް ނުކުންނަ އިރު، އައްޑޫގެ އެންމެފަހުގެ ޗެމްޕިއަނަކީ ވަރުގަދަ ހިތަދުއެވެ. އެޓީމުން މިފަހަރުގެ މުބާރާތަށްވެސް ވަރުގަދައަށް ތައްޔާރުވެފައިވާ އިރު، އަނެއްކޮޅުން ފޭދޫން ނުކުންނާނީ ހިތަދޫއަށް އިހުތިރާމުވެސް ދީގެންނެވެ. އެހެން ނަމަވެސް މޮޅުވާށެވެ.
"ހީކުރި ވަރަށްވުރެ ރަނގަޅަށް ސެމީ ފައިނަލް ފެނިގެން ދިޔައީ. ދެން އޮތީ ހިތަދޫ، ހިތަދޫއަކީ އައްޑޫގެ ފުޓުބޯޅައާއި ފުޓްސަލްއަށްވެސް އެންމެ ރަނގަޅު ޓީމު. ބޮންޑާމެން ކަހަލަ ކުޅުންތެރިންނާއެކު އެޓީމު އޮތީ ވަރަށް ރަނގަޅަށް. އެހެންވީމަ އުނދަގޫވާނެ،" ފޭދޫގެ ހުސެއިން ގައްސާން ލަބީބް (ހުސީ) ސެމީ ފައިނަލް މެޗަށްފަހު ބުންޏެވެ.
ފުރަތަމަ ސެމީގައި ފޭދޫން މީދޫއާ ދެކޮޅަށް ނުކުތްއިރު، ފޭދޫ މޮޅުވީ 2-1 އިންނެވެ. އެމެޗުގައި ގޯލުވެސް ޖެހި ހުސީ ބުނީ ފޭދޫއަށް އަދި ލިބޭ ސަޕޯޓު ދަށް ކަމަށާއި، އުންމީދަކީ ފައިނަލަށް ސަޕޯޓަރުން އެކުގައި ނުކުމެ، ރޫހު ބަދަލުކޮށްލުން ކަމަށެވެ.
"ސަޕޯޓަރުން އެންމެން އެއްކޮށް އައިސް ސަޕޯޓު ކޮށްލަދިނިއްޔާ ވަރަށް ރަނގަޅު. އެއީ ފޭދޫ ޓީމު ކަންނޭނގެ އެންމެ މަދުން ސަޕޯޓަރުން ދަނޑަށް އަންނަނީ. އެހެންވީމަ ސަޕޯޓަރުން އައިސް ރަނގަޅަށް ސަޕޯޓުކޮށްލަދިނުން އެދެން،" ހުސީ ބުންޏެވެ.
ހިތަދޫގެ ކެޕްޓަން ހާޒިމް ފައުޒީ (ހަތީ) ސެމީ މެޗަށްފަހު ބުނީ އެންމެ ފުރަތަމަ ޓާގެޓް ހާސިލުވެއްޖެ ކަމަށާއި، ދެން އޮތީ ކުރިއަށްވުރެ ދުރަށް ދާން މަސައްކަތް ފެށުން ކަމަށެވެ.
"ޓީމުގެ ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭ. ފުރަތަމަ ޓާގެޓަކީ ޒޯނަށް ދިޔުން. މިހާރު މިއޮތީ އެކަން ހާސިލްވެފަ. ދެން އެހިސާބުން ޒޯނަށް ގޮސް، މިދިޔަ އަހަރަށްވުރެ ކުރިއަށް ދާން ބޭނުންވަނީ. މިދިޔަ އަހަރު ކުއާޓާގައި ކުޅެވުނު. މިފަހަރު އެއަށްވުރެ ދުރަށް ދާން ބޭނުންވަނީ،" ހާޒިމް ބުންޏެވެ.
ހިތަދޫ ކުޅުނު ސެމީގައި މަރަދޫފެދޫ ކައިރިން 3-1 އިން މޮޅުވި އިރު، ހާޒިމް ބުނީ އުންމީދަކީ ތަށި ނަގައިގެން ޒޯނަށް ނުކުތުން ކަމަށާއި، އެކަމަށް ސަޕޯޓަރުން އެހީވާނެކަން ޔަގީންވާ ކަމަށެވެ.
"އެންމެ ބޮޑު ކަމަކީ ފައިނަލަށް ނުކުމެ ތަށި ދިފާއުކުރުން. މެޗު ނަގަން ނުކުންނާނީ. އިތުރު ގޮތެއް ނޯންނާނެ. ޒޯނަށް ދާން ބޭނުންވަނީ ތަށި ނަގައިގެން. ދެން ހިތަދޫގެ ފަހުރަކީ ހަމަ ސަޕޯޓަރުން. އެހެންވީމަ ފައިނަލަށް މިއަށްވުރެވެސް އަޑު ގަދަވާނެ ކަމަށް ޔަގީންކުރަން. އެކަން ސަޕޯޓަރުން ކުރާނެ. އެކަމަށް ވަރަށް އެޕްރިޝިއޭޓް ކުރަން،" ހާޒިމް ބުންޏެވެ.
އައްޑު އަތޮޅުގެ ފައިނަލް މެޗު އޮންނާނީ މިރޭ 10:30 ގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް