ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ހއ. އަތޮޅު ފައިނަލަށް އެންމެފަހުގެ ޗެމްޕިއަން ދިއްދޫއާއި ވަށަފަރުން ދަތުރުކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އެންމެ ފޯރިގަދަ ހިސާބަށް މެޗުތައް ގޮސްފައިވާ އިރު، ރޭ ވަނީ ހއ. އަތޮޅު ފޯރިގަދަ ސެމީ ފައިނަލް ދެމެޗު ފެނިގެން ގޮސްފައެވެ. ދިއްދޫން ކުޅުނު ސެމީގައި މާރަންދޫ ކައިރިން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ހަވަނަ މިނެޓުގައި ދިއްދޫގެ ހައިސަމް ރަޝީދު (ހައި) ލީޑު ނަގައިދިން އިރު، އޭގެ ދެ މިނެޓުފަހުން މާރަންދޫ އެއްވަރުކުރިއެވެ. އެ ގޯލު ޖެހީ ސަމްހާން އަބްދުލް ރަހުމާނެވެ. ދިއްދޫން މެޗު ކާމިޔާބުކުރީ ދެވަނަ ހާފުގައި ޖެހި ގޯލާއެކުގައެވެ.

އެ ދެގޯލުވެސް ދިއްދުއަށް ޖަހައިދިނީ މެޗުގައި މޮޅަށް ކުޅުނު ދިއްދޫގެ ކެޕްޓަން ހުސައިން ޝިފާހުއެވެ.

އެ އަތޮޅުގެ އަނެއް ސެމީގައި ވަށަފާރާއި ކެލާ ވާދަކުރި މެޗު ފެނުނީ ތަފާތު ފޯރިގަދަކޮށެވެ. ވަށަފަރުން 4-3 އިން މި މެޗު ކާމިޔާބުކުރި އިރު، މެޗުގެ ފުރަތަމަ ތިން ގޯލު ޖެހީ ވަށަފަރުންނެވެ. އެ ގޯލުތައް ޖެހީ އިބްރާހީމް އަތީގު ހަސަން (އިއްބެ) އާއި އިބްރާހީމް ސަނޫނުގެ އިތުރުން އަހުމަދު މާއިޝް ރަޝީދެވެ.

އޭގެފަހުން ހާފު ނިމެން ދަނިކޮށް ކެލާގެ މަމްދޫހު އަބްދުލް ގާދިރު ގޯލެއް ޖަހައި ފަރަގު ކުޑަކުރި އިރު، ދެވަނަ ހާފަށް ނުކެމެ، އޭނާ އިތުރު ގޯލަކާއެކު އެއް ގޯލަށް ފަރަގު ކުޑަކުރިއެވެ. އަދި އޭގެ ފަސް މިނެޓުފަހުން އަހުމަދު ޝަފަގު ޖެހި ގޯލުން މެޗު އެއްވަރުވިއެވެ.

މެޗުގެ ފަހު ހާފުގެ ތެރެއިން ސަޕޯޓަރުން ހޫނުވެ، ބައެއް ފަހަރު ދަނޑަށް ފުޅި އުކުމުގެ ސަބަބުން ކުޅުން މެދުކަނޑާލަންވެސް ޖެހުނެވެ. ހާއްސަކޮށް ފަހުވަގުތު މެޗު ފެނުނީ ހޫނު ވެގެން ދިޔަތަނެވެ.

ވަށަފަރު މޮޅުކޮށްދިން ގޯލުވެސް އަތީގު ޖެހި އިރު، ދުރު ޕެނަލްޓީއެއްގައި އޭނާ ފޮނުވާލި ބޯޅަ ވަނީ ނާކާމިޔާބުވެސް ވެފައެވެ. މެޗު ނިމެން ދަނިކޮށް ކެލާގެ އިސްމާއީލް ޝައިމަލްއަށް ވަނީ ރަތް ކާޑުވެސް ދައްކައިފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

20:00

ގްރައުންޑް 1: ކ. މާފުށި - ކ. ގުރައިދޫ (އަތޮޅު ސެމީ ފައިނަލް)

ގްރައުންޑް 2: ކ. ކާށިދޫ - ކ. ގާފަރު (އަތޮޅު ފައިނަލް)

21:30

ގްރައުންޑް 1: ގދ. ގައްދޫ - ގދ. ވާދޫ (އަތޮޅު ފައިނަލް)

ގްރައުންޑް 2: ރ. ދުވާފަރު - ރ. އިނގުރައިދޫ (އަތޮޅު ފައިނަލް)

22:30

ގްރައުންޑް 1: ނ. ހޮޅުދޫ - ނ. މިލަދޫ (އަތޮޅު ފައިނަލް)

ގްރައުންޑް 2: ސ. ފޭދޫ - ސ. ހިތަދޫ (އަތޮޅު ފައިނަލް)