ރާއްޖޭގެ ފުޓުބޯޅައާއި ފުޓްސަލްގެ ފޯރިއަށް، އަތޮޅުތެރޭގެ ފޯރިއަށް ގޯލްޑަން ފުޓްސަލް ޗެލެންޖަކީ އެންމެ މުހިންމު މުބާރާތް ކަމަށް ގައުމީ ޓީމުގެ ކުރީގެ ފޯވަޑް، އަހުމަދު ރަޝީދު (އަންމަޑޭ) ބުނެފިއެވެ.
އުމުރުން 38 އަހަރުގެ އަންމަޑޭއަކީ ރާއްޖޭގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވުނު ފޯވަޑެކެވެ. ކުރިން ގައުމީ ފުޓުބޯޅަ ޓީމަށްވެސް މުހިންމު ދައުރެއް އަދާކުރި ފޯވަޑް އަންމަޑޭ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިތުރުން ކްލަބު އީގަލްސްއާއި ވިކްޓަރީ ސްޕޯޓްސް ކްލަބު އަދި ގްރީން ސްޓްރީޓްސްއަށްވެސް ކުޅެފައިވެއެވެ. އެންމެފަހުން އޭނާ ފެނިގެން ދިޔައީ ބުރު ސްޕޯޓްސް ކްލަބުގެ ޖާޒީގައެވެ.
އެ ކާމިޔާބު ކެރިއަރަށްފަހު އަންމަޑޭ ވ. ކެޔޮދުއާއެކު ކާމިޔާބީއަށް ނުކުމެ، މިހާތަނަށް ޖެހިޖެހިގެން ދެ ފަހަރަށް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ތަށިވެސް ކާމިޔާބުކޮށްފިއެވެ. އަންމަޑޭގެ ނަޒަރުގައި ރާއްޖޭގެ ފުޓުބޯޅަ އަދި ފުޓްސަލްގެ ދިރުމަށްވެސް ގޯލްޑަން ފުޓްސަލް ޗެލެންޖް މުހިންމެވެ.
"ވަރަށް މުހިންމު މުބާރާތެއް މިއީ މުޅި ރާއްޖެއަށްވެސް. ފުޓްސަލްއާއި ފުޓުބޯޅައަށްވެސް މިއީ ވަރަށް މުހިންމު މުބާރާތެއް. ހަގީގަތުގައި ފުޓުބޯޅަ ރާއްޖޭގައި އޮންނަނީވެސް މިކަހަލަ މުބާރާތްތަކުގެ ސަބަބުން. ވަރަށް މުހިންމު މުބާރާތެއް މިއީ މުޅި ރާއްޖެއަށްވެސް،" އަންމަޑޭ ބުންޏެވެ.
ފައިނަލުގައި ރޭ ކެޔޮދޫން ފެލިދޫ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. ފައިނަލް ފޯރިގަދަކޮށް ފެނިގެން ދިޔަ އިރު، އަންމަޑޭގެ ދައުރު އެ ތަށީގައިވެސް ބޮޑެވެ. އަންމަޑޭއަކީ ވ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާވެސް މެއެވެ.
"ވަރަށް ރަނގަޅަށް ފައިނަލް މި ދިޔައީ. މިދިޔަ އަހަރާ ހިލާފަށް މިއަހަރު ތިން ޓީމު ބައިވެރިވި. އެހެންވީމަ ތަންކޮޅެއް ގިނަ މެޗު ކުޅެން ޖެހުނު. އެއާއެކު ފައިނަލެއް ކުޅެ، މޮޅުވީމަ ވަރަށް އުފާވެފައި މިހުރީ. ވަރަށް ރަނގަޅު މެޗެއް މިއީ. އަޅުގަނޑުމެން ފުރަތަމަ ވިސްނީ އަތޮޅު ތަށި ނަގަން. އަޅުގަނޑުމެން ދެން ވިސްނާނީ ޒޯނުގެ ރަނގަޅު ހިސާބަކަށް ދާން،" އަންމަޑޭ އިތުރަށް ބުންޏެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް