ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ލ. އަތޮޅު ފައިނަލަށް ގަމާއި އިސްދޫން ދަތުރުކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ އެންމެފަހުން ކުޅުނު ދެމެޗަކީ ލ. އަތޮޅުގެ ސެމީ ފައިނަލް ދެމެޗެވެ.

ސެމީ މެޗުތައް ކާމިޔާބުކޮށް، އިސްދުއާއި ގަން ފައިނަލަށް ދިޔަ އިރު، މިދިޔަ އަހަރުގެ ފައިނަލުގައިވެސް ވާދަކުރީ އެ ދެޓީމެވެ. އެފަހަރު ލ. އަތޮޅު ތަށި ގަމުން ހޯދީ އިސްދޫގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ރޭ އިސްދޫން ކުޅުނު ސެމީގައި މާބައިދޫ ކައިރިން ކުރި ހޯދީ 2-1 އިންނެވެ. މެޗުގެ ފުރަތަމަ ދެ ގޯލުވެސް ޖެހީ އިސްދޫންނެވެ. ހުސައިން އަފްހާނާއި ލޫތު އަހުމަދު ފަތުހީ އިސްދޫގެ ގޯލުތައް ޖެހި އިރު، މެޗު އެއްވަރުކުރުމަށް ކުރި މަސައްކަތުގައި މާބައިދޫގެ ގޯލު ޖެހީ ހުސައިން ނަވާޒެވެ. އެޓީމަށް އިތުރަށް ގޯލެއް ނުޖެހި އިސްދޫން މެޗު ނިންމާލީ ފައިނަލް ޔަގީން ކޮށްގެންނެވެ.

ގަމުން ރޭ މުންޑު ކައިރިން މޮޅުވީ 2-1 އިންނެވެ. މެޗު ވެގެންދިޔައީ ގަމަށް އުނދަގޫ މެޗަކަށެވެ. މުންޑޫން މެޗުގެ ބޮޑު ބައެއްގައި ރަނގަޅަށް ޑިފެންސްކުރި އިރު، ގަމުން ފުރަތަމަ ހާފު 1-0 ގެ ލީޑެއްގައި ނިންމާލީ އަހުމަދު ހަލީމް (އަންމަޑޭ) ޖެހި ގޯލުންނެވެ.

ދެވަނަ ހާފަށް ނުކުމެ، އަހުމަދު މިފްތާހު ޖެހި ގޯލުން މުންޑޫ ނަތީޖާ އެއްވަރުކުރި އިރު، ގަމަށް މޮޅުވި ގޯލު ޖެހުނީ އެންމެ ފަހު މިނެޓުގައެވެ. އެއީ ކޯނަރެއްގައި އޭރިއާ ތެރެއިން ލިބުނު ބޯޅައިގައި ޒައިދާން އަބްދުﷲ ކާމިޔާބުކުރި ގޯލެކެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

20:00

ގްރައުންޑް 1: އދ. މަންދޫ - އދ. މަހިބަދޫ (އަތޮޅު ފައިނަލް)

ގްރައުންޑް 2: ގއ. ވިލިނގިލި - ގއ. ދެއްވަދޫ (އަތޮޅު ފައިނަލް)

21:00

ގްރައުންޑް 1: ހއ. މާރަންދޫ - ހއ. ދިއްދޫ (އަތޮޅު ސެމީ ފައިނަލް)

ގްރައުންޑް 2: ހއ. ވަށަފަރު - ހއ. ކެލާ (އަތޮޅު ސެމީ ފައިނަލް)

22:00

ގްރައުންޑް 1: ހދ. ނޭކުރެންދޫ - ހދ. ކުމުންދޫ (އަތޮޅު ސެމީ ފައިނަލް)

ގްރައުންޑް 2: ހދ. ނައިވާދޫ - ހދ. މަކުނުދޫ (އަތޮޅު ސެމީ ފައިނަލް)