ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ތ. އަތޮޅު ފައިނަލުގެ ޖާގަތައް އެންމެފަހުގެ އަތޮޅު ޗެމްޕިއަން ތިމަރަފުއްޓާއި ހިރިލަންދޫން ހޯދައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ވަނީ ސެމީ ފައިނަލް ދެމެޗުވެސް ކުޅެފައެވެ.

ސެމީ ފުރަތަމަ މެޗުގައި ވަރުގަދަ ތިމަރަފުށިން 2-0 ގެ ނަތީޖާއަކުން ވޭމަންޑޫ ބަލިކުރި އިރު، ގޯލުތައް ޖެހީ އަހުމަދު އަފްލާޒާއި އާދަމް ނާސިހު (އާދަންނާ) އެވެ.

ދެން ކުޅުނު ސެމީ ތަފާތު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެމެޗުގައި ވާދަކުރީ އޮމަދޭ އާއި ހިރިލަންދޫއެވެ. މެޗު ހިރިލަންދޫން ފަހުވަގުތު ކާމިޔާބުކުރީ 4-3 ގެ ނަތީޖާއަކުންނެވެ.

ހިރިލަންދޫ ކޮޅަށް ފުރަތަމަ ހާފުގައި ގޯލު ޖަހައި ލީޑު ނެގީ އޮމަދޫންނެވެ. ހާފު ނިމެން ދަނިކޮށް، ކިކް-އިން އެއްގެ ފައިދާ ނަގައިގެން އޮމަދުއަށް ލީޑު ނަގައިދިނީ މުހައްމަދު އަލާއުއެވެ.

ދެވަނަ ހާފަށް ނުކުމެ، ހިރިލަންދޫން އެ ނަތީޖާ އަނެއްކޮޅަށް އަނބުރާލިއެވެ. އެއީ މުހައްމަދު ނިޝާހުގެ ދެ ގޯލާއެކު އަހުމަދު މުފީދުގެ ގޯލުންނެވެ. ދެ ގޯލުގެ ފަރަގެއްގައި ހިރިލަންދޫ މެޗު ކާމިޔާބުކުރަން ދަނިކޮށް، އޮމަދޫން މުހައްމަދު ނާބިތާއި އިސްމާއީލް މިމްރާހު މުއީން ޖެހި ގޯލުތަކުން އަނެއްކާވެސް މެޗު އެއްވަރު ކުރިއެވެ.

ހިރިލަންދޫން މެޗުން މޮޅުވި ގޯލު، ފަހު ސިކުންތުކޮޅުގައި ޖަހައިދިނީ ނިޝާހެވެ. އެ ގޯލާއެކު އޭނާ ވަނީ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.