ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ގއ. އަތޮޅު ސެމީ ފައިނަލް މެޗުތައް ކާމިޔާބުކޮށް، ވިލިނގިއްޔާއި ދެއްވަދޫ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ވަނީ ރ އަދި ގއ. އަތޮޅު ސެމީ މެޗުތައް ކުޅެފައެވެ. ގދ. އަތޮޅު ސެމީ ފުރަތަމަ މެޗުގައި ދާންދޫ ކައިރިން ވިލިނގިލި މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.

ތަފާތު ފޯރިއެއްގައި ފެނުނު މެޗުގައި ވިލިނގިލީގެ ފަސް ކުޅުންތެރިޔަކަށް ރީނދޫ ކާޑު ދެއްކި އިރު، އެޓީމުގެ އައުޝަމް ރަޝާދަށް މެޗުގައި ރަތެއްވެސް ދެއްކިއެވެ. އެއީ ފަހު 10 ވަރަކަށް މިނެޓަށްވެފައި ވަނިކޮށެވެ.

ވިލިގިލީގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު މުހައްމަދު މުއްސަވިރް ސައީދު ޖެހި އިރު، އަނެއް ގޯލު ފަހު މިނެޓުގައި ޖެހީ ޝަޒްމީން މުހައްމަދު ރާޝިދެވެ.

އެ އަތޮޅު އަނެއް ސެމީ މެޗުގައި ވަރުގަދަ ދެއްވަދޫން ޑޮމިނޭޓް ކުރިއެވެ. 5-1 އިން ނިލަންދޫ ކައިރިން ދެއްވަދޫ މޮޅުވި އިރު، މިހާތަނަށް އަތޮޅު ބުރުގައި 10 ގޯލު ޖަހައިވާ އަހްނަފް ރަޝާދު (އަހުއްކޮ) ވަނީ ދެ ގޯލު ޖަހައިފައެވެ. އޭގެ އިތުރުން މުހައްމަދު އިމްރާން (އިއްމި) ވެސް ދެ ގޯލު ޖެހި އިރު، އަނެއް ގޯލަކީ މުހައްމަދު ޒާހިލް އަހުމަދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ނިލަންދޫން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީވެސް ޒާހިލްއެވެ. މިއީ ދެއްވަދޫން އަތޮޅު ފައިނަލް ކުޅޭ ފުރަތަމަ ފަހަރެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

16:00

ގްރައުންޑް 1: ގދ. މަޑަވެލި - ގދ. ގައްދޫ (ސެމީ ފައިނަލް)

ގްރައުންޑް 2: ގދ. ވާދޫ - ގދ. ތިނަދޫ (ސެމީ ފައިނަލް)

17:00

ގްރައުންޑް 1: އއ. މަތިވެރި - އއ. ތޮއްޑޫ (ފައިނަލް)

20:00

ގްރައުންޑް 1: ކ. ދިއްފުށި - ކ. ގާފަރު

ގްރައުންޑް 2: ކ. ހިންމަފުށި - ކ. މާފުށި

21:00

ގްރައުންޑް 1: ކ. ގުރައިދޫ - ކ. ތުލުސްދޫ

ގްރައުންޑް 2: ކ. ގުޅި - ކ. ކާށިދޫ

22:00

ގްރައުންޑް 1: އއ. ދަނގެތި - އއ. މަންދޫ (ސެމީ ފައިނަލް)

ގްރައުންޑް 2: އއ. މަހިބަދޫ - އއ. ކުނބުރުދޫ (ސެމީ ފައިނަލް)

23:00

ގްރައުންޑް 1: ސ. ފޭދޫ - ސ. މީދޫ (ސެމީ ފައިނަލް)

ގްރައުންޑް 2: ސ. ހިތަދޫ - ސ. މަރަދޫފޭދޫ (ސެމީ ފައިނަލް)