ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ތ. އަތޮޅު ސެމީ ފައިނަލް ފަހު ޖާގަތައް ވޭމަންޑުއާއި އޮމަދޫން ހޯދައިފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ފެނިގެން ދިޔައީ އާދަޔާހިލާފު ފޯރިގަދަ މެޗުތަކެކެވެ. ދެ ގްރޫޕުގެވެސް ފަހު މެޗުތަކުން ފެނުނީ އަސަރު ގަދަ މަންޒަރުތަކެކެވެ. ދާދި ހަމަހަމަކޮށް ތާވަލު ގޮސް، ނިމުނީ ގޯލެއްގެ ފަރަގުން ވޭމަންޑުއާއި އޮމަދޫ ސެމީއަށް ގޮސްގެންނެވެ.

އެ އަތޮޅު ގްރޫޕް އޭގެ މެޗުތަކަށް ރޭ ނުކުތްއިރުވެސް ތިމަރަފުށި އެއްވަނައިގައި ސެމީއަށް ގޮސްފައި އޮތް އިރު، އެޓީމުން ނުކުތީ އޮމަދުއާ ދެކޮޅަށެވެ. އޮމަދުއަށް ރޭގެ މެޗަށް ނުކުތް އިރު، ވަރުގަދަ ތިމަރަފުށި ބަލިކުރަން މަޖުބޫރުވެފައި އޮތް އިރު، ކިނބިދުއާއި ދިޔަމިގިލި ވާދަކުރި މެޗުން ރަނގަޅު ސްކޯއެއްގައި ކިނބިދުއަށްވެސް ސެމީގެ ދެވަނަ ޖާގަ ހޯދެން އޮތެވެ.

ކިނބިދޫ 5-2 އިން ދިޔަމިގިލި ބަލިކޮށް، ދަނޑުން ފައިބަމުން ދިޔަ ވަގުތު ތިމަރަފުއްޓާއި އޮމަދޫ އޮތީ 2-2 އިން އެއްވަރުވެފައެވެ. ކިނބިދޫ ސެމީ ޔަގީންކޮށްގެން ކަހަލަ ގޮތަކަށް ދަނޑުން ފައިބަނިކޮށް، އޮމަދޫން ފަހު ސިކުންތު ގޯލު ޖަހައި ސެމީއަށް ދިޔައީ ޖެހި ގޯލުގެ ފަރަގަކުންނެވެ.

އޮމަދޫ 3-2 އިން ތިމަރަފުށި ބަލިކުރުމުން އެޓީމަށް ހަތަރު މެޗުން ހަތް ޕޮއިންޓާއެކު ފައިދާ ފަސް ގޯލު ލިބުނު އިރު، ޖެހި ގޯލުގެ އަދަދަކީ 12 އެވެ. ކިނބިދުއަށް އެ އަދަދަށް ޕޮއިންޓާއެކު ފައިދާ ގޯލުވެސް ލިބިފައި އޮތް އިރު، މަދުވީ ޖެހި ގޯލެކެވެ. ކިނބިދޫން ޖެހީ 11 ގޯލެވެ.

ރޭ އޮމަދޫން ފުރަތަމަ ދެ ގޯލު ޖަހައި ލީޑު ނެގި އިރު، އެޓީމުގެ ގޯލުތައް ޖެހީ ހަސަން ކިއާން ސިނާނާއި މުހައްމަދު ނަޝްވާނެވެ. އޭގެފަހުން ދެވަނަ ހާފުގައި ތިމަރަފުށީގެ އަހުމަދު އަފްލާޒް ދެ ގޯލު ޖަހައި މެޗު އެއްވަރުކުރި ނަމަވެސް، މުހައްމަދު ނާބިތު ހުސައިންގެ ގޯލުން އޮމަދޫ ފަހު ސިކުންތު މެޗުން މޮޅުވިއެވެ.

ކިނބިދޫ ކުޅުނު މެޗުގައި އެޓީމުގެ ގޯލުތައް ޖެހީ މުހައްމަދު ސަހާއު (ބޭލް)އާއި އަލީ ފަލާހް، އަލީ ހަމްދޫން ހުސައިން، އަހުމަދު ހަމްދާން ހުސައިން އަދި އާދަމް ފަރުހާނެވެ. ދިޔަމިގިލީގެ ދެ ގޯލުވެސް ޖެހީ މައިސަމް މުހައްމަދެވެ.

އެ އަތޮޅު ގްރޫޕް ބީގެ ނިމުންވެސް ދިޔައީ ފޯރިގަދަކޮށެވެ. ރޭގެ މެޗުތަކަށް ނުކުތް އިރު، ހަތަރު މެޗުންވެސް މޮޅުވެ ހިރިލަންދޫން އެއްވަނައިގައި ސެމީ ޔަގީންކޮށްފައިވާ އިރު، ފަހު ޖާގައަށް ވާދަކުރީ ވޭމަންޑުއާއި ބުރުނީގެ އިތުރުން ގާދިއްފުއްޓެވެ. އޭގެ ތެރެއިން އެންމެ ފުރުސަތު ބޮޑުކޮށް އޮތީ ބުރުންޏަށެވެ. އެއީ އެއްވަރުކޮށްލައިގެން އަމިއްލަ ބާރުގައި ދެވޭނެ ފުރުސަތެކެވެ.

ގާދިއްފުއްޓަށް ގިނަ ގޯލުތަކެއް ޖަހަން ޖެހިފައި އޮތް އިރު، ބުރުންޏަށް ބަލިވެގެންވެސް ގޯލުގެ ފަރަގުން ދެވެން އޮތެވެ. އެހެން ނަމަވެސް، ކަނޑޫދޫ ކޮޅަށް ފަހު މިނެޓުކޮޅުގައި ޖެހި ގޯލާއެކު ވޭމަންޑޫ ސެމީއަށް ދިޔައީ ފައިދާ ގޯލެއްގެ ތަފާތުންނެވެ.

ބުރުނިން ގާދިއްފުށި ކައިރިން 3-2 އިން ރޭ ބަލިވި އިރު، ވޭމަންޑޫ ކަނޑޫދޫ ބަލިކުރީ 6-4 އިންނެވެ. ވޭމަންޑޫން މެޗުގައި ބޮޑު ލީޑެއް ގެއްލުވާލައި އެއް ގޯލަށް ފަރަގު ކުޑަވި ވަގުތު، ބުރުނީ 3-2 އިން ބަލިވެފައި އޮތުމުން، އޭރު އޮތީ ޖެހި ގޯލުން ބުރުންޏަށް ފުރުސަތު ލިބިފައެވެ. އެހެންނަމަވެސް އެ މަންޒަރު ބަދަލުވީ ވޭމަންޑޫން ފަހު މިނެޓުކޮޅުގައި ގޯލެއް ޖެހުމުންނެވެ.

ބުރުންޏާއި ވޭމަންޑުއަށްވެސް ހަތަރު މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ބުރުނީގެ ގޯލް ތަފާތަކީ -1 އެވެ. ވޭމަންޑޫގެ ފައިދާ ގޯލެއް ނެތުމުން، އެޓީމުގެ ގޯލް ތަފާތަކީ ސުމެކެވެ.

ރޭ ވޭމަންޑޫގެ ސޮލާހް އަލީ ހަތަރު ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލުތައް ޖެހީ ހަމްދޫން އަހުމަދާއި އައްބާސް އާދަމެވެ. ކަނޑޫދޫގެ ދެ ގޯލު އަހުމަދު ސާމިހު ޖެހި އިރު، އަނެއް ދެ ގޯލު ޖެހީ ހުސައިން ސަނީއާއި އަހުމަދު އަސަދުއެވެ.

ބުރުނީގެ ގޯލުތައް އަހުމަދު ސައްދާމާއި އުސާމް ޝާން ޖެހި އިރު، ގާދިއްފުށީގެ ގޯލުތައް ޖެހީ މުހައްމަދު ސާހިލާއި މޫސާ ނަދީމާއި ހަސަން ރަޝީދެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

20:00

ގްރައުންޑް 1: ރ. އަލިފުށި - ރ. ދުވާފަރު

ގްރައުންޑް 2: ރ. އިނގުރައިދޫ - ރ. މަޑުއްވަރި

21:00

ގްރައުންޑް 1: ޅ. ނައިފަރު - ޅ. އޮޅުވެލިފުށި

ގްރައުންޑް 2: ޅ. ކުރެންދޫ - ޅ. ހިންވަރު

22:00

ގްރައުންޑް 1: ގދ. ދާންދޫ - ގދ. ވިލިނގިލި

ގްރައުންޑް 2: ގދ. ދެއްވަދޫ - ގދ. ނިލަންދޫ

23:00

ގްރައުންޑް 1: ވ. ކެޔޮދޫ - ވ. ފެލިދޫ