ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިޔާނާތުގެ މައްސަލައިގައި އިތުރު ބައެއްގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ކުރިމިނަލް ކޯޓުގައި ދައުވާކޮށްފިއެވެ.
އެގޮތުން ދައުވާ ކޮށްފައިވަނީ އެފްއޭއެމްގެ އެކައުންޓްސް ޑިޕާޓްމަންޓްގެ ހެޑްގެ ގޮތުގައި ކުރިން ހުރި ގއ. ގެމަނަފުށި، ފެހިކުރި، މުހައްމަދު އަގީލް އާއި އެފްއޭއެމްގެ އެކި މަގާމުތައް ފުރާފައިވާ މ. ހިރިނައިދޫ، ހަސަން ވަހީދުގެ އިތުރުން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށެވެ. އެމީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.
ޕީޖީ އޮފީހުން ބުނީ، އެފްއޭއެމަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އެސޯސިއޭޝަަނަށް ބޭރުގެ ފަރާތްތަކުން އެހީގެ ގޮތުގައި ޔޫއެސް ޑޮލަރުން ލިބޭ ފައިސާ އެ އެސޯސިއޭޝަންގެ އިސްވެރިންނާއި އެސޯސިއޭޝަނާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައިވާ ކަމަށެވެ. އަދި އެ ފައިސާ ނަހަމަގޮތުގައި ބޭނުންކޮށް މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި އެ ފަރާތްތަކަށް މަނީ ލޯންޑާ ކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވާ ކަމަށް ޕީޖީން ބުންޏެވެ.
އޭގެ ތެރެއިން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުވާކޮށްފައި ވަނީ، އަމީން އެވެނިއުން އެޕާޓްމަންޓެއް ގައުމަށް އެފްއޭއެމްގެ އޭރުގެ ރައީސް ބައްސާމް ސޮއިކޮށް، އެތަނުގެ ބަޖެޓުން އެއް މިލިއަން ޑޮލަރު ނެގޭގޮތަށް ފޮނުވި ޗެކް ގަބޫލުކުރި މައްސަލައިގައެވެ.
ޕީޖީން ބުނީ އެ ޗެކު އަމީން ކޮންސްޓްރަކްޝަން އިން ބަަލައިގެންފައި ވަނީ، އެ ފައިސާ އަކީ 14 އޭޕްރީލް 2021 ވަނަ ދުވަހު ފީފާއިން އެފްއޭއެމްގެ އެކައުންޓަށް ޖަމާ ކުރި އެ އެސޯއިއޭޝަންގެ 1.9 މިލިޔަން ޑޮލަރުކަން އެނގި ހުރެ ކަމަށެވެ.
އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ބަޔާންކޮށް، ބޭންކް އޮފް ސިލޯނަށް ސިޓީ ފޮނުވައި، 14 އޭޕްރީލް 2021 ދުވަހު އަމީން ކޮންސްޓްރަކްޝަންގެ އެކައުންޓަށް އެ ފައިސާ ޖަމާކޮށް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމް އަށް އަނބުރާ ދެއްކުމަކާ ނުލައި، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ނަގުދު ފައިސާއިން ދީފައިވާކަން ދެއްކުމުގެ ގޮތުން އަމީން ކޮންސްޓްރަކްޝަންގެ ނަމުގައި ކޭޝް ވައުޗަރުތަކެއް ތައްޔާރުކޮށް، މަނީ ލޯންޑާ ކުރުމަށް އަމީން ކޮންސްޓްރަކްޝަންއިން ބައްސާމަށް އެހީތެރިވެދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އެކަމުގެ ސަބަބުން އެފްއޭއެމްއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ އެއް މިލިއަން ޑޮލަރު އަމީން ކޮންސްޓްރަކްޝަންއިން ނަގައިދިނުމަށާއި އެ ކުންފުނީގެ މި އަމަލުގެ ސަބަބުން، ބައްސާމު ހޯދައި ލިބިގަނެ ބޭނުން ކުރަމުން ގެންދިޔަ އަމީން ކޮންސްޓްރަކްޝަންގެ ދެ އެޕާޓްމަންޓް ދައުލަތަށް ނަގައިދިނުމަށް ދައުވާގައި ޕީޖީ ވަނީ އެދިފައެވެ.
މި މައްސަލައިގައި އަގީލްގެ މައްޗަށް ދައުވާ ކުރަނީ، އެޕާޓްމަންޓް ގަތުމަށް އަމީން ކޮންސްޓްރަކްޝަނުގެ އެކައުންޓަށް ބައްސާމް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ، ޑޮލަރު ވިއްކުމުގެ މުއާމަލާތެއް ކަމުގައި ދެއްކުމުގެ ގޮތުން، އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް ލިބިފައިނުވަނީސް، 15.4 މިލިޔަން ރުފިޔާ ލިބުނު ކަމަށް ސްޓޭމްޕް ޖަހައި ސޮއިކޮށް އެ ލިޔުން ތައްޔާރުކޮށްފައިވާތީއެވެ. އަދި އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން، އަމީން އެވެނިއުގެ އެޕާޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑާ ކުރުމަށް ބައްސާމަށް އެހީތެރިވެދީފައިވާތީއެވެ.
ހަސަން ވަހީދުގެ މައްޗަށް ދައުވާކޮށްފައި ވަނީ، އަމީން އެވެނިއުގެ އެޕާޓްމަންޓް ގަތުމަށް އަމީން ކޮންސްޓްރަކްޝަންއަށް އެފްއޭއެމްގެ އެކައުންޓުން އެތަނުގެ ޗެކެއް މެދުވެރިކޮށް އެއް މިލިޔަން ޑޮލަރު ދޫކުރުމުގެ ކަންކަން އިންތިޒާމްކޮށް، އެ ފައިސާއަށްވާ 1.5 މިލިއަން ރުފިޔާ އެފްއޭއެމަށް ދެއްކުމުގެ ގޮތުން ޗެކްމާކް ކުންފުންޏާއި އައިއެސް އެންޓާޕްރައިޒަސްއިން ދޫކުރި ޗެކުތަކުގައިވާ ފައިސާ އަމީން ކޮންސްޓްރަކްޝަންއަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދުދީ، އެ ފައިސާ އަމީން ކޮންސްޓްރަކްޝަންއަށް ޖަމާކުރުމަށް އެހީތެރިވެދީފައިވާތީއެވެ.
އޭގެ އިތުރުން އެފްއޭއެމްގެ އެކައުންޓުގެ ޗެކު މެދުވެރިކޮށް ޕްރޯ ސިނާޖީ މެޑިކަލް ސިސްޓަމްސް އަށް އެއް ލައްކަ ޑޮލަރު ދޫކުރުމުގެ ކަންކަން އިންތިޒާމްކޮށް، ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް ބޭންކް އޮފް ސިލޯނަށް އިރުޝާދުދީ، އެ ފައިސާ އަމީން ކޮންސްޓްރަކްޝަނަށް ޖަމާކުރުމަށް އެހީތެރިވެދީ، އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމީން އެވެނިއުގެ އެޕާޓްމަންޓް ހޯދައި ލިބިގަތުމަށާއި މަނީ ލޯންޑާ ކުރަން ބައްސާމަށް އެހީތެރިވެދީފައިވާތީ ވެސް ދައުވާ ކޮށްފައިވެއެވެ.
އެފްއޭއެމްގެ ހިޔާނާތުގެ މައްސަލައިގައި އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމު އަދީލް ޖަލީލްގެ މައްޗަށް، ހިޔާނާތްތެރިވުމުގެ ކުށުގެ ދެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދެ ދައުވާ ވަނީ ކޮށްފައެވެ. އެ ދައުވާތަކުގެ މައްސަލަތައް ކުރިމިނަލް ކޯޓުގައި މިހާރު ވެސް ކުރިއަށް އެބަދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު