އިންޑިއާގެ ހާމުދުރެއް އަނެއްކާވެސް ރާއްޖެ އައިސް، ރޫހާނީ ފަރުވާދެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އިސްތިހާރުކުރަން ފަށައިފިއެވެ.

ރޫހާނީ ފަރުވާދެމުންދާ ކަމަށް ބުނެ ފޭސްބުކުގައި އިސްތިހާރު ކުރަމުންދަނީ މާސްޓާ ދުގްރާ ގުރޫޖީ ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ ފޭސްބުކު ޕޭޖުގައި ވަނީ ރޫހާނީ ފަރުވާއަށް އެޕޮއިންޓުމެންޓު ހެދުމަށް ގުޅަން ޖެހޭ ނަންބަރު ވެސް އާންމުކޮށްފައެވެ. އިޝްތިހާރު ކޮށްފައިވާ ފަރުވާތަކުގެ ތެރޭގައި، ސިއްހީ މައްސަލަތަކާއި، ޖިންނި ޝައިތާނުންގެ ފަރާތުން ކުރިމަތިވާ އުނދަގޫތަކާއި ލޯބި އަނބުރާ ހޯދައިދިނުމާއި ކައިވެނީގެ މައްސަލަތަކުގެ ހައްލުތައް ހިމެނެއެވެ.

އެ ނަންބަރަށް "ވަން" އިން މިއަދު ގުޅުމުން އޭނާ ބުނީ، މިއީ ރާއްޖެ އައި ތިންވަނަ ފަހަރު ކަމަށާއި ކޮންމެ ފަހަރަކު ރާއްޖެއައިސް ދެ ހަފުތާއެއްހާ ދުވަހަށް މަޑުކުރާ ކަމަށެވެ. އޭނާ ބުނީ މިފަހަރު ރާއްޖެ އައިސްފައިވަނީ މީގެ ދެދުވަސް ކުރިން ކަމަށެވެ. އޭނާ ހުންނަނީ ހުޅުމާލޭގެ ހޮޓަލެއްގައި ކަމަށާއި ރޫހާނީ ފަރުވާވެސް ދަނީ އެ ހޮޓަލުގައި ކަމަށެވެ.

އޭނާ ބުނީ ދުވާލަކު 25އާއި 80 ވަރަކަށް މީހުން އޭނާ ކައިރިއަށް ފަރުވާ ހޯދަން ދާ ކަމަށާއި ކޮންމެ ސެޝަނަކަށް 300 ރުފިޔާގެ ފީއެއް ނަގާ ކަމަށެވެ. މީގެ ތެރޭގައި ގިނައީ ދިވެހީން ކަމަށާއި ބޮޑު ކިޔުއެއް އެބައޮތް ކަމަށްވެސް އޭނާ ބުންޏެވެ.

މިކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވޭތޯ ސާފުކުރުމަށް "ވަން" އިން ފުލުހުންގެ މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ އެފަދަ މައްސަލައެއް ފާހަގަވެފައިވާ ކަމަށެވެ. އެކަމާ ގުޅިގެން މައުލޫމާތު ސާފުކުރުމުގެ ކަންކަން ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

މީގެ ކުރީން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ވެސް އިންޑިއާގެ ހާމުދުރަކު ވަނީ ރާއްޖެ އައިސް ރޫހާނީ ފަރުވާދޭ ކަމަށް ބުނެފަ އެވެ. ފުލުހުން ވަނީ އެ މީހާ ހައްޔަރުކޮށް، އިމިގްރޭޝަނާ ހަވާލުކޮށްފައެވެ. އިމިގްރޭޝަނުން ވަނީ އޭނާ ޑީޕޯޓްކޮށްލައިފައެވެ.