ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ އައްޑު އަތޮޅު ސެމީ ފައިނަލް ޓީމުތައް ޔަގީންވެއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ވަނީ އައްޑޫ ދެ ގްރޫޕުގެވެސް ފަހު މެޗުތައް ކުޅެފައެވެ. އައްޑޫން ޖުމުލަ ހަ ޓީމު ވާދަކުރަމުން އަންނަ އިރު، ގްރޫޕެއްގައި ހިމެނެނީ ތިން ޓީމެވެ.

ގްރޫޕް އޭގެ ފަހު މެޗުގައި ރޭ ހުޅުދޫއާއި ފޭދޫ ވާދަކޮށް، ފޭދޫން 3-1 އިން މޮޅުވެ، ގްރޫޕްގެ އެއްވަަނަ ޔަގީންކުރީ ދެމެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. ފޭދޫގެ ގޯލުތައް ޖެހީ ހުސައިން ގައްސާން ލަބީބް (ހުސީ) އާއި އަހުމަދު ބަލްސަމް އަލީ އަދި ހުސައިން އިޔާސް ސައީދެވެ. ހުޅުދޫގެ ގޯލު ޖެހީ އިބްރާހީމް ލީވާނެވެ.

މަރަދޫފޭދުއަށް ދެވަނަ ލިބުނީ ދެމެޗުން ދެ ޕޮއިންޓާއެކުގައެވެ. ރޭ ހުޅުދޫން މެޗު އެއްވަރުކޮށްލައިގެންވެސް ސެމީއަށް ދެވެން އޮތް ނަމަވެސް، ފޭދޫ މޮޅުވުމުން މަރަދޫ ފޭދޫއަށް ސެމީގެ ފުރުސަތު ޔަގީންވިއެވެ.

އައްޑު އަތޮޅުގެ ގްރޫޕް ބީގެ ފަހު މެޗުގައި ރޭ ހިތަދޫއާއި މީދޫ ވާދަކޮށް، 2-1 އިން ހިތަދޫން މެޗުން މޮޅުވި އިރު، އެމެޗަށް ނުކުތްއިރުވެސް ހިތަދޫއަށް އޮތީ ސެމީ ޔަގީންވެފައެވެ. މީދޫ ސެމީއަށް ދާން އޮތީ ހިތަދޫ ކައިރިން ތިން ގޯލަށްވުރެ ކުޑަ ތަފަތާކުން ބަލިވެގެންނެވެ.

އެކަން މީދޫން ހާސިލުކޮށް، ދެވަނައިގައި ސެމީއަށް ދިޔަ އިރު، ހިތަދޫގެ ގޯލުތައް ރޭ ޖެހީ އީމާން ނަޒީރާއި މުހައްމަދު ދާނިޝް އިބްރާހީމެވެ. މީދޫގެ ގޯލު ޖެހީ ހަސަން ސަހާފެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ.

މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

16:00

ގްރައުންޑް 1: ހއ. މާރަންދޫ - ހއ. ފިއްލަދޫ

ގްރައުންޑް 2: ހއ. ބާރަށް - ހއ. ކެލާ

17:00

ގްރައުންޑް 1: ހއ. ވަށަފަރު - ހއ. އިހަވަންދޫ

ގްރައުންޑް 2: ހއ. ދިއްދޫ - ހއ. އުތީމު

20:00

ގްރައުންޑް 1: ހދ. ހަނިމާދޫ - ހދ. ފިނޭ

ގްރައުންޑް 2: ހދ. މަކުނުދޫ - ހދ. ނޭކުރެންދޫ

21:00

ގްރައުންޑް 1: ހދ. ކުމުންދޫ - ހދ. ނައިވާދޫ

ގްރައުންޑް 2: ހދ. ވައިކަރަދޫ - ހދ. ނޮޅިވަރަން

22:00

ގްރައުންޑް 1: މ. ވޭވަށް - މ. ދިއްގަރު

ގްރައުންޑް 2: މ. މުލަށް - މ. މަޑުއްވަރި

23:00

ގްރައުންޑް 1: މ. ނާލާފުށި - މ. ކޮޅުފުށި