ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް އެ މައްސަލަ އަލުން ބަލަން އެންގިއިރު، ޔާމީނާ ދެކޮޅަށް އެ މައްސަލައިގައި ހުރި އާ ހެކިތައް ޝަރީއަތަށް ބަލައިގަތް ނަމަވެސް ދިފާއުވުމުގެ ހައްގަށް އުނިކަމެއް ނާންނާނެ ކަމަށް ދައުލަތުން ވިދާޅުވެއްޖެއެވެ.
އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ޔާމީންގެ މައްޗަށް ރިޝްވަތު ދިނުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް އަދި ވ. ފުލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތުވާކަމަށް 25 ޑިސެންބަރު 2022 ދުވަހު ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.
ކުރިމިނަލް ކޯޓުގެ އެ ހުކުމް ޔާމީން އާއި ޔޫސުފް ނައީމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކުރިމިނަލް ކޯޓުގެ ނިންމުމާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް ޓަކައި މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލުކުރުމަށް 18 އެޕްރީލް 2024 ދުވަހު އެ ކޯޓުން ނިންމާފައިވެއެވެ.
ނަމަވެސް ހައިކޯޓުގެ ނިންމުމުގައި، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާ އިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ދައުލަތުން ހުށަހެޅި ހެކިތައް އެއްފަރާތް ކުރުމަށް އަންގާފައިވެއެވެ. އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން އަންގާފައިވަނީ، އެ ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅު ނޫން ކަމަށް ބަޔާންކޮށެވެ. ހައި ކޯޓުގެ އެ ނިންމުން ދައުލަތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު ޝަފީއު އަހުމަދު ވިދާޅުވީ ޔާމީނާ ދެކޮޅަށް ހުރި ހެކިތައް ދަނީ މައްސަލައިގެ ޝަރީއަތަކަށް ހަނާ އަޅަމުން ކަމަށެވެ. ޝަފީއު ވިދާޅުވީ މި މައްސަލައިގައި އަލަށް ލިބުނު ހެކިތަކަށް ރިއާޔަތް ނުކޮށް، ހެކިތައް އެއްފަރާތް ކޮށްލާ ނަމަ ނުކުންނާނީ ވަރަށް ހެއްވާ ނަތީޖާއެއް ކަމަށެވެ.
ޝަފީއު ވިދާޅުވީ ދައުލަތުން މަސައްކަތް ކުރަމުންދަނީ މުޅިން އާ އީޖާދީ ގޮތްތަކެއް ހޯދަން ނޫން ކަމަށާއި މައްސަލައިގެ ތެރެއިން އާ ހެއްކެއް ނުވަތަ ހެކިތަކެއް ހުރިކަން ފާހަގަކުރެއްވިއްޖެ ނަމަ ހެކިތަކެއް ޝަރީއަތަށް ހުށަހެޅުމުގެ ފުރުސަތު ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ލިބިދީފައިވާ ކަމަށެވެ.
އެގޮތަށް ހުށަހަޅާ ހެކިތައް ޝަރީއަތަށް ބަލައިގަނެ ދެ ފަރާތަށް އެ ހެކިތަކާ ގުޅިގެން ބަހުސްކުރުމުގެ ފުރުސަތު ލިބިދީފައި ވާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ. އެހެންކަމުން މައްސަަލަ ރައްދުވާ ފަރާތްތަކަށް ވެސް އެ ހެކިތަކާއި ގުޅިގެން ބަހުސް ކުރަން ފުރުސަތު ލިބި އަދި ހެކިތަކާ ގުޅިގެން އިތުރު ހުށަހެޅުމެއް ވާނަމަ އެ ކަަމަކަށް ފުރުސަތު ލިބިގެންދާނެ ކަމަަށް ޝަފީއު ވިދާޅުވިއެވެ. އެހެންކަމުން ދައުލަތުން އެދޭގޮތަށް އާ ހެކިތަކެއް ބަލައިގަތް ނަމަވެސް ދިފާއުވުމުގެ ހައްގަށް ހުރަސް އެޅި، ނުވަތަ ދިފާއުވުމުގެ ހައްގު ގެއްލިގެން ނުދާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.
މި މައްސަލައިގެ ތަހުގީގު މަރުހަލާގައި މައްސަލަ ރައްދުވާ ފަރާތްތަކުން ވަނީ ހަނުހުރުމުގެ ހައްގު ބޭނުންކޮށްފައި ކަމަށާއި ނަމަވެސް ޝަރީއަތުގައި އެ ފަރާތްތަކުން ވިދާޅުވެފައިވަނީ އެއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ޝަފީއު ވިދާޅުވިއެވެ. އެ މުއާމަލާތަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމުގައިވާ ނަމަ އެކަން ތަހުގީގުގައި ފާހަގަ ނުކުރީ ކީއްވެތޯ ޝަފީއު ސުވާލު އުފެއްދެވިއެވެ.
ހަނު ހުރުމުގެ މާނައަކީ ތިމާއާ ދެކޮޅަށް އެއްވެސް ހެކިބަހެއް ނުދިނުން ކަމަށާއި ހަނުހުރުމުގެ ހައްގު ބޭނުން ހިފިޔަސް ތިމާއާއި އެއްކޮޅަށް ހުރި ކަންތައްތަކުގެ ވާހަކަ ތަހުގީގަށް ކިޔައިދެވޭނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.
ތަހުގީގަށް އެކަންތައް ކިޔައިދިނުމުގެ ބަދަލުގައި ޝަރީއަތުގެ މަރުހަލާގައި މައްސަލަ ރައްދުވާ ފަރާތްތަކުން ހުށަހެޅި ހެކިވެރިން ދިން ހެކިބަހުގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ހުރިކަން ފާހަގަވި ކަމަށް ދައުލަތުން ވިދާޅުވިއެވެ. އާ ހެކިތަކެއް ހުށަހަޅަން ޖެހުނީ މައްސަލަ ހެކިބަހުގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ހުރުމުގެ ސަބަބުން އެކަން ސާބިތުކޮށްދިނުމުގެ ގޮތުން ކަމަށް ޝަފީއު ވިދާޅުވިއެވެ.
ދައުލަތުން އަލަށް ހުށަހަޅަން މަސައްކަތްކުރާ ހެކިތަކުން މައްސަލައަށް އަސަރު ކުރާނެކަން އެނގިގެންދާނީ އެ ހެކިތައް ބަލައިގަނެ ކުރިއަށް ގެންދިޔުމުން ކަމަށް ޝަފީއު ވިދާޅުވިއެވެ.
ދައުލަތުގެ ވާހަކަތަކާއި ގުޅިގެން ޔާމީންގެ ވަކީލު ހަމްޒާ ލަތީފު ވިދާޅުވީ، މައްސަލައިގެ ޝަރީއަތާ ހިސާބަށްދަނީ ދެ ފަރާތަށް ވެސް ހެކި ހާމަކުރުމުގެ ފުރުސަތު އެ ހެކިތަކާމެދު މައްސަލަ ބައްލަވާ ފަނޑިޔާރު ގޮތެއް ކަނޑައެޅުމަށްފަހު ކަމަށެވެ. ހަމްޒާ ވިދާޅުވީ ޝަރީއަތުގެ މަރުހަލާ ކުރިއަށްދަނިކޮށް އާ ހެއްކެއް ހުށަހެޅުމަކީ ތަސައްވަރު ކުރެވޭ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އިންސާފަށް ވާސިލުވުމުގެ ގޮތުން އާ ހެކިތަކެއް ހުށަހެޅުމުގެ ފުރުސަތު ލިބިދީފައިވާ ކަމަށާއި އެފަދަ ހެކިތަކަކީ އެއްވެސް ކަހަލަ ފުށުއެރުމެއް، ހުޝޫމާތެއް ހުރެގެންވާނެ އަދި ނަފީކުރުމުގެ ފުރުސަތު ކުޑަ ހެކިތަކަކަށް ވެގެންދާނެ ކަމަށް ހަމްޒާ ވިދާޅުވިއެވެ. އެފަދަ ހެއްކެއް އެއްވެސް ފަރާތަކުން ހުށަހަޅައިފި ނަމަ ޝަރީއަތް އަލުން ފަށަން ވާނެ ކަމަށް ހަމްޒާ ވިދާޅުވިއެވެ.
ހަމްޒާ ވިދާޅުވީ މި މައްސަލައިގެ ތަހުގީގުގައި ޔާމީން ހަނު ހުންނެވިކަން ދައުލަތުން ފާހަގަކުރެއްވި ކަމަށެވެ. ހަމްޒާ ވިދާޅުވީ މި މައްސަަލައިގެ ތަހުގީގަށް ފުލުހުން ވަނީ ޔާމީން ތަފާތު އެކިފަހަރު މަތިން ހާޒިރުކޮށް ސުވާލުކޮށްފައި ކަމަށެވެ. ސުވާލުކުރުމުގެ ތެރެއިން ތަހުގީގަށް ޔާމީން ދައްކަވާ ވާހަކަތަކައިގެ ތަންތަންކޮޅު ހިފައިދަމައި ފުލުހުން ހެރެސްކޮށްފައިވާ ކަމަށާއި އެ ހެރެސްމެންޓަށް ކެތްނުކުރެވިގެން ޔާމީން ނިންމެވީ ޝަރީއަތަށް ޖަވާބުދާރީވެވަޑައިގަތުމަށް ކަމަށް ހަމްޒާ ވިދާޅުވިއެވެ. ނަމަވެސް ދައުލަތުން ފުލުހުންގެ ފަރާތުން ޔާމީނަށް ކުރަމުންދިޔަ ހެރެސްމެންޓްތަކުގެ ވާހަކަ ފާހަގަކުރައްވައިފައި ނުވާ ކަމަށް ހަމްޒާ ވިދާޅުވިއެވެ.
މި މައްސަލައިގެ ޔާމީން ދިފާއުގައި ހުށަހެޅި ހެކިވެރިންގެ ފަރާތުން ފުރަތަމަ ފަހަރަށް މިއީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ދައުލަތަށް އިވިވަޑައިގަތް ކަމަށް ބުނެ ދައުލަތުން ދައްކަވަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ހަމްޒާ ވިދާޅުވިއެވެ. ކުރިމިނަލް ކޯޓުގައި ކުރިއަށްދިޔަ މި މައްސަލައިގެ އިބްތިދާއީ މަރުހަލާގައި ދައުލަތަށް އެކަން ފާހަގަކުރެވިފައިވާނެ ކަމަށް ހަމްޒާ ވިދާޅުވިއެވެ. ކުރިމިނަލް ކޯޓުގެ އިބްތިދާއީ މަރުހަލާގައި އެ ހެކިތަކާ ގުޅިގެން އިތުރު ހެކިތައް ހުށަހަޅަން ބޭނުންވާ ނަމަ އެކަމަށް އެދެންވާނެ ކަމަށް ހަމްޒާ ވިދާޅުވިއެވެ.
ދައުލަތުން މި މައްސަލައިގައި މަސައްކަތް ކުރަމުންދަނީ ސޮއިނުކޮށް ހުރި ލިޔެކިޔުންތަކެއް ހުށަހެޅިފައިވާތީ ސޮއިކޮށްފައިވާ ލިޔެކިޔުންތައް އަލުން ހުށަހެޅުމަށް ކަމަށް ހަމްޒާ ވިދާޅުވިއެވެ. ދެން މަސައްކަތް ކުރަމުންދަނީ ކުރިމިނަލް ކޯޓުގައި ޔާމީންގެ ދިފާއުގައި ހެކިބަސް ދިން އަހުމަދު ނަރީޝް، ކަމެއް ކުރި ކަމަށް ބުނި ވަގުތު، އޭނާ ހުރީ ވަޒީފާގެ މަސައްކަތެއް ކުރަންކަން ސާބިތުކޮށްދިނުމަށް ހުށަހަޅާ ހެކިތަކެއް ކަމަށެވެ. އެހެންކަމުން މިއީ މުޅި މައްސަލައަށް ބަދަލެއް އައިސްދާނެ ހެކިތަކެއް ނޫން ކަމަށް ހަމްޒާ ވިދާޅުވިއެވެ.
ދައުލަތުން ފޮނުވި ސިޓީގައި ބަޔާންކޮށްފައިވަނީ ދައުލަތުން އާ ހެކިތަކެއް ހުށަހަޅަނީ މައްސަލައިގެ ކަމެއް ސާފުކުރަން ނޫން ކަމަށާއި މައްސަލައިގެ ދިފާއުން ހުށަހެޅި ހެކިވެރިންގެ ހެކިބަސް ނަފީކުރަން ކަމަށް ހަމްޒާ ވިދާޅުވިއެވެ.
މީގެ ކުރިން ޔާމީންގެ މައްޗަށް ވޮޑަމުއްލާ މައްސަލައިގައި ދައުލަތުންކުރި މަނީލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާގައި ދައުލަތުން ވަނީ މައްސަލައާ ގުޅުމެއް ނެތް ޗެކެއް ހުށަހަޅައިފައި ކަމަށާއި ނަމަވެސް އެފަހަރު ސުޕްރީމް ކޯޓުން، އެކަން ރަނގަޅު ކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުން ދަށު ކޯޓަށް ތަހުވީލު ކޮށްފައި ނުވާކަމަށް ހަމްޒާ ވިދާޅުވިއެވެ. އެހެންކަމުން ދިފާއުން އެދެނީ ދައުލަތުން އެދޭގޮތަށް ގާނޫނު ބޮލައިލައި ޖަހައި މި މައްސަލައިގައި ދައުލަތުން އެދޭގޮތަށް ގޮތް ކަނޑައަޅައިނުދިނުމަށް ކަމަށް ވެސް ހަމްޒާ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުުގައި ތިއްބަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫންއެވެ.
މިއަދުގެ ޝަރީއަތަގައި ދެފަރާތުން ދެއްކެވި ވާހަކަތާއި ގުޅިގެން އެއްވެސް ސުވާލެއް ނެތް ކަމަށް ވިދާޅުވެ، ފަނޑިޔާރު ޝުޖޫން ވަނީ ޝަރީއަތް ނިންމަވާލައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު