ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ލ. އަތޮޅުގެ އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތައް، ވަރުގަދަ ގަމާއި އިސްދޫން ކާމިޔާބު ކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ވަނީ ލ. އަތޮޅުގެ ދެމެޗު ކުޅެފައެވެ. މިއަހަރު ލ. އަތޮޅުން ހަ ޓީމު މުބާރާތުގައި ވާދަކުރާއިރު، އެ އަތޮޅުގެ ގްރޫޕް ސްޓޭޖުގައި ދެ ގްރޫޕެއްގައި ޓީމުތައް ވާދަކުރަމުން އަންނަނީ ތިން ޓީމުގެ ގްރޫޕުތަކުގައެވެ.

ގަމުން ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި ރޭ މާބައިދުއާ ދެކޮޅަށް ނުކުމެ، 2-0 އިން މެޗު ކާމިޔާބުކުރި އިރު، އެ ނަތީޖާއާއެކު އެޓީމަށް ވަނީ ދެމެޗުން ދެ މޮޅު ލިބިފައެވެ. ދެން އެ ގްރޫޕުން ސެމީއަށް ދާ ޓީމު އެނގޭނީ މާބައިދޫއާއި މާވަށް ވާދަކުރާ މެޗުންނެވެ.

ގަމުގެ ގޯލުތައް ރޭގެ މެޗުގައި ޖަހައިދިނީ އަބްދުﷲ ޖުނައިދު (ޖޭއްނޭ) އާއި މުހައްމަދު މުސްލިހެވެ. މިދިޔަ އަހަރު މުބާރާތުގެ ފައިނަލް ކުޅުނު ގަމުން، 2023 ވަނަ އަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އިރު، މި އަހަރުގެ މުބާރާތުގައިވެސް އެޓީމު ފެންނަނީ ވަރުގަދަކޮށެވެ.

ރޭ އެއަތޮޅު ގްރޫޕް ބީގައި އިސްދޫ ކުޅުނު ފުރަތަމަ މެޗުގައި ކަލައިދޫ ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި އިސްދޫގެ އަހުމަދު އަފްސަމާއި އަލީ މީސާގު އީސާ، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިދިން އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ ހުސައިން އަފްހާމެވެ. ކަލައިދޫގެ ގޯލު ޖެހީ އަހުމަދު އައްސަދެވެ.

އެ ގްރޫޕުގައި ދެން ހިމެނޭ މުންޑުއާއި ކަލައިދުއަށް އެއް ޕޮއިންޓް ލިބިފައިވާ އިރު، ދެން ބާކީ އޮންނާނީ އިސްދުއާއި މުންޑޫ ކުޅޭ މެޗެވެ. އެމެޗުން މުންޑޫ މޮޅުވެ، އިސްދޫ ބަލިވި ނަމަވެސް އިސްދު ސެމީއަށް ދާނެއެވެ. އެމެޗުން މުންޑޫ ބަލިވެއްޖެނަމަ، ނަތީޖާގެ ފަރަގަށް ބަލައި، ކަލައިދުއަށް އަދި ސެމީއަށް ދާން ފުރުސަތު އެބައޮތެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

16:00

ގްރައުންޑް 1: ކ. ދިއްފުށި - ކ. މާފުށި

ގްރައުންޑް 2: ކ. ގާފަރު - ކ. ހިންމަފުށި

17:00

ގްރައުންޑް 1: ކ. ގުޅި - ކ. ގުރައިދޫ

ގްރައުންޑް 2: ކ. ކާށިދޫ - ކ. ތުލުސްދޫ

20:00

ގްރައުންޑް 1: އއ. މަތިވެރި - އއ. ރަސްދޫ (ސެމީ ފައިނަލް)

ގްރައުންޑް 2: އއ. ބޮޑުފޮޅުދޫ - އއ. ތޮއްޑޫ (ސެމީ ފައިނަލް)

21:00

ގްރައުންޑް 1: އދ. ހަންޏާމީދޫ - އދ. ކުނބުރުދޫ

ގްރައުންޑް 2: އދ. މަހިބަދޫ - އދ. އޮމަދޫ

22:00

ގްރައުންޑް 1: ޅ. ނައިފަރު - ޅ. ހިންނަވަރު

ގްރައުންޑް 2: ޅ. އޮޅުވެލިފުށި - ޅ. ކުރެންދޫ

23:00

ގްރައުންޑް 1: ވ. ފުލިދޫ - ވ. ކެޔޮދޫ