ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ހދ. އަތޮޅުގައި ރޭ ކުޅުނު މުހިއްމު މެޗުތައް ނޭކުރެންދުއާއި ޗެމްޕިއަން ނައިވާދޫގެ އިތުރުން ކުމުންދޫން ކާމިޔާބު ކޮށްފިއެވެ.
ހދ. އަތޮޅުން ޖުމުލަ 10 ޓީމަކުން ވާދަކުރަމުން އަންނައިރު، އަތޮޅު ބުރު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
ގްރޫޕް އޭގައި ނޭކުރެންދޫން ނޮޅިވަރަންފަރު ބަލިކުރީ 5-1 ގެ ނަތީޖާއަކުންނެވެ. އަދި އެ ގްރޫޕްގެ އަނެއް މެޗުގައި ފިނޭ އާއި މަކުނުދޫ އެއްވަރުވީ 1-1 އިންނެވެ.
ނޮޅިވަރަންފަރަށް ގްރޫޕް ސްޓޭޖުގައި ހަތަރު މެޗު ހަމަވެ، މުބާރާތް ނިމުނީ ހަތަރު މެޗުން ހަތަރު ޕޮއިންޓާއެކުގައެވެ. އެޓީމު މިވަގުތު ތިންވަނައިގައި އޮތް އިރު، އެއްވަނައިގައި ސެމީ ޔަގީންކުރި ނޭކުރެންދޫއަށް ލިބިފައި ވަނީ ތިން މެޗުން ނުވަ ޕޮއިންޓެވެ.
މަކުނުދޫ މިވަގުތު ދެވަނައިގައި އޮތީ ތިން މެޗުން ފަސް ޕޮއިންޓާއެކުގައެވެ. އެޓީމު އަތުވާން ހަމައެކަނި އޮތީ ހަތަރުވަނައިގައި ތިން މެޗުން ދެ ޕޮއިންޓާއެކު އޮތް ފިނޭއަށެވެ. އެ ގްރޫޕްގެ ފުލުގައި ހަނިމާދޫ ތިން މެޗުން ޕޮއިންޓަކާއެކު އޮތް އިރު، އެޓީމަށްވެސް ދެން ސެމީގެ ޖާގައެއް ނުލިބޭނެ އެވެ.
ނޭކުރެންދޫން ފަހު މެޗުގައި މަކުނުދުއާ ދެކޮޅަށް ނުކުމެ ބަލިވި ނަމަވެސް އެޓީމަށް އެއްވަނަ ޔަގީންވާ އިރު، ދެވަނަ ޓީމަކަށް އަމިއްލަ ބާރު އޮތީ މަކުނުދޫއަށެވެ. ފިނޭއަށް އޮތީ ހަނިމާދޫ ބަލިކޮށް، މަކުނުދޫ ބަލިވާނެ ކަމަށް އުންމީދުކުރުމެވެ.
ރޭ ނޭކުރެންދޫގެ ގޯލުތައް ޖެހީ މުހައްމަދު ވިލްފް، މުހައްމަދު ރާއިފް ފަޒީލް އަދި މުހައްމަދު އަބާން އިމްރާނެވެ. އަނެއް ދެ ގޯލަކީ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އާއި އަކްރަމް އަބްދުލް ރަޝީދު ފައިގައި ޖެހި ބައިކޮޅަށް ވަން ގޯލުތަކެވެ. ނޮޅިވަރަންފަރުގެ ގޯލު އެމެޗުގައި ޖެހީ އަކްރަމެވެ.
އެ ގްރޫޕުގައި ފިނޭއާއި މަކުނުދޫ އެއްވަރުވި މެޗުގައި ފިނޭގެ ގޯލު ޖެހީ އަލީ މިސްބާހެވެ. މަކުނޫދުގެ ގޯލު ޖެހީ ހުޝާމް އިބްރާހީމެވެ.
އެ އަތޮޅުގެ ގްރޫޕް ބީއިން ނައިވާދޫ ސެމީއަށް ދިޔައީ ރޭ ކުޅުނު މެޗުގައި 6-1 އިން ނެއްލައިދޫ ބަލިކޮށްގެންނެވެ. ދެން އެ ގްރޫޕުގައި ރޭ ކުޅުނު މެޗުގައި ކުމުންދޫން ވަނީ ނޮޅިވަރަން 3-0 އިން ބަލިކޮށް، ސެމީއަށް އުންމީދު ބޮޑުކޮށްފައެވެ.
ކުމުންދޫން ދެން ގްރޫޕްގައި ކުޅެން އޮތީ ނައިވާދުއާ ދެކޮޅަށެވެ. އެމެޗުން މޮޅުވެ، ގްރޫޕް އެއްވަނަވެސް ހޯދަން ކުމުންދުއަށް ފުރުސަތު އެބައޮތެވެ. އެ ގްރޫޕްގެ އެއްވަނައިގައި މިވަގުތު ނައިވާދޫ އޮތީ ތިން މެޗުން ތިން މޮޅު ހޯދައި، ނުވަ ޕޮއިންޓާއެކުގައެވެ.
ދެވަނައިގައި ކުމުންދޫ ތިން މެޗުން ހަތް ޕޮއިންޓާއެކު އޮތް އިރު، ފަހު މެޗުގައި ނޮޅިވަރަމާ ދެކޮޅަށް ނުކުންނަ ވައިކަރަދުއަށް އަދި އުންމީދެއް އެބައޮތެވެ. އެއީ ކުމުންދޫ ނައިވާދޫ ކައިރީ ބަލިވެގެން ލިބެން އޮތް ފުރުސަތެކެވެ. ވައިކަރަދުއަށް ތިން މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ގިނަ ގޯލުތަކެއް ޖަހައިގެން އެޓީމަށް ދެވަނައަށް އެރުމަށް ފުރުސަތު އެބައޮތެވެ.
ނައިވައިދުއަށް ރޭ ގޯލުތައް ޖަހައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި ޔާމިން މުހައްމަދު (ޔާންޓެ) ގެ އިތުރުން މުހައްމަދު ޝާއިން އަދި ޔާނިއު މުހައްމަދު ފާއިޒެވެ. ޝާއްޕެއާއި ޔާންޓެ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ. ނެއްލައިދޫގެ ހަމައެކަނި ގޯލު ޖެހީ އަހުމަދު ރީހާނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
16:00
ގްރައުންޑް 1: ތ. ތިމަރަފުށި - ތ. ވިލުފުށި
ގްރައުންޑް 2: ތ. ދިޔަމިގިލި - ތ. އޮމަދޫ
17:00
ގްރައުންޑް 1: ތ. ކަނޑޫދޫ - ތ. ހިރިލަންދޫ
ގްރައުންޑް 2: ތ. ގާދިއްފުށި - ތ. ވޭމަންޑޫ
20:00
ގްރައުންޑް 1: ގއ. ދާންދޫ - ގއ. ގެމަނަފުށި
ގްރައުންޑް 2: ގއ. ނިލަންދޫ - ގއ. ކަނޑުހުޅުދޫ
21:00
ގްރައުންޑް 1: ގއ. ކޮލަމާފުށި - ގއ. ވިލިނގިލި
ގްރައުންޑް 2: ގއ. ދެއްވަދޫ - ގއ. މާމެންދޫ
22:00
ގްރައުންޑް 1: ރ. ރަސްގަތީމު - ރ. މަޑުއްވަރި
ގްރައުންޑް 2: ރ. ދުވާފަރު - ރ. މީދޫ
23:00
ގްރައުންޑް 1: ލ. ގަން - ލ. މާބައިދޫ
ގްރައުންޑް 2: ލ. ކަލައިދޫ - ލ. އިސްދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް