ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މުބާރާތް ކަމަށާއި، މުބާރާތުން ޒުވާން ކުޅުންތެރިން އަބަދުވެސް ތައާރަފުވެ، އާ ހުނަރުތައް ފެންނަ ކަމަށް ފުޓްސަލްގެ ތަޖުރިބާކާރު ކޯޗު، އަހުމަދު ތޯހާ ބުނެފިއެވެ.

މީގެ ކުރިން މ. ދިއްގަރުންވެސް ފެނިގެންދިޔަ ތޯހާ، މިފަހަރު މުބާރާތަށް ނުކުތީ ކ. މާފުއްޓާއެކުގައެވެ. އެޓީމުގެ ފުރަތަމަ މެޗުގައި އެ އަތޮޅުގެ އެންމެފަހުގެ ޗެމްޕިއަން ގާފަރާ އެއްވަރުކޮށްފައިވާ އިރު، އެއީ ތޯހާ ކޯޗަށް ރަނގަޅު ފެށުމެކެވެ. ކޯޗުގެ ނަޒަރުގައި ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރަށު ލޯބީގައި، އެންމެ ފޯރީގައި ތައްޔާރުވާ މުބާރާތެވެ. އަދި މުބާރާތުން ގެނެސްދެނީ ތަފާތު ހުނަރުތައް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

"ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ވަރަށް ރަނގަޅު މުބާރާތެއް. ވަރަށް ރަނގަޅު ކުޅުންތެރިންތަކެއް ފެނިގެންދާ މުބާރާތެއް. އަދި ހާއްސަކޮށް ފުޓްސަލްއަށް އަހުލުވެރިވެ، ލޯބިވެސް އުފެދޭނެ މުބާރާތެއް. ގޯލްޑަން ފުޓްސަލްއަކީ ކުުޅުންތެރިން އެންމެ ގިނައިން ފެންނާނެ މުބާރާތަކަށް ވާނެ. ރަށްރަށުގައި މާލެ ކުރިން ނައިސް ތިބޭ "ޔަންގް ބްލަޑް" އެންމެ ބޮޑަށް ފެނިގެންދާ މުބާރާތް މިއީ،" އެންމެފަހުން ކްލަބު މޯލްޑިވްސް ކަޕް ޖެހިޖެހިގެން ދެފަހަރަށް ވެމްކޯއާއެކު ކާމިޔާބުކޮށްދިން ތޯހާ ބުންޏެވެ.

ތޯހާ ބުނީ ޓީމުތަކަށް އަދިވެސް ފެސިލިޓީސްތައް މަދު ނަމަވެސް، އެ ހުރިހާ ޗެލެންޖެއް ގިރާކޮށް މުބާރާތަށް ނުކުންނަނީ ރަށު ލޯބީގައި ކަމަށާއި، އެއީ މުބާރާތުގެ ހައިބަތު ބޮޑުކަން ދައްކުވައިދޭ އެއް ހެކި ކަމަށެވެ.

"ރަށުވަންތަކަމުގެ ރަށު ލޯބި ފެންނަ މުބާރާތެއް ގޯލްޑަންއަކީ. ގިނަ ހަރަދުތަކެއް ކޮށްގެން ޓީމުތައް މި އަންނަނީ. ކޮންމެ ގޮތެއްވިޔަސް ފެސިލިޓީސް ދަށް، ދަނޑު މަދު، ކޯޗުން މަދު، އެހެންނަމަވެސް އެ ޗެލެންޖްތަކާއެކުވެސް ފޯރީގައި ކުޅުންތެރިންނާއި ރަށްރަށުން ބައިވެރިވާ މުބާރާތެއް ގޯލްޑަންއަކީ. އެއީ މި މުބާރާތުގެ ބޮޑުކަން ހަގީގަތުގައި،" ތޯހާ "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

މާފުށިން އެންމެފަހުގެ އަތޮޅު ޗެމްޕިއަން ގާފަރު ހިފެހެއްޓީ 1-1 އިންނެވެ. ގާފަރަކީ 2022 ވަނަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައިވެސް ވާދަކުރި ފެވަރިޓެކެވެ. އެ ޓީމުން މެޗުގައި ޖެހި ހަމައެކަނި ގޯލު، އަޒްޔާން އިބްރާހީމް ޖެހި އިރު، މާފުށިން އެއްވަރުކުރި ގޯލު ޖެހީ އަހުމަދު ޝަމާލެވެ.

"ކޯޗަށް ޓީމު ލިބުނު ހިސާބުން މިއަދާ ހަމައަށްވެސް ވަރަށް ރަނގަޅޭ ބުނާނީ. އެހާ އެކްސްޕީރިއަންސް، ގޯލްޑަންގެ ތާރީހުގައިވެސް ކާމިޔާބު ޓީމަކާ (ގާފަރާ) ދެކޮޅަށް ކުޅެ، މި ލިބުނު ތަޖުރިބާއަކީ މާފުށި ޓީމަށް ކުރިއަށް ދާން ވަރަށް މުހިއްމު ތަޖުރިބާއެއް. ކޮންފިޑެންސެއް މި ލިބުނީ. ހާއްސަކޮށް ފަހަތުން އަރާ ގޯލު ޖަހައިގެން އެއްވަރުކޮށްލުން އެއީ ވަރަށް ރަނގަޅު ހިތްވަރަކަށް ވާނެ،" ތޯހާ އެމެޗާ ގުޅިގެން ބުންޏެވެ.

ތޯހާ ބުނީ ފުރަތަމަ ޓާގެޓަކީ އަތޮޅު ފައިނަލާ ހަމައަށް ދިޔުން ކަމަށާއި، ޓީމުގެ ތަޖުރިބާ މަދު ނަމަވެސް، އިބްރާހީމް މުބީން އަހުމަދު ރަޝީދު (މުއްކި) ކަހަލަ ކުޅުންތެރިއެއް ޓީމުގައި ހުރުމަކީ ލިބުނު ފަސޭހައެއް ކަމަށެވެ.

"ތަޖުރިބާކާރު ޓީމެއް ނޫން. އެހެން ނަމަވެސް އެއް ކުޅުންތެރިޔަކު އެބަހުރި ހުރިހާ ކަމެއް ފުރިހަމަ، ކޮލިޓީ ކުޅުންތެރިއެއް. އެއީ މުއްކި. އޭނާ ހުރީތީ ވަރަށް ބޮޑު ފައިދާއެއް އެ ލިބެނީ ޓީމަށް. އަދި ޓީމު ގޮވައިގެން އުޅުމަށް އެއީ ވަރަށް ބޮޑު ފަސޭހައެއް މުއްކި ހުރުން. އޭގެ ނަތީޖާ މި ފެނުނީ ގާފަރު ކައިރިންވެސް،" ތޯހާ ބުންޏެވެ.