ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ އއ. އަތޮޅުގެ ދެ ގްރޫޕުގައިވެސް ރޭ ކުޅުނު ފަހު މެޗުތަކާއެކު ސެމީ ފައިނަލް ޖާގަތައް ޔަގީންވެއްޖެއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ އއ. އަތޮޅުގެ ދެ ގްރޫޕުގެވެސް ފަހު މެޗުތައް ވަނީ ކުޅެފައެވެ. އެ އަތޮޅުގެ ގްރޫޕް އޭގެ ތިން ޓީމަކަށް ރޭގެ މެޗުތަކަށް ނުކުތް އިރު ސެމީގެ ފުރުސަތު އޮތް އިރު، އެންމެ ފުރުސަތު ބޮޑުކޮށް އޮތީ މަތިވެރިއަށެވެ.

މަތިވެރިން ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ޔަގީންކުރީ ރޭ ކުޅުނު މެޗުގައި ފަސޭހަކަމާއެކު ހިމަންދޫވެސް ބަލިކޮށްގެންނެވެ. އެއީ 4-0 ގެ ނަތީޖާއަކުންނެވެ. މަތިވެރީގެ ގޯލުތައް މެޗުގައި ޖެހީ މުހައްމަދު ޝަފުރާޒާއި މުހައްމަދު ފާރިޝް އިބްރާހީމް، މުހައްމަދު މިދުހަތު އަދި އަލީ އަލްސަން އެވެ.

ތޮއްޑޫން ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި، ތިން މެޗުން ހަ ޕޮއިންޓާއެކު ސެމީއަށް ދިޔައީ އުކުޅަސް ކައިރިން 4-2 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. ތޮއްޑޫގެ ގޯލުތައް ޖެހީ އިބްރާހީމް ޝިޔާޒާއި މުއައްވަޒް ބިން މުއާޒް އަބްދުﷲގެ އިތުރުން އާދަމް ޝާވިން މޫސާ އަދި އިބްރާހީމް އުޝާމަތެވެ. އުކުޅަހުގެ ގޯލުތައް ޖެހީ މުހައްމަދު ފުއާދު އަދި ޝިޒާން ޝަހީމެވެ.

އެ އަތޮޅު ގްރޫޕް ބީގެ ފަހު ދެމެޗަށް ރޭ ނުކުތްއިރުވެސް ސެމީގެ ޖާގަ، ބޮޑުފޮޅުދުއާއި ރަސްދުއަށް އޮތީ ޔަގީންވެފައެވެ. ރޭ އެއްވަނަ މަގާމަށް ރަސްދުއާއި ބޮޑުފޮޅުދޫ ކުރިމަތިލި މެޗު 0-0 އިން ނިމުމާއެކު، ބޮޑުފޮޅުދުއަށް އެއްވަނަ ލިބުނީ ޖެހި ގޯލުންނެވެ. ދެޓީމަށްވެސް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ފައިދާ ގޯލުގެ ތަފާތަކީވެސް ފަހެކެވެ. ދެން ޖެހި ގޯލަށް ބަލާއިރު، ބޮޑުފޮޅުދޫގެ އެއް ގޯލު އިތުރެވެ.

އެ ގްރޫޕުން ކަޓާފައި އޮތް މާޅޮހާއި ފެރިދޫ ރޭ ވާދަކުރި މެޗުގައި މާޅޮހުން ފެރިދޫ ބަލިކުރީ 7-3 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި މާޅޮހުގެ އަހުމަދު ފާރިސްއާއި އަލީ ޒިޔާން، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިދިން އިރު، އެޓީމުގެ އަނެއް ގޯލުތައް ޖެހީ އަހުމަދު އާރިފާއި އަލީ ސިޔާމްގެ އިތުރުން އަހުމަދު ނަވީނެވެ. ފެރިދޫގެ ގޯލުތައް ޖެހީ އަފްޒަލް ނަސީތާއި އަލީ ޝިހާމް އަދި އިސްމާއީލް މާޒިންނެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

16:00

ގްރައުންޑް 1: ގދ. މަޑަވެލި - ގދ. ފަރެސްމާތޮޑާ

ގްރައުންޑް 2: ގދ. ވާދޫ - ގދ. ގައްދޫ

17:00

ގްރައުންޑް 1: ފ. ނިލަންދޫ - ފ. މަގޫދޫ

ގްރައުންޑް 2: ފ. ފީއަލި - ފ. ދަރަނބޫދޫ

20:00

ގްރައުންޑް 1: ނ. ވެލިދޫ - ނ. ހޮޅުދޫ

21:00

ގްރައުންޑް 1: ސ. މަރަދޫފޭދޫ - ސ. ހުޅުދޫ

ގްރައުންޑް 2: ސ. މަރަދޫ - ސ. މީދޫ

22:00

ގްރައުންޑް 1: ވ. ފެލިދޫ - ވ. ފުލިދޫ

ގްރައުންޑް 2: މ. މުލި - މ. ނާލާފުށި

23:00

ގްރައުންޑް 1: މ. ވޭވަށް - މ. މަޑުއްވަރި

ގްރައުންޑް 2: މ. ދިއްގަރު - މ. މުލައް