ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން ވަގުތީގޮތުން މެދުކަނޑާލައި، އަންނަ މަހުގެ 15 އިން ފެށިގެން އީފާސް މެދުވެރިކޮށް ޕާޓީތަކަށް ވަދެވޭ ގޮތަށް ބަދަލުކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އިލެކްޝަން ކޮމިޝަންގެ މެމްބަރު ހަސަން ޒަކަރިއްޔާ "ވަން" އަށް މިއަދު ވިދާޅުވީ ނިޒާމު އެއްކޮށް ބަދަލުކޮށް، އަންނަ މަހުގެ 15 އިން ފެށިގެން އީފާސް މެދުވެރިކޮށް ނޫން ގޮތަކަށް ޕާޓީތަކަށް މީހުން ނުވެއްދޭނެ ކަމަށެވެ.
އީފާސް މެދުވެރިކޮށް ނޫން ގޮތަކަށް ޕާޓީތަކަށް މީހުން ނުވެއްދޭ ގޮތަށް ނިޒާމު ބަދަލުކުރުމުން ސައްހަ ނޫން ފޯމުތައް ހުށަހަޅާ މައްސަލަ ހައްލުވާނެ ކަމަށާއި މިހާރު އޮންނަ އުސޫލާ އެއްގޮތަށް ފޯމު ބަލައިގަންނާނީ މިމަހުގެ ނިޔަލަށް ކަމަށެވެ. އަދި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 14 ގެ ނިޔަލަށް ވަގުތީގޮތުން ފޯމު ބަލައިގަތުން މެދުކަނޑާލާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޒަކަރިއްޔާ އިތުރަށް ވިދާޅުވީ ޕާޓީތަކަށް ވަނުމަށް މިދިޔަ މަހު ހުށަހަޅާފައިވާ ފޯމުތައް ޕްރޮސެސްކުރުމަށްފަހު ޕާޓީތަކުގެ ދަފުތަރުގައި އާންމުކޮށް، ރައްޔިތުންގެ ޝަކުވާއަށް ހުޅުވައިލެވޭނެ ކަމަށެވެ.
ޕާޓީތަކަށް ވަނުމަށް އޮންނަ އުސޫލު އީސީން ބަދަލުކުރަން ނިންމާފައި މިވަނީ، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ޕާޓީ (ޕީއެންސީ) އަށް މެންބަރުން އިތުރުކުރުމަށް ކުރިއަށްގެންދިޔަ "މެމްބާޝިޕް ޑްރައިވް" ހަރަކާތުގެ ތެރެއިން، އެ ޕާޓީން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި ކަމަށްބުނެ، އެ މައްސަލަ އިދިކޮޅު އެމްޑީޕީން ހުށަހަޅާފައިވަނިކޮށެވެ.
އެ މައްސަލައިގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީ ޕާލިމެންޓަރީ ގުރޫޕުން ވެސް މިއަދު ވަނީ ނިންމައިފައެވެ.
ސައްހަ ނޫން ފޯމުތަކެއް ހުށަހެޅުނު ކަމަށް ޕީއެންސީން އެއްބަސްވެފައިވާ އިރު، އެ މައްސަލަ އީސީ އަދި ފުލުހުންވެސް ގެންދަނީ އެ މައްސަލަ ބަލަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު