ދެހާސް ބާވީސްވަނަ އަހަރުގެ އަހަރުގެ އޯގަސްޓު މަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ތެރޭގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ފުވައްމުލަކު ސިޓީ، ޝިއާއު މުހައްމަދުގެ މަރުގެ މައްސަލައިގައި ކުށުގެ ވެށީން ހައްޔަރުކޮށްފައިވާ، ފ. ނިލަންދޫ ފިނިފެންމާގެ އަލީ ޝާހިލް، ތަހުގީގަށް ދީފައިވާ ބަޔާން ބަލައިގަތުމަށް ކުރިމިނަލް ކޯޓުން ނިންމައިފިއެވެ.

ޝިއާއުގެ މަރުގެ މައްސަލަ ކުރިމިނަލް ކޯޓުން ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ. އެ މައްސަލަ ސިއްރުކޮށްދިނުމަށް އެދުނީ ޕީޖީގެ ފަރާތުންނެވެ. އެ މައްސަލައިގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 2023 އޮގަސްޓު 10 ގައެވެ.

އެ މައްސަލައިގެ އެއްވެސް އަޑުއެހުމެއްގެ ޝަރީއަތުގައި ސާހިލް ވާހަކަދައްކާފައެއް ނުވެއެވެ. މައްސަލައިގެ ތަހުގީގު ކުރިއަށް ދިޔައިރު އޭނާ ވަނީ ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައެވެ. ސާހިލްގެ މައްޗަށް ދައުވާކުރަން ފޮނުވި އިރު ވެސް އޭނާ ކުށަށް އިއުތިރާފުވެފައެއް ނުވެއެވެ.

ޝިއާއުގެ މަރުގެ މައްސަލައިގައި ޝާހިލަށް ފަސް ދައުވާއެއް ކޮށްފައިވެއެވެ. ޝާހިލްގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އިތުރު ހަތަރު ދައުވާ ހިމެނެއެވެ.

އޭގެ ތެރެއިން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އާއި ކެނެބިސް ބޭނުން ކުރުމުގެ ދައުވާކޮށްފައިވާ ކަމަށް ބުނި ނަމަވެސް އިތުރަށް ކޮށްފައިވާ ދެ ދައުވާއާ ބެހޭ މައުލޫމާތު ޕީޖީ އޮފީހުން ދީފައެއް ނުވެއެވެ. އެ ދައުވާތައް ހާމަ ނުކުރަން ނިންމީ ޝިއާއުގެ އާއިލާއަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް ޕީޖީން ބުނެފައިވެއެވެ.

ޝިއާއު މަރާލި މައްސަލައިގައި ފުލުހުން އަލީ ޝާހިލް ހައްޔަރުކޮށްފައި ވަނީ ޝިއާއު މަރާލާފައި އޮތް އެޕާޓްމަންޓްގެ ތެރެއިންނެވެ. ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުންގެ ތުހުމަތު އޮތީވެސް ހަމައެކަނި ޝާހިލްގެ މައްޗަށެވެ.

ކުރިމިނަލް ކޯޓުގެ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ ޝާހިލްއާ ދެކޮޅަށް ދައުލަތުން ހުށަހަޅައިފައިވާ ސިއްރު ނުވަ ހެއްކެއްގެ ހެކިބަސް ނެގުމަށް އަދި ޝިއާއުގެ މަރުގެ މައްސަލައާ ގުޅިގެން ޝާހިލް ފުލުހުންގެ ތަހުގީގަށް ދިން ބަޔާން ބަލައިގަތުމަށް ޝަރީއަތުން ނިންމައިފައިވާ ކަމަށެވެ.

ޝާހިލްގެ ފަރާތުން ވަނީ އެ ބަޔާން ޝަރީއަތަށް ބަލައިނުގަތުމަށް މީގެކުރިން އެދިފައެވެ.

މައްސަލައިގެ އިބްތިދާއީ މަރުހަލާ ނިމިފައިވާތީ ދެން ކުރިއަށް ގެންދާނީ މައްސަލައިގެ ޝަރީއަތެވެ. ޝަރީއަތުގެ މަރުހަލާގައި ދައުލަތުން ހުށަހަޅައިފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ ކަންކަން ކުރިއަށް ގެންދާނެއެވެ.

އެ މައްސަލައިގެ ޝަރީއަތް ފެށުމަށް ތައްޔާރުވަމުންދާއިރު ޝާހިލްގެ ވަކީލު ވަނީ މައްސަލައިން ތަނާޒުލްވެވަޑައިގެންފައެވެ. މައްސަލައިން ތަނާޒުލްވެވަޑައިގެންނެވި ވަކީލަކީ ދައުލަތުގެ ހަރަދުގައި ޝާހިލަށް ހަމަޖައްސައިންދިން ވަކީލެކެވެ. އެ ވަކީލު މައްސަލައިން ތަނާޒުލްވެވަޑައިގެންނެވީ 2023 އޮގަސްޓު 09 ގައެވެ.

ސާހިލް މައްސަލައިގެން ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކު ކަމަށް އަންގާފައިވާތީ، ޕީޖީ އޮފީހުން ވަނީ އޭނާއަށް ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސައިދޭން އެޓާނީ ޖެނެރަލް އޮފީހުގައި އެދިފައެވެ.

ކުރިމިނަލް ކޯޓުން މި މައްސަލައިގައި 2023 އޮގަސްޓު 10 ގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ވިދާޅުވެފައިވަނީ އެ މަހުގެ މެދުތެރެއިގައި ޝާހިލްއަށް ވަކީލަކު ހަމަޖެހިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. އެފަހުން އޭނާއަށް ވަކީލަކު ހަމަޖެހުނުކަން އަދި އެއްވެސް ފަރާތަކުން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

އިސްކަންދަރު ކޮށީގައި 2024 އޮގަސްޓް 7 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަން ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވެފައިވަނީ ޝާހިލްއަކީ ކުށުގެ ރެކޯޑް އޮތް މީހެއް ނޫން ކަމަށެވެ. ނަމަވެސް ޝިއާއުގެ މަރާ ގުޅިގެން ޝާހިލް ހައްޔަރުކޮށް ޓެސްޓު ކުރިއިރު, އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ޝިފާއު ވިދާޅުވެފައިވެއެވެ.

ޝިފާއު ވިދާޅުވެފައިވަނީ ހަމަލާ ދޭން ބޭނުން ކުރި ކަމަށް ބެލެވޭ ހަތިޔާރުތަކެއް ކުށުގެ ވެށީން ހޯދާފައިވާ ކަމަށެވެ. އެއީ ކޮންކަހަލަ ހަތިޔާރުތަކެއް ކަމެއް ޝިފާއު ވިދާޅުވެފައިނުވެއެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެތަނުން މަސްކަނޑާ ވަޅިއެއް ވަނީ ފެނިފައެވެ.