އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީން ކުޅުނު މެޗުގައި ބޯންމައުތު ކައިރިން އެއްވަރުވި އިރު، ލިވަޕޫލުން ކުޅުނު މެޗުގައި ނޮޓިންހަމް ފޮރެސްޓް ކައިރިން ވެސް އެއްވަރުވެއްޖެއެވެ.
މި ސީޒަނުގައި ތަފާތު ރޫހެއް ދައްކަމުން އަންނަ ފޮރެސްޓް ކައިރިން ރޭ ލިވަޕޫލް އެއްވަރުވީ 1-1 އިންނެވެ. ރޭގެ މެޗުގެ ކުރިން ފޮރެސްޓާއި ލިވަޕޫލް، ލިވަޕޫލް ދަނޑުފައި ކުޅެފައިވާ ލީގު މެޗުން ފޮރެސްޓް މޮޅުވެފައި އޮތް އިރު، އެއީ ލިވަޕޫލް މިސީޒަނުގެ ލީގުގައި ވި ހަމައެކަނި ބައްޔެވެ.
ރޭގެ މެޗުން ބަލިވި ނަމަވެސް، ލިވަޕޫލް އޮތީ ތާވަލުގެ އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއްގައެވެ. އެއީ 20 މެޗުން 47 ޕޮއިންޓާއެކުގައެވެ. ނޮޓިންހަމް ފޮރެސްޓް މިވަގުތު ދެވަނައިގައި އޮތް އިރު، އެޓީމަށް 21 މެޗުން، 41 ޕޮއިންޓް ލިބިފައިވެއެވެ.
ރޭގެ މެޗުގެ ކުރީކޮޅުގައި ކްރިސް ވުޑް ޖަހައިދިން ގޯލުން ފޮރެސްޓް ލީޑު ނެގިއެވެ. އެ ގޯލަށް ފުރުސަތު ތަނަވަސްކޮށްދިނީ އެންތަލީ އެލަންގާއެވެ. އެ ގޯލުން ފޮރެސްޓުން ދެވަނަ މެޗެއްގައި ލިވަޕޫލް ބަލިކުރުމުގެ މިސްރާބުގައި ދެވަނަ ހާފަށް ނުކުތް ނަމަވެސް، ލިވަޕޫލް ކޯޗު އާނޭ ސްލޮޓްގެ ދެ ބަދަލާއެކު މެޗުގެ އޮއިވަރު ބަދަލުކޮށްލިއެވެ.
ބަދަލަކަށް ނުކުތް ކޮސްޓަސް ސިމިކަސް، އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ، ގޯލަށް ވައްދާލީ ޑިއޭގޯ ޖޮޓާއެވެ. އެ ގޯލު ޖޮޓާ ޖެހީ ދަނޑަށް ނުކުތްތާ އެންމެ 22 ސިކުންތުގެ ތެރޭގައެވެ.
އެންމެފަހުން ކުޅުނު ފަސް މެޗުގައި ވެސް މޮޅެއް ނުހޯދި އޮތް ޗެލްސީން ރޭވެސް ބޯންމައުތާ 2-2 އިން އެއްވަރުވި އިރު، އަމިއްލަ ދަނޑުގައި ލިބުނު ޕޮއިންޓާއެކު ޗެލްސީ އޮތީ ހަތަރުވަނައިގައެވެ. ބޯމްމައުތު އޮތީ ހަތްވަނައިގައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ޗެލްސީގެ ނިކޮލަސް ޖެކްސަން މެދުތެރެއިން އެނބުރިލާފައި ތިން ޕާހަކަށް ކުރިއަށް ޖެހި ކޯލް ޕާމާ ޗެލްސީއަށް ލީޑު ނަގައިދިން އިރު، ބޯންމައުތު ނުރައްކާވީ ދެވަނަ ހާފުގައެވެ.
ދެވަނަ ހާފުގެ ކުރީކޮޅުގައި އެޓީމަށް ލިބުނު ޕެނަލްޓީއެއް ޖަސްޓިން ކްލެވާޓް ޖެހި ގޯލުން މެޗު އެއްވަރުކޮށް ބޯންމައުތުން އުންމީދު ހޯދި އިރު، އެ ޕެނަލްޓީއަކީ މޮއިސަސް ކައިސޭޑޯ، އޭރިއާ ތެރެއިން އެންޓޮއިން ސެމެންޔޯއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
އޭގެ އިރުކޮޅެއްފަހުން ސެމެންޔޯ ޖެހި ގޯލުން ބޯންމައުތު މެޗުގެ ލީޑު ނެގި ނަމަވެސް، ޗެލްސީން ވަނީ ފަހު މިނެޓުގައި އެއްވަރުކޮށްފައެވެ. އެ ގޯލު ޖަހައިދިނީ އަނިޔާގައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު، ރޭގެ މެޗުގައި ބަދަލަކަށް ނުކުތް ރީސް ޖޭމްސްއެވެ. ޗެލްސީ ކެޕްޓަން އެ ގޯލު ޖެހީ ހިލޭ ޖެހުމަށް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު