މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ކޯޗުކަމާ މިހާލަތުގައި ހަވާލުވީ ކްލަބުގައި ކުރާ މަސައްކަތުގެ އިތުރުން ގައުމީ ޓީމަށްވެސް ފައިދާވާނެ މަސައްކަތްތަކެއް ކުރަން ބޭނުންވާތީ ކަމަށް މާޒިޔާގެ ކޯޗުކަމާ އިއްޔެ ހަވާލުވި، ސްޕެއިންގެ ލުއިސްމާ ހެނާންޑޭޒް ބުނެފިއެވެ.
ކުރިން ބާސެލޯނާއާއި ރެއާލް މެޑްރިޑްގެ އެކަޑެމީގައިވެސް ޓެކްނިކަލް މަސައްކަތްތަކެއް ކުރި ލުއިސްމާ މާޒިޔާއާ ހަވާލުވީ ލިތުއޭނިއާގެ އިތުރުން ކުވައިތާއި ދެކުނު ކޮރެއާގެ އުޒްބެކިސްތާނުގައިވެސް ކޯޗިން މަސައްކަތްތައް ކުރުމަށްފަހުއެވެ. މިވަގުތު ރާއްޖޭގެ ފުޓުބޯޅަ ހުއްޓިފައި އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ އިރު، މާޒިޔާއަކީ ހަމައެކަނި ކުޅުންތެރިންނާއެކު އެކްޓިވްލީ ހަރަކާތްތެރިވާ ކްލަބެވެ. އެޓީމުން ޗެލެންޖާސް ލީގުގައި ވާދަކުރުމަށްވެސް ފަރިތަކުރުންތައް ކުރިއަށް ގެންގޮސް، އެ މުބާރާތުގައި ވާދަކުރުމަކީ ކުޅުންތެރިންނަށް ފުޓުބޯޅައިގައި "ސަވައިވާން" ލިބުނު އެންމެ މުހިއްމު އެއް ފުރުސަތެވެ.
ކޯޗު ލުއިސްމާ ބުނީ މިވަގުތު ރާއްޖޭގެ ފުޓުބޯޅައަށް ބަދަލު ބޭނުންވާ ކަމަށާއި، އެކަމުގައި އެހީތެރިވެދޭންވެސް ބޭނުންވާ ކަމަށެވެ.
"މާޒިޔާގައި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް އެބަ ހިމެނޭ. އެހެންވީމަ އަހަރެން އުންމީދުކުރަން މާޒިޔާގެ އިތުރުން ގައުމީ ޓީމަށްވެސް އެހީތެރިވެދޭނެ ކަމަށް. އަހަރެން އުންމީދުކުރަނީ ފުޓުބޯޅަ އަވަހަށް ފެށުން. އަހަންނަށް ރާއްޖޭގެ ހާލަތު އެނގޭ. އެކަންކަން މާ ކުރިންވެސް އޮތީ އެނގިފަ. އެ ހާލަތު ރަގަޅުކުރަން ޖެހޭނީ. އެހެންވެ އަހަރެން ރާއްޖެއަށް މި އައީވެސް،" ލުއިސްމާ ބުންޏެވެ.
"ރާއްޖެއަށް އައުމުގެ ކުރިންވެސް އިތުރު ހުށަހެޅުންތައް އަހަންނަށް ހުރި. އަހަރެން އުންމީދުކުރަނީ މާޒިޔާގައި ޗެލެންޖްތަކެއް ނަގަން ޖެހޭނެ ކަމަށް. އަހަރެން މި ނުކުންނަނީ އެ ޗެލެންޖް ނަގަން. ކަންކަން ބަދަލުކުރާނެ މީހަކަށްވާން އަހަރެން ބޭނުންވޭ. މި ނުކުންނަނީ އެ އުންމީދުގަ،" ލުއިސްމާ އިއްޔެ އިތުރަށް ބުންޏެވެ.
ލުއިސްމާ ބުނީ ބާސާއާއި ރެއާލްގައި ކުރި މަސައްކަތް ތަފާތު ނަމަވެސް، އަބަދުވެސް އެންމެ ބޮޑަށް ބޭނުންކުރާ ވިސްނުމަކީ ސްޕެއިން ފުޓުބޯޅައިގެ ވިސްނުން ކަމަށެވެ.
"އަހަރެން ބާސާއާއި ރެއާލްގެ އެކަޑެމީގައި ކުރި މަސައްކަތާ މާޒިޔާގައި ކުރަން ޖެހޭ މަސައްކަތް ވަރަށް ތަފާތުވާނެ. އަހަރެންގެ ފުޓުބޯޅައަކީ ސްޕެއިންގެ ފުޓުބޯޅަ. އެހެންވިޔަސް އަހަރެން ބަލަން ޖެހޭނީ ރާއްޖެއަށް އެ ފުޓުބޯޅައިން ގެނެވޭނީ ކޮން އެއްޗެއްސެއްތޯ. ގެންނަން ޖެހޭ އެއްޗެއް ގެނެސްގެން އެޑަޕްޓް ވާން ޖެހޭނީ،"
ލުއިސްމާ ބުނީ ކަންކަން ރަނގަޅުކުރުމަށް އެންމެ އެކަށީގެންވާ ވަސީލަތް ހުންނަން ޖެހޭނެ ކަމަށާއި، އެކަޑެމީތައް ރަނގަޅަށް ކުރިއަށް ގެންދަންވެސް ޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގައި އޮތް މާހައުލަކީ ޗެލެންޖެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
"މިއީ ޗެލެންޖެއް، މީގެ އިރުކޮޅެއް ކުރިން ޕްރެކްޓިސްކުރަން އޮތް ޕިޗަށް އަހަރެން ދިޔައިން. އެތަނުގެ ޕިޗް ވެސް ބަދަލުކުރަން އެބަ ޖެހޭ، ވީ އެންމެ އަވަހަށް. އެކަންކަން އަހަންނަށް ކުރިންވެސް އެނގޭ. ގުޅިގެން މަސައްކަތް ކުރަން ބޭނުންވަނީ. ފެޑަރޭޝަނާއި ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރަން ބޭނުންވަނީ. ބަދަލެއް ގެންނަން އަބަދުވެސް ބޭނުންވޭ،" ލުއިސްމާ ބުންޏެވެ.
ސަރަހައްދީ މުބާރާތްތަކުގައި މާޒިޔާއަށް އަބަދުވެސް މައްސަލަތަކާ ދިމާވަނީ ޑޮމެސްޓިކް ލީގުގައި ރަނގަޅު މެޗުތަކެއް ނުލިބި މުބާރާތަށް ދާން ޖެހުމުން ކަމަށް، އެ ކްލަބާ ކުރިން ހަވާލުވި ބިދޭސީ ކޯޗުންވެސް ފާހަގަކޮށްފައިވެއެވެ. ލުއިސްމާ ބުނީ މިފަހަރު ޖެނުއަރީގައި ސީޒަން ފެށިއްޖެ ކަމަށް ވާނަމަ، އޮކްޓޯބަރާ ހަމައަށް ޓީމުގެ ފޯމު ރަނގަޅުކުރަން ފުރުސަތު ލިބޭނެ ކަމަށެވެ. އެހެންކަމުން އެހެން ސީޒަންތަކާ އެ ތަފާތު ހުންނާނެކަން ގަބޫލުކުރާ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު