ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިހާރު މާޒިޔާ އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ނުކުންނަ އިރު، އާދަމް އަބްދުލް ލަތީފް (ލައްޗޭ) ބުނެފިއެވެ.

ވިކްޓްރީން މި ސީޒަނަށް ވަރުގަދައަށް ތައްޔާރުވެފައިވާ އިރު، ލީގުގެ ފުރަތަމަ ދެމެޗުންވެސް އޮތީ މޮޅުވެފައެވެ. މިއަދު މާޒިޔާއާ ދެކޮޅަށް ނުކުންނަ އިރު، އެމެޗުގެ ކުރިން ޓީމުގެ އެސިސްޓެންޓް ކޯޗު ލައްޗޭ ބުނީ ސީޒަނުގެ ހުރިހާ މެޗަކުންވެސް މޮޅުވާން ކުރަމުންދާ މަސައްކަތަށް ޓީމު ފިޒިކަލީ އަދި މެންޓަލީ ފިޓް ކަމަށެވެ.

"ވިކްޓްރީން މިފަހަރު ސީޒަނަށް ތައްޔާރުވެފައި މިއޮތީ ވަރަށް ރަނގަޅަށް. މިދިޔަ ދެމެޗުން ހޯދު ކާމިޔާބީއާއެކުވެސް މާޒިޔާ މެޗަށް މިއޮތީ ފިޒިކަލީ އަދި މެންޓަލީވެސް ތައްޔާރުވެފައި. ދެއިރު ޕްރެކްޓިސްތައްވެސް ކުރެވުނު މިދިޔަ އިންޓަނޭޝަނަލް ބްރޭކްގައިވެސް،" ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބަލިވެ އުޅޭތީ ޕްރެސްއަށް ދިޔަ ލައްޗޭ ބުންޏެވެ.

ވިކްޓްރީން އެންމެފަހުން ކުޅުނު މެޗުގައި ހއ. ދިއްދޫ ކައިރިން ސަލާމަތްވީ ކިރިޔާއެވެ. އެ މެޗުގައި ވިކްޓްރީން 3-0 ގެ ލީޑެއްގައި އޮއްވާ، ދިއްދޫން ފަހަތުން އަރައި 3-3 އިން އެއްވަރުކުރިއެވެ. އެހެން ނަމަވެސް ވިކްޓްރީ ވަނީ ފަހުވަގުތު ގޯލެއް ޖަހައިގެން 4-3 އިން މެޗު ކާމިޔާބު ކޮށްފައެވެ.

ލައްޗޭ ބުނީ އެމެޗުގެ ފުރަތަމަ ހާފުން ފެނުނީ ރަނގަޅު ކަންތައް ކަމަށާއި، ދެން ފަހު ހާފުގައި އޮތް މޫސުމާވެސް އެކި އުނދަގޫވި ކަމަށެވެ. އެކަމަކުވެސް އެމެޗުން މޮޅުވުމުން އެހިސާބުން ޓާގެޓް ހާސިލުވި ކަމަށްވެސް އެސިސްޓެންޓް ކޯޗު ލައްޗޭ ފާހަގަކުރިއެވެ.

ލައްޗޭ އިތުރަށް ފާހަގަކުރީ މިހާރު ވިކްޓްރީއަކީ މާޒިޔާއާ ވާދަކޮށްލެވޭނެ ވަރުގަދަ ޓީމެއް ކަމަށެވެ.

"ވިކްޓްރީ މިއޮތީ އާ ކޯޗަކާއެކު އާ ކުޅުންތެރިންތަކަކާވެސް އެކު ބަދަލުވެފައި. މިހާރު ވިކްޓްރީގައި އެބަތިބި މިދިޔަ ސީޒަނުގައި މާޒިޔާއަށް ކުޅުނު ބައެއް ތަޖުރިބާކާރު ކުޅުންތެރިންވެސް. ޓީމަށް ބަލާއިރު މާޒިޔާއާއި ވިކްޓްރީގެ މާބޮޑު ތަފާތެއް ނެތް. ދެން އޮތީ މަސައްކަތް ކުރުން،"

"މާޒިޔާއާ ކުޅެން ނުކުންނައިރު މާޒިޔާއަކީ މިދިޔަ އަހަރުތަކުގައި ކާމިޔާބު، ރަނގަޅު މެނޭޖުމަންޓެއް އޮތް ޓީމެއް. އެކަމަކު މިހާރު އޮތް ހާލަތަށް ބަލާއިރު ބުރަ ވެވެނީ ވިކްޓްރީ ކޮޅަށް. އެއީ ތައްޔާރީތަކާ މޯޓިވޭޝަނާއި އެކުގައި އެ ކުރާ މަސައްކަތުން،" ލައްޗޭ ބުންޏެވެ.

ލައްޗޭ ބުނީ މިހާރު އޮތް ވިކްޓްރީގައި އޮތް ޓީމަކީ މާޒިޔާއަށް ޗެލެންޖެއް ދީ، ބަލިކުރެވޭނެ ޓީމެއް ކަމަށެވެ.

މާޒިޔާއާއި ވިކްޓްރީ ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 3:50 ގައެވެ.