ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ "މެމްބާޝިޕް ޑްރައިވް" ހަރަކާތުގެ ތެރެއިން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅިފައިވާ ކަމަށް އެއްބަސްވެ އެ މައްސަލަ ބަލާނެ ކަމަށް ޕީއެންސީން ބުނެފިއެވެ.

ވެރިކަންކުރާ މައި ޕާޓީ ޕީއެންސީއަށް، އެމްޑީޕީގެ ދަފުތަރުގައި ތިބި ބައެއް މީހުން އެ މީހުންނަށް ނޭނގި ވައްދައިފައިވާ މައްސަލަތަކެއް ފެންމަތިވެ އިލެކްޝަންސް ކޮމިޝަން (އީސީ) އަދި ފުލުހުން ގެންދަނީ އެ މައްސަލަ ބަލަމުންނެވެ.

ޕީއެންސީން މިއަދު ނެެރުނު ނޫސްބަޔާނެއްގައި ބުނީ ޕީއެންސީން ކުރިއަށް ގެންދިޔަ "މެމްބާޝިފް ޑްރައިވް" އަކީ ރާއްޖޭގައި މިހާތަނަށް ސިޔާސީ ޕާޓީއަކަށް މީހުން އިތުރު ކުރުމަށް ކުރިއަށްގެންދިޔަ އެންމެ ބޮޑު އެފަދަ ހަރަކާތް ކަމަށެވެ.

ޕީއެންސީން ބުނީ އެ ޕާޓީއަށް މެންބަރުން ވަނުމަށް އެދޭ ފޯމުތައް ޕާޓީގެ އިލެކްޝަންސް ޕޯޓަލް މެދުވެރިކޮށް އަޕްލޯޑް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް ޕާޓީއަށް ލިބޭ ފޯމުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގާބިލުކަން ޕާޓީގައި ނެތް ކަމަށް ޕީއެންސީން ބުންޏެވެ.

"މުޅިރާއްޖެއަށް ހުޅުވާލެވިގެން، ޕާޓީގެ އެކްޓިވިސްޓުންނާއި ހެޔޮއެދޭ ފަރާތްތަކުގެ ބައިވެރިވުމާ އެކު ހިންގި 'މެންބާޝިފް ޑްރައިވް' ގައި ޕާޓީއަށް ހުށަހެޅުނު އެތައްހާސް ފޯމެއް މި ޕާޓީގެ ފަރާތުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނިކޮށް، މަދުން ނަމަވެސް ސައްހަ ނޫން ފޯމްތަކެއް ހުށަހެޅިފައިވާކަން މި ޕާޓީއަށް ވަނީ މިހާރު ފާހަގަ ކުރެވިފައެވެ،" ޕީއެންސީން ބުންޏެވެ.

ސައްހަ ނޫން ފޯމްތަކެއް ބޭނުންކޮށްގެން ޕާޓީއަށް މެންބަރުން އިތުރުކޮށް ރައްޔިތުންގެ ހައްގުތަކަށް ގެއްލޭފަދަ ގޮތަކަށް ކަންކަން ކުރުމަކީ ޕާޓީގެ ރައީސް އަދި ލީޑާޝިޕުން ބޭނުންވާގޮތެއް ނޫން ކަމަށް ޕީއެންސީން ބުންޏެވެ. ޕީއެންސީގެ މެންބަރުންނާއި ދިވެހި ރައްޔިތުންގެ ހައްގުތަށް ކަށަވަރުކޮށްދިނުމަކީ ޒިންމާދާރު ޕާޓީއެއްގެ ހައިސިއްޔަތުން ޕީއެންސީން ކުރާނެ ކަމެއް ކަމަށް އެ ޕާޓީން ބުންޏެވެ.

"ސައްހަ ނޫން ފޯމެއް މެދުވެރިކޮށް ކޮންގްރެސް ޕާޓީއަށް ވެއްދުމުގެ އެއްވެސް މައްސަލައެއް ކުރިމަތިވެފައިވާނަމަ މި ޕާޓީގެ ރަސްމީ އީ މެއިލް [email protected] އަށް މެއިލް ކުރެއްވުމުން އެފަދަ ހުސޫމާތުތަކަށް އަވަސް ހައްލެއް ގެނެސްދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދޭނެ ކަމުގެ ކަށަވަރުކަން މި ޕާޓީގެ ފަރާތުން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" ޕީއެންސީން ބުންޏެވެ.

މީގެ އިތުރުން ޕީއެންސީން ބުނީ ގިނަ ޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ މާހައުލެއްގައި ވުޖޫދު ކުރެވުނު ހިސާބުން ފެށިގެން މިއަދާ ހިސާބަށް އައި އިރު ވެސް ރާއްޖޭގެ ވަސީލަތްތައް ހުރިގޮތުން ޕާޓީއަށް ވަނުމަށް އެދި ހުށަހަޅާ ފޯމުގެ ސައްހަކަން ދެނެގަތުމުގައި އޮތް ދަތިކަން ހުރިހާ ޕާޓީތަކަށް ވެސް ކުރިމަތިވާ ކަމަށެވެ.

ޕީއެންސީއަށް، އެމްޑީޕީގެ ދަފުތަރުގައި ތިބި ބައެއް މީހުން ވައްދާފައިވާ އިރު، މިފަހުން މައްސަލަ ބޮޑުވެފައިވަނީ އެމްޑީޕީގެ މަޖިލިސް މެންބަރެއް ކަމަށްވާ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އަށް ނޭނގި އޭނާ ޕީއެންސީއަށް ވައްދާފައި އޮތް މައްސަލަ އިއްޔެ ފެންމަތިވުމާ ގުޅިގެންނެވެ.