ފުވައްމުލަކު ސިޓީގައި ޑްރަގް ވިއްކައި މަނީލޯންޑާ ކުރަމުންދިޔަ ބޮޑު ނެޓްވޯކުގެ ދެ މީހުން އަލުން ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މިދިޔަ އަހަރުގެ ޑިސެމްބަރު 10 ގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ފުވައްމުލަކު، ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދު، (34އ)، އަދި ދޫޑިގަން، ޒަމާނީވިލާ، ހަސަން އާޒިމް، (29އ) ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ވަނީ އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ. އެ އަމުރު އެ ދެ މީހުންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމް ކުރީ އެ ދެ މީހުން ޝަރީއަތް ނިމެންދެން މެޖިސްޓްރޭޓް ކޯޓުން ބަންދުކުރަން ނިންމީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއާ ހިލާފަށް ކަމަށްވާތީ، އެ ދެ މީހުން ދޫކޮށްލުމަށެވެ.
ނަމަވެސް ފުލުހުން ވަނީ ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އެ ދެ މީހުން ހައްޔަރުކުރުމުގެ އިތުރު އަމުރެއް ހޯދައި، އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައެވެ. މެޖިސްޓްރޭޓް ކޯޓު އަމުރުގެ ދަށުން އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ މާލޭގައި ތިއްބައެވެ. އެހެންވެ ހަމަ އިއްޔެ ފުލުހުން ވަނީ އެ ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކޮށްފައެވެ.
ކުރިމިނަލް ކޯޓުން ވަނީ އާޒިމްގެ ބަންދަށް ހަތް ދުވަސް ޖަހައިދީފައެވެ. އަދި ނިއުޝާދުގެ ބަންދަށް 10 ދުވަސް ޖަހައިދީފައެވެ.
އެ މީހުންގެ ބަންދުގެ އަމުރުގައި ބަޔާންކޮށްފައިވަނީ ހައިކޯޓުން އެ ދެ މީހުން ބަންދުން ދޫކޮށްލުމަށް ހުކުމްކޮށްފައިވީ ނަމަވެސް އިތުރު އަމުރެއްގެ ދަށުން އެ މީހުން ބަންދުކުރުމަށް ހުރަހެއް ނެތް ކަމަށެވެ. ކޯޓު އަމުރުގައިވާ ގޮތުން އާޒިމްގެ ބޭންކު އެކައުންޓުން ވަނީ ފަސް މިލިއަން ރުފިޔާ ދައުރުވެފައެވެ. އާޒިމް އަކީ ދާއިމީ ވަޒީފާއެއްގައި އުޅޭ މީހެއްކަން އެނގޭނެ މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި މުސާރައިގެ ގޮތުގައި ލިބުނު އަދަދުތަކާ ނުބައްދަލު އަދަދުތަކުން އެކައުންޓަށް ޖަމާވެ، އާޒިމް ވަނީ އެ ފައިސާ އެހެން މީހުންނަށް ފޯރުކޮށްދީފައި ކަމަށް ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައި ބުންޏެވެ.
ނިއުޝާދަކީ ވެސް ވަޒީފާއެއް އަދާކުރާ މީހެއްކަން އެނގެން ނެތްއިރު، އޭނާގެ އެކައުންޓުން 21 މިލިއަން ރުފިޔާ ދައުރުވެފައިވާ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 10 ގައި ފުލުހުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ އާޒިމް އާއި ނިއުޝާދް ހިންގާ ކަމަށް ތުހުމަތުކުރެވޭ ނެޓްވޯކް އަތުލައިގަތީ "އޮޕަރޭޝަން ވެށި ރައްކަލް" ނަމުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ފުވައްމުލަކުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގަމުން އަންނަ ބޮޑު އޮޕަރޭޝަންގައި ކަމަށެވެ.
އެ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 4،048 ތަން ބަލައި ފާސްކޮށް، 1،147 މީހުން ހުއްޓުވާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އިތުރަށް ބުނެފައިވަނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 21 މީހަކު ހައްޔަރުކޮށް ދެ ކުންފުންޏެއްގެ ބޭންކް އެކައުންޓު ހިފަހައްޓައި އެ މީހުންގެ މައްޗަށް މަނީ ލޯންޑަރިންގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު