ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ލ. އަތޮޅުގެ މެޗުތައް ރޭ ފަށާފައިވާ އިރު، އެންމެފަހުގެ އަތޮޅު ޗެމްޕިއަން ގަމުން ބޮޑު ތަފާތަކުން މާވަށް ބަލިކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، ރޭ ކުޅުނު އަށް މެޗުގެ ތެރެއިން ދެމެޗަކީ ލ. އަތޮޅުގެ ދެމެވެ. މިއަހަރު ލ. އަތޮޅުން ހަ ޓީމު ވާދަކުރަމުންދާ އިރު، އަތޮޅު ބުރުގައި ދެ ގްރޫޕް ހިމެނެއެވެ.

ގްރޫޕް އޭގައި 2023 ވަނަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަން ގަމުން ރޭ މުބާރާތް ފެށީ މާވަށް ކައިރިން 6-1 އިން މޮޅުވެގެންނެވެ. މިއަހަރު ޗެރިޓީ ޝީލްޑްވެސް ހޯދި ގަމު ކޮޅަށް ރޭ މާވަށުގެ އަހުމަދު މުހައްމަދު ގޯލެއް ޖަހާފައި ވަނިކޮށް، ގަމުން ފަހަތުން އަރައި މޮޅުވީ އަހުމަދު ހަލީމް (އައްމަޑޭ) އާއި މުހައްމަދު މުސްލިހްގެ އިތުރުން އަބްދުﷲ ޖުނައިދާއި ހުސައިން އަޒްމީގެ ގޯލުތަކުންނެވެ. މެޗުގައި އައްމަޑޭއާއި މުސްލިހު ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ.

އެ އަތޮޅު ގްރޫޕް ބީގައި މުންޑުއާއި ކަލައިދޫ ރޭ ކުޅުނު މެޗު 3-3 އިން އެއްވަރުވި އިރު، މުންޑޫގެ އަހުމަދު ހާފިޒު ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ. އެޓީމުގެ އަނެއް ގޯލު ޖެހީ މުހައްމަދު ނިޝާހެވެ.

ކަލައިދޫގެ ގޯލުތައް މެޗުގައި ޖެހީ ޖައުފަރު އަހުމަދާއި އަހުމަދު އައްސަދު އަދި ހަސަން މާދެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

20:00

ގްރައުންޑް 1: ހދ. ނޮޅިވަރަންފަރު - ހދ. ހަނިމާދޫ

ގްރައުންޑް 2: ހދ. ފިނޭ - ހދ. ނޭކުރެންދޫ

21:00

ގްރައުންޑް 1: ހދ. ނެއްލައިދޫ - ހދ. ވައިކަރަދޫ

ގްރައުންޑް 2: ހދ. ނައިވާދޫ - ހދ. ނޮޅިވަރަން

22:00

ގްރައުންޑް 1: ހއ. ހޯރަފުށި - ހއ. މާރަންދޫ

ގްރައުންޑް 2: ހއ. ކެލާ - ހއ. ފިއްލަދޫ

23:00

ގްރައުންޑް 1: ހއ. މުރައިދޫ - ހއ. ވަށަފަރު

ގްރައުންޑް 2: ހއ. އުތީމު - ހއ. އިހަވަންދޫ