ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ކުރިއަށްދާން ވިސްނާނީ މެޗަކަށްފަހު މެޗަކަށް ފޯކަސް ކޮށްގެން ކަމަށާއި، މާދުރަށް އެހާ އަވަހަށް ވިސްނަން ބޭނުން ނުވާ ކަމަށް ގދ. ވާދޫގެ ކެޕްޓަން އަޔާޒް އަހުމަދު (އަޔާ) ބުނެފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2023 ގެ ފައިނަލުގައި ވާދޫން ގަމާ ދެކޮޅަށް ކުޅެ ބަލިވެފައިވާ އިރު، އެ މުބާރާތުގައިވެސް ޓީމުން އެންމެ ބޮޑަށް ބަރޯސާވި ކުޅުންތެރިޔަކީ އަޔާއެވެ. މިހާތަނަށް ގޯލްޑަން ފުޓްސަލް ޗެލެންޖް ފިޔަވައި، ކެރިއަރުގައި އެހެން ހުރިހާ ތަށްޓެއް ކަހަލަ ގޮތަކަށް ހޯދާފައިވާ އަޔާއަކީ އެޓީމުގެ ލީޑަރެވެ. އަޔާ ކުރިންވެސް ބުނެފައި ވަނީ ކެރިއަރު ފުރިހަމަކުރަން ގޯލްޑަން ފުޓްސަލް ޗެލެންޖް ހޯދަން ސަމާލުކަން ނުދިން ނަމަވެސް، އެ ކާމިޔާބީ ރަށަށް ހޯދައިދޭން އަބަދުވެސް ބޭނުންވާ ކަމަށެވެ.

މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖަށް އަޔާ ނުކުތީ އަނިޔާއިން ރިކަވާވެ، ރަނގަޅު އަހަރެއްހާ ދުވަހަށްފަހުއެވެ. މިދިޔަ އަހަރު އޭނާ ގިނަ ކާމިޔާބީތަކެއް ހޯދި އިރު، ރޭ ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ވާދޫން ކުޅުނު ފުރަތަމަ މެޗުގައިވެސް އޭނާ ފެނުނީ ޔަގީންކަމާއެކު ކުޅެނުތަނެވެ. މެޗުގައި ވާދޫން 11-1 އިން ފިޔޯރީ ބަލިކުރި އިރު، އަޔާގެ ނަޒަރުގައި އަދި މާ ދުރަށް ވިސްނޭކަށް ނެތެވެ.

"ޕްލޭން ކުރި ގޮތަށް މެޗު މިކުޅުނީ. ފަރިތަކުރުންތަކުގައިވެސް ޕްރެސިން ގޭމް ކުޅެފައި މި މެޗަށް ނުކުތީ. އަޔާގެ އަބަދުވެސް ޓާގެޓަކީ އަބަދުވެސް މެޗަކަށްފަހު މެޗެއް. ކުރިއަށް ދެން އޮތީ ވަރަށް ވަރުގަދަ ޓީމުތައް. ދެން ކުޅެން ޖެހޭނީވެސް މިއަތޮޅުގެ އެންމެ ވަރުގަދަ އެއް ޓީމާ. އެހެންވީމަ އެ މެޗަށް ވަރަށް ތައްޔާރުވާން ޖެހޭނެ،" ރޭގެ މެޗަށްފަހު އަޔާ "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

ވާދޫން އަތޮޅު ބުރުގެ ގްރޫޕް ބީގައި ދެން ގައްދުއާ ދެކޮޅަށް ނުކުންނަން ޖެހޭ އިރު، އޭނާ އިތުރަށް ބުނީ މިފަހަރުގެ މުބާރާތަށް ނުކުތްއިރު، ރަނގަޅަށް ފިޓްކޮށް ހުރުން އެއީ ޔަގީންކަމާއެކު ކުޅެލެވޭނެ ސަބަބެއް ކަމަށެވެ.

"އެއްވެސް ގޮތަކަށް ޔަގީންކޮށްގެން ނޫން އެއްވެސް މެޗަކަށް ނުކުންނާނީ. އެހެންވިޔަސް ވަރަށް ބައިވަރު ކަންކަން ދަސްކޮށްގެން، ވަރަށް ގިނަ އެއްޗެހި ބަލައިގެން، ވަރަށް ބޮޑަށް ތައްޔާރުވެގެން މި ނުކުތީ. މިދިޔަ އަހަރު ހުރީ އަނިޔާއިން ރަނގަޅުވެ، އެންމެ ފިޓްކޮށެއް ނޫން. އެކަމަކު މިއަހަރު މުބާރާތަށް މި ނުކުތީ ވަރަށް ފިޓްކޮށް ހުރެގެން. ކުރިއަށް އޮތްތަނުގަ ރަނގަޅުވާނެ،" އަޔާ އިތުރަށް ބުންޏެވެ.

އަޔާ ބުނީ ޓީމް ލީޑުކުރުމުގައި ކުރެވޭ މަސައްކަތަށް އަމިއްލައަށް ހިތްހަމަ ޖެހޭ ކަމަށާއި، އެ މަސައްކަތުގައި އިތުރަށް ކުރިއަށްދާނެ ކަމަށެވެ. އަދި އުންމީދަކީ މެޗަކަށްފަހު މެޗަކަށް ކުޅުން އިތުރަށް ރަނގަޅުކޮށް، ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅުކުރުން ކަމަށްވެސް އަޔާ ފާހަގަކުރިއެވެ.