ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ ފ. އަތޮޅުގެ އަތޮޅު ބުރުގައި ރޭ ކުޅުނު މެޗުތަކުގައި އެންމެފަހުގެ ޗެމްޕިއަން ބިލެތްދޫއާއި މަގޫދޫ އެއްވަރުކުރި އިރު، ދަރަނބޫދޫން ނިލަންދޫ ބަލިކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ މެޗުތައް ރެހެންދި ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ އިރު، މިއަހަރުގެ މުބާރާތުގައި ފ. އަތޮޅުން ބައިވެރިވެފައި ވަނީ ފަސް ޓީމުންނެވެ. އެހެންކަމުން ލީގު ބުރެއް ކުޅެ، ފައިނަލަށް ދާނީ އެއްވަނަ އަދި ދެވަނަ ޓީމެވެ.

ފ. އަތޮޅުގެ މެޗުތައް ދެ ރެއެއްގައި މިހާތަނަށް ކުޅެފައިވާ އިރު، ރޭވެސް އެ އަތޮޅުގެ ދެމެޗެއް ވަނީ ފެނިގެން ގޮސްފައެވެ. ދަރަނބޫދޫން 5-4 އިން ނިލަންދޫ ބަލިކުރި އިރު، އެންމެފަހުގެ ޗެމްޕިއަން ބިލެތްދޫ ކައިރިން މަގޫދޫ އެއްވަރުވީ 3-3 ގެ ނަތީޖާއަކުންނެވެ.

ދަރަނބޫދޫން ރޭ ފުރަތަމަ މެޗެއް ކުޅުނު އިރު، ބިލެތްދުއާއި މަގޫދޫ އަދި ނިލަންދޫ މިހާތަނަށް ވަނީ ދެމެޗު ކުޅެފައެވެ. ނިލަންދުއަށް ދެމެޗުންވެސް ޕޮއިންޓެއް ލިބިފައި ނުވާ އިރު، ބިލެތްދޫއާއި މަގޫދުއަށް ދެމެޗުން ހަތަރު ޕޮއިންޓް ލިބިފައިވެއެވެ. ބިލެތްދޫއާއި މަގޫދޫ އެއްވަރުކޮށް ތާވަލުގައި އޮތް އިރު، އެ އަތޮޅުގައި ދެން ވާދަކުރާ ފީއަލި މިހާތަނަށް ކުޅުނު މެޗުން އޮތީ ބަލިވެފައެވެ. މިހާރު އޮތް ގޮތުން ނިލަންދޫއަށް ފައިނަލަށް ދިއުމަށް އަމިއްލަ ބާރެއް ނެތެވެ.

ދަރަނބޫދުއާއި ނިލަންދޫ ވާދަކުރި މެޗުގައި ނިލަންދޫގެ އަހުމަދު ރިޒްވާން އިސްމާއީލާއި އީޖާޒު އަބްދުލް ގާދިރު، ދެ ގޯލު ޖެހި އިރު، ދަރަނބޫދޫގެ މުޒްދާން ހަސަން ވަނީ ހެޓްރިކް ހަދައިފައެވެ. އޭގެ އިތުރުން ދަރަނބޫދޫގެ ގޯލުތައް ޖެހީ ސާޖިދު އަހުމަދު އިބްރާހީމާއި މުއައްލިމް އުމަރެވެ.

މަގޫދޫން ބިލެތްދޫއާ އެއްވަރުކުރި މެޗު ފޯރިގަދަކޮށް ގޮސްފައިވާ އިރު، އެމެޗުގައި ބިލެތްދޫގެ މުހައްމަދު ޒީދާން ޒުހުރީ ވަނީ ދެ ގޯލު ޖަހައިފައެވެ. އަދި އެޓީމުގެ އަނެއް ގޯލު ޖެހީ ރިމޮން އަލީއެވެ. މަގޫދޫގެ އައްމާރު ބިން މުހައްމަދު މުސްތަފާ ދެ ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލު ޖެހީ މޫސާ އަސަދު އަންވަރެވެ.

ރޭ ވަނީ މުބާރާތުގެ މ. އަތޮޅުގެ އަތޮޅު ބުރުގެ ކުޅުންވެސް ފަށައިފައެވެ. އެ އަތޮޅުން ހަތް ޓީމު ވާދަކުރަމުން އަންނައިރު، މެޗުތައް ކުރިއަށް ދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް ބީގައި މުއްޔާއި ކޮޅުފުށި ރޭ ވާދަކުރި މެޗު 0-0 އިން އެއްވަރުވެގެން ނިމުނުއިރު، އެ ގްރޫޕްގައި ދެން ހިމެނެނީ ނާލާފުއްޓެވެ.

އެ އަތޮޅުގެ ގްރޫޕް އޭގައި ހިމެނެނީ މުލަކާއި ވޭވަށުގެ އިތުރުން މަޑުއްވަރިއާއި އެންމެފަހުގެ ޗެމްޕިއަން ދިއްގަރެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.

20:00

ގްރައުންޑް 1: ލ. ގަން - ލ. މާވަށް

ގްރައުންޑް 2: ލ. މުންޑޫ - ލ. ކަލައިދޫ

21:00

ގްރައުންޑް 1: މ. މުލައް - މ. ވޭވަށް

ގްރައުންޑް 2: މ. މަޑުއްވަރި - މ. ދިއްގަރު

22:00

ގްރައުންޑް 1: ގއ. ދާންދޫ - ގއ. ކަނޑުހުޅުދޫ

ގްރައުންޑް 2: ގއ. ގެމަނަފުށި - ގއ. ނިލަންދޫ

23:00

ގްރައުންޑް 1: ގއ. ދެއްވަދޫ - ގއ. ކޮލަމާފުށި

ގްރައުންޑް 2: ގއ. މާމެންދޫ - ގއ. ވިލިނގިލި