ރާއްޖޭގެ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް 2025ގެ އއ. އަތޮޅުގެ އަތޮޅު ބުރުގައި މިއަދު ކުޅުނު މެޗުތައް ތޮއްޑުއާއި މަތިވެރީގެ އިތުރުން ރަސްދުއާއި ބޮޑުފޮޅުދޫން ކާމިޔާބުކޮށްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ހުޅުމާލޭ ރެހެންދި ދަނޑުތަކުގައި ކުރިއަށްދާ އިރު، މިއަދު ހަވީރު ކުޅުނީ އއ. އަތޮޅު ދެ ގްރޫޕްގެ މެޗުތަކެވެ. އެ އަތޮޅުން ޖުމުލަ އަށް ޓީމަކުން ވާދަކުރަމުންދާ އިރު، ގްރޫޕް ސްޓޭޖު ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
އއ. އަތޮޅު ގްރޫޕް އޭގައި އެންމެފަހުގެ ޗެމްޕިއަން މަތިވެރިން މިއަދު ދެވަނަ މޮޅެއް ހޯދީ، އުކުޅަސް ކައިރިން 7-0 އިން މޮޅުވެގެންނެވެ. އުކުޅަސް މިހާތަނަށް ކުޅުނު ދެ މެޗުން ބަލިވެފައިވާ އިރު، އެޓީމަށް ދެން ފުރުސަތެއް ނެތެވެ. އެ ގްރޫޕުގައި މިއަދު ތޮއްޑޫން ހިމަންދޫ ކައިރިން 2-0 އިން މޮޅުވި އިރު، އެ މޮޅާއެކު ތޮއްޑުއަށް ވަނީ އުންމީދެއް ލިބިފައެވެ.
ތޮއްޑުއާއި ހިމަންދޫ މިހާތަނަށް ދެ މެޗުން ތިން ޕޮއިންޓް ހޯދާފައިވާ އިރު، އެ ދެ ޓީމަށް އަދި ފުރުސަތު އެބައޮތެވެ. އެހެންނަމަވެސް މަތިވެރީގެ ފައިދާ ގޯލު ގިނަވުމުން މަތިވެރި ކެޓުމަށް އޮތީ ހަނި ޖާގައެކެވެ.
މިއަދުގެ މެޗުގައި މަތިވެރީގެ ގޯލުތައް ޖަހައިދިނީ ހައިޝަމް އަލީއާއި އަލީ އަލްސަންގެ އިތުރުން އަލްޔާން ހަސަން ޝާރީފް، އަބްދުﷲ މިހާދު އަހުމަދު އަދި މުހައްމަދު ފާރިޝް އިބްރާހީމެވެ. ހައިޝަމް ދެ ގޯލު ޖެހި އިރު، އުކުޅަހުގެ ޖިނާން ބިން އަބްދުލް އަޒީޒް ބިން ހުސައިން އަތުން ބައިކޮޅަށްވެސް ގޯލެއް ވަދެފައިވެއެވެ.
އެ ގްރޫޕުގައި ތޮއްޑޫން ހިމަންދޫ ބަލިކުރި މެޗުގައި ތޮއްޑޫގެ ގޯލުތައް ޖަހައިދިނީ އަލީ އިސްމާއިލް އަހުމަދާއި އާދަމް ޝާވިން މޫސާއެވެ.
އއ. އަތޮޅު ގްރޫޕް ބީގައި ބޮޑުފޮޅުދުއާއި ރަސްދޫން މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެ ސެމީ ޔަގީންކުރި އިރު، މާޅޮހާއި ފެރިދޫ މިހާތަނަށް ކުޅުނު ދެ މެޗުން ވަނީ ބަލިވެފައެވެ. މިއަދު ބޮޑުފޮޅުދޫން މާޅޮސް ކައިރިން 4-2 އިން މޮޅުވި އިރު، ރަސްދޫން ފެރިދޫ ބަލިކުރީ 5-1 އިންނެވެ.
ބޮޑުފޮޅުދުއަށް މިއަދުގެ މެޗުގައި ގޯލު ޖަހައިދިނީ ޖާދުﷲ އަހުމަދާއި އަލީ ޝަނީޒް އަދި ހުސައިން ނަވާޒެވެ. އޭގެ އިތުރުން މާޅޮހުގެ އަލީ ޒިޔާން އަތުން ބައިކޮޅަށް ގޯލަށް ވަދެފައިވާ އިރު، މާޅޮހަށް ގޯލުތައް ޖަހައިދިނީ އަހުމަދު އާރިފާއި އަލީ ފަލާހެވެ.
ރަސްދޫގެ ފަސް ގޯލުގެ ތެރެއިން ދެ ގޯލު، ހަސަން ސުހައިލް ޖެހި އިރު، އަނެއް ގޯލުތައް ޖެހީ މުހައްމަދު ހޫދު އަހުމަދާއި އަލީ މުސްތަފާ އަދި އިބްރާހީމް އާޒިމެވެ. ފެރިދޫގެ ހަމައެކަނި ގޯލު ޖެހީ ޝަމްއޫން އަހުމަދެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގައި ޖުމުލަ 129 ޓީމަކުން ވާދަކުރަމުން އަންނަ އިރު، އަތޮޅު ބުރުގެ އިތުރު މެޗުތައް މިރޭވެސް ފޯރިއާއެކު ކުރިއަށްދާނެއެވެ. މިއަހަރުގެ މުބާރާތުގެ ޕީއާރް ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
20:00
ގްރައުންޑް 1: މ. ކޮޅުފުށި - މ. މުލި
21:00
ގްރައުންޑް 1: ސ. ފޭދޫ - ސ. މަރަދޫފޭދޫ
ގްރައުންޑް 2: ސ. ހިތަދޫ - ސ. މަރަދޫ
22:00
ގްރައުންޑް 1: ފ. ދަރަނބޫދޫ - ފ. ނިލަންދޫ
ގްރައުންޑް 2: ފ. ބިލެތްދޫ - ފ. މަގޫދޫ
23:00
ގްރައުންޑް 1: ގދ. ތިނަދޫ - ގދ. މަޑަވެލި
ގްރައުންޑް 2: ގދ. ފިޔޯރީ - ގދ. ވާދޫ
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް