ބިދޭސީ ކުޅުންތެރިއެއްގެ ވިސާ މުއްދަތު ހަމަވި މައްސަލައެއްގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ޖޫރިމަނާކުރަން ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
މިމަހު ނުވަވަނަ ދުވަހު ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަކީ އިމިގްރޭޝަނުން އެ ކްލަބާ ދެކޮޅަށް ހުށަހެޅި މައްސަލައެއްގައި ކޮށްފައިވާ ހުކުމެކެވެ. އެ މައްސަލައިގައި ހުކުމްކޮށްފައި ވަނީ ޔޫވީގެ ގައިރު ހާޒިރުގައެވެ. ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ ޔޫވީގެ ފަރާތުން ދައުވާ ލިބޭ ފަރާތުގެ ދާއިމީ އެޑްރެހުގައި ރަތް ޗިޓު ތަތްކުރުމުންވެސް ދައުވާ ލިބޭ ފަރާތުން ކޯޓަށް ހާޒިރުވެފައިނުވާ ކަމަށެވެ.
ކޯޓުން ޔޫވީއާ ދެކޮޅަށް ކުރި ހުކުމުގައި ވަނީ ބިޒްނަސް ވިސާގައި ބިދޭސީ ކުޅުންތެރިން ރާއްޖެއަށް ގެނައުމަށްފަހު ބިދޭސީ ފަރާތްތަކަށް ދޫކޮށްފައިވާ ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން ވިސާ އާކުރަން ހުށަހަޅާފައި ނުވާ ކަމަށާއި، ބިދޭސީ ފަރާތްތައް ފުރުވާލާފައިވެސް ނުވާ ކަމަށެވެ. އެކަންތައް ލިޔެކިޔުމުން ސާބިތުވެފައިވާތީ ސިވިލް ކޯޓުން ހުކުމްކުރީ 30،000 ރުފިޔާއިން އެ ކްލަބު ޖޫރިމަނާ ކުރުމަށެވެ.
ބިޒްނަސް ވިސާގައި ކުޅެންތެރިން ރާއްޖެއަށް ގެނެވޭ ގޮަތަށް ހުއްދަ ދީފައި އޮންނަ ނަމަވެސް، ވިސާ އާ ނުކޮށްގެން މީގެ ކުރިންވެސް ބައެއް ފަހަރު ކްލަބުތަކަށް ހުކުމްކޮށް، ޖޫރިމަނާ ކޮށްފައިވެއެވެ.
ޔޫވީގެ މައްސަލައިގައި ހުކުމްކުރީ ކޮން އަހަރެއްގައި އެ ކްލަބަށް ކުޅުނު ކުޅުންތެރިއެއްގެ މައްސަލައެއްގައި ކަމެއް ހުކުމުގައި ބުނެފައެއް ނުވެއެވެ. މިދިޔަ ސީޒަނުގެ ފުޓުބޯޅަ ނިމުނުފަހުން އަދި އާ ސީޒަނެއް ފެށިފައި ނުވާ އިރު، އެންމެފަހުން ސީޒަނުގައި ޔޫވީން ބިދޭސީ ކުޅުންތެރިން ބޭނުންކޮށްފައެއް ނުވެއެވެ. އެހެން ނަމަވެސް އޭގެ ކުރީ ސީޒަނުގައި އެޓީމުން ބިދޭސީ ކުޅުންތެރިން ފެނިގެން ގޮސްފައިވެއެވެ.
ޔުނައިޓެޑް ވިކްޓަރީ
ޔުނައިޓެޑް ވިކްޓަރީ
ޔުނައިޓެޑް ވިކްޓަރީ
ޔުނައިޓެޑް ވިކްޓަރީ