ދިރާގު ދިވެހި ޕްރިމިއާ ލިގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބު ގްރީން ސްޓްރީޓްސްއިން ޔުނައިޓެޑް ވިކްޓްރީ ބަލިކޮށްފިއެވެ.

ގްރީންއާއި ޔުނައިޓެޑް ވިކްޓްރީއަކީވެސް ރެލިގޭޝަން ޒޯނުން ސަލާމަތްވުމަށް މަސައްކަތް ކުރަމުން އަންނަ ދެޓީމެވެ. ގްރީނުން މިއަދު ހޯދި މޮޅާއެކު 16 މެޗުން 11 ޕޮއިންޓް ހޯދާފައިވާ އިރު، އެޓީމު އޮތީ އަށް ވަނައިގައެވެ. ވެލެންސިއާ އިން ނުވަ ވަނައިގައި 15 މެޗުން އަށް ޕޮއިންޓާ އެކު އޮތް އިރު، ޔުނައިޓެޑް ވިކްޓަރީ ފުލުގައި އޮތީ 16 މެޗުން ހަތް ޕޮއިންޓާ އެކުގަވެ.

މިއަދު ކުޅުނު މެޗުގެ ކުރީކޮޅުގައިވެސް ބޮޑަށް ނުރައްކާ ކުރީ ގްރީނުންނެވެ. އެޓީމުގެ މުހައްމަދު ޖައިލަމް (އޮގީ) ގެ ހަމަލާއެއް ފާހަގަކުރެވިގެން ދިޔަ އިރު، 22 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އެ ގޯލް ޖެހީ އަންސަރު އިބްރާހީމް (އަންކޮ) އެވެ. މުހައްމަދު ސަހާއު (ބޭލް) ދިން ބޯޅަ އޭރިއާ ތެރެއިން ކޮންޓްރޯލް ކޮށްލުމަށްފަހު ޑިފެންޑަރު ބީޓް ކޮށްލައި، އަންކޮ ފޮނުވާލީ ގޯލްގެ ކަނަށެވެ.

ދެވަނަ ހާފުގައި ދެޓީމުންވެސް އެޓޭކަށް މަސައްކަތްތަކެއް ކުރި ނަމަވެސް، މެޗު ނިމިގެން ދިޔައީ އިތުރު ގޯލެއް ނުފެނިއެވެ.