ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ރޭ ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ނިއުއިން ޔޫވީ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ނިއުއިން ރޭގެ މެޗަށް ނުކުތްއިރު އޮތީ ހަތަރު ވަނައިގައެވެ. އެއީ ބުރު ސްޕޯޓްސް ކްލަބުން ތިންވަނައަށް ޖެހިލާފައި އޮތުމުންނެވެ.

އެހެން ނަމަވެސް ރޭގެ މެޗުން މޮޅުވެގެން ނިއުއިން އަނެއްކާވެސް ތިންވަނައަށް ޖެހިލި އިރު، އެޓީމަށް 15 މެޗުން 30 ޕޮއިންޓް ލިބިފައިވެއެވެ. މިވަގުތު ބުރު ސްޕޯޓްސް ކްލަބުން އޮތީ ހަތަރު ވަނައިގައެވެ. އެއީ 15 މެޗުން 27 ޕޮއިންޓާއެކުގައެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ނިއުއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި ނިއުގެ ފުރަތަމަ ގޯލް ޖަހައިދިނީ ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) އެވެ. ޕީކޭގެ އެ ގޯލް ޖަހައިދިނުމާއެކު ނިއުއިން ރަނގަޅު ޓެމްޕޯޢެއްގައި ކުޅެ ހާފު ނިންމާލާފައިވާ އިރު، ދެވަނަ ހާފުގައި ނިއުއިން ދެވަނަ ގޯލެއްވެސް ޖެހިއެވެ.

ނިއުގެ ދެވަނަ ގޯލް ޖަހައިދިނީ އަލްހާޖީ ގެރޯއެވެ. ނިއުގެ ބްރެޒިލް މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާ ނަގައިދިން ބޯޅައަކަށް އަރައި ގޭރޯ ބޯޅަ ގޯލަށް ވައްދާލީ ބޮލުންނެވެ.

ރޭ ބަލިވެ، ޔުނައިޓެޑް ވިކްޓްރީ އޮތީ ތާވަލުގެ ފުލުގައެވެ. އެއީ 15 ހަތް ޕޮއިންޓާއެކުގައެވެ.