ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ކްލަބް ވެލެންސިއާއާއި ޔުނައިޓެޑް ވިކްޓްރީ އެއްވަރުވެއްޖެއެވެ.

މިއަދު ގައުމީ ދަނޑުގައި ކުޅުނު މެޗު 0-0 އިން އެއްވަރުވުމާއެކު ޔުނައިޓެޑް ވިކްޓްރީ ވަނީ 10 އަހަރު ފަހުން ފުރަތަމަ ޑިވިޝަނުން ރެލިގޭޓް ވެފައެވެ. އެޓީމުން 2016 ވަނަ އަހަރުން ފެށިގެން ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުންދާ އިރު، މިފަހަރު ރެލިގޭޓްވީ 17 މެޗުން އަށް ޕޮއިންޓް ލިބިފައި އޮތުމުންނެވެ.

ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ މެޗެއް އޮތް އިރު، މިއަދުގެ މެޗަށް ނުކުތްއިރުވެސް ޔުނައިޓެޑް ވިކްޓްރީއަށް އޮތީ ތިން ޕޮއިންޓް ހޯދަން މަޖުބޫރުވެފައެވެ. މިއަދު ލިބުނު ޕޮއިންޓާއެކު ވެލެންސިއާވެސް އޮތީ ނާޒުކު ހާލަތެއްގައެވެ.

މިފަހަރު ލީގުގެ އުސޫލު އޮތް ގޮތުން އެންމެ ފުލަށް ދާ ދެޓީމު އޮޓޮމެޓިކުން ރެލިގޭޓްވާ އިރު، ވެލެންސިއާ އޮތީ ނުވަ ވަނައިގައެވެ. އެއީ ފުލުގައި އޮތް ޔުނައިޓެޑް ވިކްޓްރީއަށްވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ވެލެންސިއާ ނުވަ ޕޮއިންޓާއެކު އޮތް އިރު، އަށް ވަނައިގައި އޮތް ގްރީން ސްޓްރީޓްސްއަށް ވަނީ 17 މެޗުން 12 ޕޮއިންޓް ލިބިފައެވެ. ގްރީނުން ރޭ ކްލަބު އީގަލްސް ކައިރިން އެއްވަރުކޮށް މުހިއްމު ޕޮއިންޓެއް ހޯދި އިރު، އެޓީމުން ދެން ކުޅޭނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

ވެލެންސިއާއިން އެޓީމުގެ ފަހު މެޗުގައި ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ. ވެލެންސިއާއަށް ސަލާމަތްވުމުގެ އަމިއްލަ ބާރެއް މިހާރަކު ނެތެވެ. އެޓީމަށް ސަލާމަތްވާން ބޮޑު ނަތީޖާއަކުން މޮޅުވާން ޖެހޭ އިރު، ގްރީނަށް ފަހު މެޗުގައި ޕޮއިންޓެއް ލިބުނަސް ރެލިގޭޓް ވާނީ ވެލެންސިއާއެވެ.

މިއަދުގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ހަމަލާތައް ފެނުނެވެ. ވެލެންސިއާގެ ކެޕްޓަން އީތަން އިބްރާހީމް ޒަކީގެ ހަމަލާތައް ފެނުނު އިރު، އަނެއްކޮޅުން ޔުނައިޓެޑް ވިކްޓްރީގެ މިސްރު ފޯވަޑް މުހައްމަދު ސާމިރާއި ހުސައިން ޝުހާދު ޝުހާންގެ ހަމަލާތައްވެސް ކާމިޔާބެއް ނުވިއެވެ.