ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ރެލިގޭޓްވެފައިވާ، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ވިކްޓްރީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި ކުޅުނު މެޗުގައި ރޭ ޔޫވީން ވިކްޓްރީ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗަށް ނުކުތްއިރުވެސް ޔޫވީން އޮތީ ރެލިގޭޓްވެފައެވެ. އެޓީމުން ފުރަތަމަ ޑިވިޝަނުން ރެލިގޭޓްވެފައި މިވަނީ 10 އަހަރު ފަހުންނެވެ. މިރޭގެ ނަތީޖާއާއެކު ޔޫވީން 10 ވަނައިގައި ލީގު ނިންމާލީ 18 މެޗުން 11 ޕޮއިންޓް ހޯދައިގެންނެވެ.

ފުލަށް ދާ ދެޓީމު ރެލިގޭޓްވާ ގޮތަށް ލީގު ފޯމެޓް ބަދަލުކުރެވިފައިވާ އިރު، ޔޫވީއާއެކު ދެން އޮޓޮމެޓިކަލީ ރެލިގޭޓް ވާ ޓީމެއް އެނގޭނީ މިއަދު ލީގުގައި ކުޅޭ މެޗުތަކުންނެވެ.

ވިކްޓަރީން ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާއިރު، އެ ޓީމުން ސީޒަން ނިންމާލީ ހަ ވަނައިގައި 18 މެޗުން 21 ޕޮއިންޓާ އެކުގައެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓަރީން ދެގޯލްވެސް ޖެހީ މެޗުގެ ފަހުކޮޅުގައެވެ. އެ ދެގޯލްވެސް ޖެހީ އެ ޓީމުގެ މިސްރު ފޯވާޑް، މުސްތަފާ މުހައްމަދު އަލް ޝާޒްލީއެވެ. އޭނާ ފުރަތަމަ ގޯލް ޖެހީ އޭރިއާތެރެއިން، މޫސާ އަޒީމް ހަަސަން ނަގައިދިން ބޯޅައަކުން އެއް ފަހަރުން ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. އަނެއް ގޯލަކީ އިންޑިވިޖުއަލީ ކާމިޔާބުކުރި ގޯލެކެވެ. އޭރިއާ ތެރެއަށް ވަދެ، އޭނާ ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލްގެ ކަނަށެވެ.