އީފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ ގޮތަށް އުސޫލު ބަދަލުކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ހަސަން ޒަކަރިއްޔާ ވިދާޅުވެއްޖެއެވެ.
ޒަކަރިއްޔާ "ވަން" އަށް މިއަދު ވިދާޅުވީ ފާއިތުވި 15 އަހަރުން ފެށިގެން މިއާދާ ހަމަޔަށް އައި އިރުވެސް ސައްހަ ނޫން ފޯމު ހުށަހަޅައިގެން ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ މައްސަލައަށް އެކަށީގެންވާ ހައްލުތަކެއް އީސީން ހޯދަން މަސައްކަތް ކުރިނަމަވެސް އެކަން ކާމިޔާބު ކުރެވިފައިނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ އިންތިހާބުތަކުގެ ރީ-ރަޖިސްޓްރޭޝަން އީފާސް މެދުވެރިކޮށް ކުރަން ފެށުމުން ސައްހަ ނޫން ފޯމު ހުށަހަޅައިގެން ރީރަޖިސްޓާ ކުރާ މައްސަލަ އެއްކޮށް ހައްލުވެގެން ދިޔަ ކަމަށެވެ.
"އެހެންވެ އެކަމުން ތަޖުރިބާއަށް ބަލައިފައި އަޅުގަނޑުމެން މި ނިންމީ މިގޮތަށް ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން އީފާސް މެދުވެރިކޮށް ކުރިއަށް ގެންދަން، އެކަމާ ގުޅިގެން އުސޫލު ބަދަލުކުރުމަށް ކުރަންޖެހޭ ކަންކަން މިހާރު ދަނީ ކުރަމުން،" ޒަކަރިއްޔާ ވިދާޅުވިއެވެ.
އީފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް މީހުން ވައްދާ ގޮތަށް އުސޫލު ހެދުމުން، ސައްހަ ނޫން ފޯމު ހުށަހަޅައިގެން ޕާޓީތަކަށް މީހުން ވައްދާ މައްސަލަ ހައްލުވެގެންދާނެ ކަމަށް ބެލެވޭ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
އީފާސް މެދުވެރިކޮށް ސިޔާސީ ޕާޓީއަށް މީހުން ވައްދާގޮތަށް އުސޫލު ބަދަލުކުރުމުގެ ކަންކަން އީސީން ފެށިއިރު ވެރިކަންކުރާ ޕީއެންސީއަށް މެންބަރުން އިތުރު ކުރުމުގެ ގޮތުން ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
އެކަމާ ގުޅިގެން ޒަކަރިއްޔާ ވިދާޅުވީ އެ މައްސަލަތަކުގެ ތެރެއިން އެންމެ ބޮޑަށް ފެންމަތިވި މައްސަލައަކީ އެމްޑީޕީ މެންބަރެއް ކަމަށްވާ މުހައްމަދު ތޯރިގް (މަނަދޫ ތޯރިގް) ޕީއެންސީއަށް ވެއްދި މައްސަލަ ކަމަަށެވެ.
އެ މައްސަލަ އާއި އިތުރު އެހެން މައްސަލަތަކެއް ފުލުހުން ތަހުގީގު ކުރަމުންދާތީ، އީސީން އެފަދަ މައްސަލައެއް ތަހުގީގު ކުރަމުންނުދާ ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ. އީސީން ފިޔަވަޅެއް އަޅާނީ ފުލުހުންގެ ތަހުގީގަށްފަހު ކަމަށް ޒަކަރިއްޔާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު