އިންތިހާބުތަކާ ގުޅޭ ޖިނާއީ މައްސަލަތައް ތަހުގީގު ކުރާނެ ގޮތުގެ ގަވާއިދެއް އިލެކްޝަން ކޮމިޝަން (އީސީ) އިން އެކުލަވައިލައި، ކުށުގެ ތުހުމަތުވާ ފަރާތް ކޯޓު އަމުރެއްގެ ދަށުން އީސީއަށް ހާޒިރުކުރުމުގެ ބާރާއި ތުހުމަތުކުރެވޭ ފަރާތުގެ ޕާސްޕޯޓް ހިފެހެއްޓުމާއި ބޭންކު އެކައުންޓުގެ މުއާމަލާތް މޮނިޓާ ކުރުމުގެ ބާރު ލިބިދޭގޮތް ހަދައިފިއެވެ.

އީސީން އެ ގަވާއިދު އެކުލަވާލައިފައިވަނީ "ޖިނާއީ އިޖުރާއަތުގެ ގާނޫނު" ގެ 211 ވަނަ މާއްދާގެ (ހ) ގެ އެއް ވަނަ ނަންބަރުގެ ދަށުން ލިބިދޭ ބާރުގެ ދަށުންނެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 211 ވަނަ މާއްދާއަކީ ޖިނާއީ މައްސަލަތަކުގައި ގަވާއިދު ހެދުމާ ގުޅޭ މާއްދާއެވެ.

އެ މާއްދާގައި ބަޔާންކޮށްފައިވަނީ އެ ގާނޫނުގެ ދަށުން ތަހުގީގުކުރުމާ ގުޅޭ ކަންކަމުގައި ގަވާއިދުތައް ހަދާނީ ގާނޫނު ތަންފީކުރާ އިދާރާތަކުން ކަމަށެވެ. އަދި އެ ގާނޫނުގެ ދަށުން ދައުވާ އުފުލުމާއި ދައުވާކުރުމާ ގުޅޭ ކަންކަމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ޕްރޮސިކިއުޓާ ޖެނެރަލް ކަމަށާއި އެ ގާނޫނުގެ ދަށުން ޝަރީއަތް ކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ހަދާނީ ސުޕްރީމް ކޯޓުން ކަމަށެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ލިބިދޭ އިހުތިޔާރުގެ ދަށުން އީސީން ވަނީ "ޖިނާއީ ތަހުގީގުކުރުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާނެ ގޮތުގެ ގަވާއިދު" ހަދައި އަންގާރަ ދުވަހު ގެޒެޓުކޮށްފައެވެ.

އެ ގަވާއިދުގެ ދަށުން "އިންތިހާބުތަކާބެހޭ އާންމު ގާނޫނު" ގައި ބަޔާންކޮށްފައިވާ ކޮރަޕްޝަނުގެ މައްސަލަތައް ފިޔަވައި އެ ގާނޫނުގައި ބަޔާންކޮށްފައިވާ، އިންތިހާބާ ގުޅޭ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގެ އިހުތިސޯސް އީސީއަށް ލިބިގެންވެއެވެ. އަދި އެފަދަ ޖިނާއީ މައްސަލައެއްގެ ތަހުގީގަކާ ގުޅޭގޮތުން އީސީއަށް ހާޒިރުވުމަށް ޗިޓެއް މެދުވެރިކޮށް ލިޔުމުން އެންގުމުގެ ބާރު އީސީއަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ޗިޓާ އެއްގޮތަށް އީސީއަށް ހާޒިރުނުވެއްޖެ ނަމަ، އެ މީހަކާ މެދު "ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު" ގެ 533 ވަނަ މާއްދާގެ ދަށުން ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ފޮނުވުމުގެ އިހުތިޔާރު އީސީއަށް ލިބިގެންވެއެވެ.

ނަމަވެސް މަގުބޫލު އުޒުރެއް އޮވެގެން ހާޒިރުނުވާ މީހާއާ މެދު ފިޔަވަޅު އެޅުން އިސްތިސްނާވާނެއެވެ. ގަވާއިދުގައި ބަޔާންކޮށްފައިވާ މަގުބޫލު ތިން އުޒުރަކީ ދަތުރުފަތުރު ކުރެވޭ ވަރަށް މޫސުން ތަން ނުދިނުން، ހާޒިރުނުވެވޭ ފަދަ ބައްޔެއް ވުން އަދި އެފަދަ މަގުބޫލު އެހެން ސަބަބެއް މެދުވެރިވުމެވެ.

ގަވާއިދުގައިވާ ގޮތުން އީސީން ބަލަމުންދާ މައްސަލައެއްގައި ހާޒިރުކުރަންޖެހޭ ފަރާތަކުން މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުވައިފާނެކަމުގެ ނުވަތަ ހެކި ފޯރުވައިފާނެކަމުގެ ނުވަތަ ހެކި ނައްތައިލާނެކަމުގެ އިހުތިމާލު އޮތް ހާލަތެއްގައި އަދި އީސީއަށް ހާޒިރުވުމުގައި އެއްބާރުލުން ނުދޭ ހާލަތެއްގައި، އީސީން ހޯދާ ކޯޓު އަމުރެއްގެ ދަށުން ފުލުހުން މެދުވެރިކޮށް ބަންދުކޮށްގެން ތަހުގީގަށް ހާޒިރުކުރެވިދާނެއެވެ.

ކުށުގެ ތުހުމަތުގައިވާ މީހަކު ތަހުގީގުގައި ކުށަށް އިއުތިރާފުވާން ބޭނުން ކަމަށް ބުނެފި ނަމަ ނުވަތަ އިއުތިރާފުވެއްޖެ ނަމަ، "ޖިނާއީ އިޖުރާއަތުގެ ގާނޫނު" ގެ 104 ވަނަ މާއްދާގައިވާ ގޮތުގެ މަތީން އަމަލުކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލަށް ފުރުސަތު ދިނުމަށް ޓަކައި، އެކަންވީ އެންމެ އަވަހަކަށް އަދި ގިނަވެގެން 24 ގަޑިއިރުގެ ތެރޭގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ލިޔުމުން އަންގަންވާނެ ކަމަށް ގަވާއިދު ވަނީ ބަޔާންކޮށްފައެވެ.

މައްސަލައަކާ ގުޅިގެން ތުހުމަތުގައި ސުވާލުކުރެވޭ މީހާއަށް ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނުހުރުމުގެ ހައްގުގެ ބޭނުން ހިފުމުގެ އިހުތިޔާރު ލިބިގެންވާ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. އަދި އެ ހައްގުގެ ބޭނުންހިފާ ނަމަ، އެ ހައްގު ތުހުމަތުކުރެވޭ ފަރާތުން އިހުތިޔާރުކޮށްފިކަން ފާޅުގައި ބުނަންވާނެ ކަމަށާއި އެކަން ލިޔުމުން ރިކޯޑުކުރަން ވެސް ވާނެ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

ގަވާއިދުގައި އިތުރަށް ބަޔާންކޮށްފައިވަނީ އީސީން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހެއްގެ ބެންކު އެކައުންޓާއި އެ އެކައުންޓުން ކޮށްފައިވާ މުއާމަލާތް މޮނިޓާކުރަން ބޭނުންވެއްޖެ ހާލަތެއްގައި ކޯޓު އަމުރަކަށް އެދެވިދާނެ ކަމަށެވެ. އަދި މައްސަލައަކާ ގުޅިގެން މީހަކު ކުށެއް ކުރަމުންދާކަން ނުވަތަ ކުށެއް ކޮށްފިކަން ނުވަތަ ކުށެއް ކުރަން އުޅޭކަން ގަބޫލުކުރެވޭ އެކަށީގެންވާ ހެކި ލިބިފައިވާ ނަމަ އަދި އޭނާ ފިލައިގެން ދާން އުޅޭކަމަށް ބެލެވޭ ފަދަ އެކަށީގެންވާ ހެކި ލިބިފައިވާ ނަމަ، އޭނާގެ ޕާސްޕޯޓު، ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓުމުގެ އިހުތިޔާރު އީސީއަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.

މީގެ އިތުރުން ޖޮއިންޓް އިންވެސްޓިގޭޝަނެއް ހިންގުމަށް އީސީއަށް ފެންނަ ހާލަތުގައި އެކަން ފުލުހުންނާ ގުޅިގެން ކުރިޔަށް ގެންދިޔުމުގެ އިހުތިޔާރު އީސީއަށް ލިބިގެންވާ ކަމަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.