ރެފްރީގެ ބޮޑު ނިންމުމަކަށް ސުވާލުތަކެއް އުފެދުނު ލީގު ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ޓޮޓެންހަމްއިން ލިވަޕޫލް ބަލިކޮށްފިއެވެ.
ރޭގެ މެޗަށް ނުކުތް އިރު، ލިވަޕޫލުން އެންމެފަހުން ބައްޔެއްވެފައި އޮތީ މިދިޔަ ސެޕްޓެމްބަރު މަހު ނޮޓިންހަމް ފޮރެސް ކައިރިންނެވެ. އޭގެފަހުން ބައްޔެއް ނުވެ އޮތް ލިވަޕޫލް، ރޭގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗަށް ޓޮޓެންހަމްއިން ފުރަތަމަ 11 އަށް ޒުވާން ކުޅުންތެރިންތަކެއް ނެރެފައިވާއިރު، އެޓީމަށް މިދިޔަ ހަފުތާގައި ގެންދިޔަ ޗެކް ރިޕަބްލިކްގެ އުމުރުން 21 އަހަރުގެ ގޯލްކީޕަރު އެންޓޯނިން ކިންސްކީއަށްވެސް ކޯޗު ފުރަތަމަ 11 އިން ފުރުސަތު ދިނެވެ. އޭގެ އިތުރުން 18 އަހަރުގެ ލޫކަސް ބާގްވާލްއަށްވެސް މެޗުން ފުރުސަތު ދިން އިރު، މެޗުގެ ތަރިއަކީ އޭނާއެވެ.
މެޗުގެ ހަމައެކަނި ގޯލު ބާގްވާލް ޖެހި އިރު، އެ ގޯލު އޭނާ ޖެހީ 86 ވަނަ މިނެޓުގައި ޑޮމިނިކް ސޮލާންކޭ ދިން ބޯޅައަކުންނެވެ.
އޭގެ ކުރިން ބާގްވާލް ރީނދޫ ކާޑެއްގައި ހުރެ، ނުރައްކާތެރި ޓެކުލެއްގައި ކޮސްޓަސް ސިމިކަސްއަށް ކުރި ފައުލް ރެފްރީއަށް ނުފެނި ދިޔަ އިރު، އެ ފައުލަށް ދެވަނަ ރީނދޫ ކާޑެއް ނުދައްކައި ރަތް ކާޑެއް ދޫކޮށްލުމުން ލިވަޕޫލުން ވަރަށް ބޮޑަށް ޝަކުވާ ކުރިއެވެ. ވީއޭއާރް އެ ނިންމުން ރިވިއު ނުކުރީ ރީނދޫ ކާޑުގެ ހާލަތަކަށްވީމައެވެ.
ރޭގެ މެޗުގައި ލިވަޕޫލްގެ ނުރައްކާ އެންމެ ވަރުގަދައަށް ފެނިގެން ނުދިޔަ އިރު، ޕެޑްރޯ ޕޯރޯއާއި ސޮލާންކޭއަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އޭގެ ތެރެއިން ސޮލާންކޭ ބޯޅަ ގޯލަށް ފޮނުވާލި ނަމަވެސް، ވީއޭއާރް ބަލައި ރެފްރީ ނިންމީ އޭނާ އޮފްސައިޑް މަގާމެއްގައި ހުރި ކަމަށެވެ.
އެ ނިންމުން ރެފްރީ މައިކުން ދަނޑަށް އިވޭ ވަރަށް އިއްވާފައިވާ އިރު، އެއީ އިނގިރޭސި ފުޓުބޯޅައިގެ މެޗެއްގައި އެގޮތަށް ނިންމުން ތަފްސީލުކޮށްދިން ފުރަތަމަ ފަހަރެވެ.
ލީގު ކަޕްގެ ދެވަނަ ސެމީގައި ލިވަޕޫލާއި ޓޮޓެންހަމް ވާދަކުރާ ދެވަނަ ލެގު އޮންނާނީ ފެބްރުއަރީ ހަތްވަނަ ދުވަހުއެވެ.
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް
އިނގިރޭސި ލީގު ކަޕް