ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވި 11 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން އެންގި އިރު، ޔާމީނާ ދެކޮޅަށް އާ ހެކި ބަލައިނުގަންނަން ހައި ކޯޓުން އަންގާފައިވާ އެންގުން ބަދަލުކުރަން ދައުލަތުން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މިމަހުގެ 20 ވަނަ ދުވަހަށް ސުޕްރީމް ކޯޓުގައި ކުރިއަށްގެންދަން ތާވަލު ކޮށްފިއެވެ.

އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ޔާމީންގެ މައްޗަށް ރިޝްވަތު ދިނުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް އަދި ވ. ފުލިދޫ، ހަނދުވަރީގެ، ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތުވާ ކަމަށް 25 ޑިސެންބަރު 2022 ދުވަހު ކުރިމިނަލް ކޯޓުން ހުކުމް ކުރިއެވެ.

ކުރިމިނަލް ކޯޓުގެ އެ ހުކުމް ޔާމީން އާއި ޔޫސުފް ނައީމްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކުރިމިނަލް ކޯޓުގެ ނިންމުމާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް ޓަކައި މައްސަލަ ކުރިމިނަލް ކޯޓަށް ތަހުވީލުކުރުމަށް 18 އެޕްރީލް 2024 ދުވަހު އެ ކޯޓުން ވަނީ ނިންމާފައިވެއެވެ.

ނަމަވެސް ހައިކޯޓުގެ ނިންމުމުގައި، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާ އިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 135 ވަނަ މާއްދާގެ ދަށުން ދައުލަތުން ހުށަހެޅި ހެކިތައް އެއްފަރާތް ކުރުމަށް އަންގާފައިވެއެވެ. އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން އަންގާފައިވަނީ، އެ ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅު ނޫން ކަމަށް ބަޔާންކޮށެވެ. ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައަކީ ހައި ކޯޓުގެ އެ ނިންމުން ބަދަލު ކުރުމަށް ހުށަހެޅި މައްސަލައެކެވެ.

ސުޕްރީމް ކޯޓުގައި މީގެކުރިން ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުގެ ޕަބްލިކް ޕްރޮސެކިއުޓާ ޝަފީއު އަހުމަދު ވިދާޅުވީ ހައި ކޯޓުގެ އެ އެންގުމަކީ ގާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ހިލާފަށް އެންގި އެންގުމެއް ކަމަށެވެ. ގާނޫނުއަސާސީގެ އެ މާއްދާއަކީ ކޯޓުތަކުގެ އިހުތިސޯސް ބަޔާންކުރާ މާއްދާއެވެ.

  • (ހ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއްވިޔަސް ގާނޫނުއަސާސީއާ ހިލާފުވޭތޯ ބެލުމާއި އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސުޕްރީމްކޯޓަށް
  • (ށ) ކޮންމެ ކޯޓެއްގައިވިޔަސް، ބަލަމުންދާ މައްސަލައެއްގައި ގާނޫނުއަސާސީ މާނަކުރާން ޖެހިއްޖެނަމަ އެ މައްސަލައަކާ ގުޅޭގޮތުން އެ ކޯޓަކުން ގާނޫނުއަސާސީ މާނަކުރުމަކީ މި މާއްދާގެ (ހ) އާ ތައާރުޒުވާ ކަމެއް ނޫން
  • (ނ) ކޮންމެ ކޯޓަކަށްމެ އެ ކޯޓެއް ހިމެނޭ މަރުޙަލާއަށްވުރެ ދަށު މަރުޙަލާއެއްގެ ކޯޓަކުން ނިންމާ ނިންމުން ބަދަލުކުރުމުގެ ބާރު ލިބިގެންވޭ
  • (ރ) މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ