ފުލުހުން 2022 މާޗު 09 ގައި ހިންގި ޑްރަގް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި ފޮށިގަނޑާ ހަވާލުވާން ދިޔަ މީހަކު އުމުރަށް ޖަލަށް ލުމަށާއި 100،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކުރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި އުމުރަށް ޖަލަށް ލައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައި ވަނީ ސ. ހިތަދޫ، ޖިބްރޯލްޓާ، ޝަރުވާން ސަލީމެވެ. އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.
އެ ދައުވާގައި ދައުލަތުން ބަޔާންކޮށްފައިވަނީ 2022 މާޗު 02 ވަނަ ދުވަހު، ރާއްޖެ އައި ދުބާއި ފުލައިޓަކުން ކ. މާލެ، ގ. ޑްރޫފް، އަހުމަދު ރަޝީދު ނަމުގައި ކޮރިއާ ސާވިސް މެދުވެރިކޮށް ރާއްޖެއަށް ގެނައި ކަރުދާސް ފޮށިގަނޑެއް ސްކޭން ކުރިއިރު، ކޮންމެވެސް އެއްޗެއް ރައްކާކޮށްފައިވާ ކަމަށް ޝައްކު ކުރެވިގެން އެ ފޮށިގަނޑު ފުލުހުންނާ ހަވާލުކުރުމުން، އެ ފޮށިގަނޑާ ހަވާލުވާން އަންނަ މީހަކު ހޯދުމަށް 2022 މާޗު ނުވަވަނަ ދުވަހުގެ 9:25 އެހާކަންހާއިރު ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންގައި ފުލުހުން މއ. ބޮޑުދަހަރާގޭގައި ހިންގަމުން އަންނަ ފެޑެކްސް އޮފީހުގައި ހަރަކާތްތެރިވި ކަމަށެވެ. ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުން ދަނިކޮށް މ. އެޑީރީޑް، މުހައްމަދު ޝިޔާހު އަލީ އެ ފޮށިގަނޑާ ހަވާލުވުމަށްފަހު އެ ފޮށިގަނޑު ޝަރުވާން ސަލީމަށް ދީފައިވާ ކަމަށެވެ.
ޝަރުވާން ސަލީމް އެ ފޮށިގަނޑާ ހަވާލުވެ ސައިކަލުގައި ދާން އުޅެނިކޮށް ފުލުހުން ވަނީ އޭނާ ހުއްޓުވައި ފޮށިގަނޑު ބަލައި ފާސްކޮށް، ފޮށިގަނޑުގެ އަރިމަތީގައި ފޮރުވައިފައިވާ 989.1 ގްރާމް މެފެޑްރޯން ހޯދައިފައި ކަމަށެވެ.
އެ ދައުވާއަށް ޝަރުވާން ސަލީމް ވަނީ އިންކާރުކޮށްފައެވެ. އެހެންވެ ދައުލަތުން ވަނީ އޭނާގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ހެކި ހުށަހަޅައިފައެވެ.
ދައުލަތުން ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް މި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވަނީ ޝަރުވާން ސަލީމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅުއްވައިފައެވެ. އެގޮތަށް ކަނޑައެޅުއްވި ރައުޔުގައި ގާޒީ ވިދާޅުވީ މަސްތުވާތަކެތި ހުރި ފޮށިގަނޑާ ޝަރުވާން ސަލީމް ހަވާލުވާން ދިޔަ ކަމަށާއި އެއިން މަސްތުވާތަކެތި ފެނުނުކަން ދައުލަތުން ހުށަހެޅި ހެކިން ކަމަށްވާ ކޮންޓްރޯލް ޑެލިވަރީ ހިންގި ފުލުހުންގެ ހެކިބަހުން ސާބިތުވާ ކަމަށެވެ. އަދި ފޮށިގަނޑުގައި ފޮރުވައިފައި ހުރި އެއްޗަކީ މަސްތުވާތަކެތިކަން އެތަކެތީގެ ތަހުލީލު ރިޕޯޓުން ސާބިތުވާ ކަމަށެވެ.
ޝަރުވާން ސަލީމް ފޮށިގަނޑާ ހަވާލުވީ އެހެން މީހަކު ބުނެގެން ކަމަށް އޭނާ ފުލުހުން ކައިރީގައި ބުންޏަސް، އިތުރަށް ކޮންޓްރޯލް ޑެލިވަރީ ކުރިއަށް ނުގެންދިޔުމަށް ފުލުހުން ނިންމި ކަމަށް ގާޒީ ވިދާޅުވިއެވެ. ފުލުހުން އެގޮތަށް ނިންމީ ޝަރުވާން ސަލީމް، ފޮށިގަނޑު ހިފަައިގެން ދާން އުޅުނީ ކޮންޓްރޯލް ޑެލިވަރީ ހިންގުމަށް ރައްކާތެރި ތަނަކަށް ނުވުމުގެ ސަބަބުން ކަމަށް ގާޒީ ވިދާޅުވިއެވެ.
ފޮށިގަނޑާ ހަވާލުވާން ދިޔައީ އެހެން މީހަކު ބުނެގެން ކަމަށް ޝަރުވާން ބުނި ނަމަވެސް އެ ބުނާ މީހަކާ ގުޅޭގޮތުން ޝަރުވާން ސަލީމަށް އެނގެނީ އެ މީހެއްގެ ވަނަމާއި ގުޅޭނެ ނަންބަރާއި އެއީ ދޮންކޮށް ބޯދިގުކޮށް ހުންނަ މީހެއް ކަން އެކަނި ކަމަށް ގާޒީ ވިދާޅުވިއެވެ.
އެ ބުނާ މީހާއަކީ ޝަރުވާން ސަލީމުގެ 11 އަހަރުވީ ރައްޓެއްސެއް ކަމަށް ޝަރުވާން ބުނެފައިވާއިރު އެ މީހަކާ ބެހޭ އިތުރު މައުލޫމާތު ޝަރުވާނަށް އެނގެން ޖެހޭނެ ކަމަށް ޝަރީއަތަށް ގަބޫލުކުރެވޭ ކަމަށް ގާޒީ ވިދާޅުވިއެވެ. އެހެންކަމުން ޝަރުވާން ފޮށިގަނޑާ ހަވާލުވާން ދިޔައީ އެހެން މީހަކު ބުނެގެންކަން ބެލެވެން ނެތް ކަމަށް ގާޒީ ވިދާޅުވިއެވެ. ޝަރުވާން އޭނާގެ އެ ބުނާ ރައްޓެއްސެއްގެ އިތުރު މައުލޫމާތު ފުލުހުންނާ ހިއްސާ ނުކުރީ އެ ރަހުމަތްތެރިޔާ ހޯދުމަށް ބޭނުން ނުވާތީ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.
"މި ބަޔާންކުރެވުނު ކަންކަމަށް ބަލާއިރު، ޝަރުވާންގެ ވާހަކައިގައި އަދި އަމަލުކޮށްފައިވާ ގޮތުން ޝަރުވާން ދައްކަނީ ތެދު، ހަގީގީ ވާހަކަ ކަމާމެދު ސުވާލު އުފެދޭ ކަންތައްތަކެއް ހިމެނެއެވެ." ގާޒީ ވިދާޅުވިއެވެ.
އެހެންވެ އެކަންކަމަށް ރިއާޔަތްކޮށް ޝަރުވާން ސަލީމުގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ އުމުރަށް ޖަލަށް ލައި އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް، އެ ފައިސާ އެއް އަހަރު ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ގާޒީ ވަނީ ހުކުމްކުރައްވައިފައެވެ.
ޝަރުވާން ސަލީމަކީ މި މައްސަަލައިގައި ހުކުމެއް ކުރުމުގެ ކުރިން ބަންދުކޮށްފައިވާ މީހަކަށްވުމުން ބަންދުގައި ހުރި މުއްދަތު ޖަލު ހުކުމުގެ ތަންފީޒީ ބައިން ވަނީ އުނިކޮށްފައެވެ. ގާޒީ ވިދާޅުވީ މި މައްސަލައިގައި ޝަރުވާން ސަލީމް ތަންފީޒު ކުރަން ޖެހޭނެ ޖަލު އަދަބަކީ 22 އަހަރާއި ދެ މަހާއި ތިން ދުވަސް ކަމަށެވެ. އެއީ އޭނާ މި މައްސަލައާ ގުޅިގެން ދެ އަހަރާއި ނުވަމަހާއި 27 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީ ކަމަށް ގާޒީ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު